ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާ ދިމާކޮށް ޤައުމީ ދިފާއީ ބާރުގެ އޮފިސަރުންނަށް ރޭންކުގެ ކުރިއެރުން ދިނުމަށް ނިންމައި، ޕްރޮމޯޝަން ދިނުމުގެ މަސައްކަތް ފަށައިފިއެވެ.
"ދިޔަރެސް"އަށް މައުލޫމާތު ދެއްވި އެމްއެންޑީއެފްގެ އިސްވެރިޔަކު ވިދާޅުވި ގޮތުގައި އެ އިދާރާގެ އޮފިސަރުންނަށް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ޕްރޮމޯޝަން ދިނުމަށް މިހާރު ނިންމައި، ޕްރޮމޯޝަން ދޭނެ އޮފިސަރުންގެ ލިސްޓުތައް ފޮނުވުމަށް އެމްއެންޑީއެފުގެ އެކި ޔުނިޓުތަކުގެ ވެރިންނަށް އަންގާފައިވާ ކަމަށެވެ.
އެގޮތުން މިހާރުވެސް ޕްރޮމޯޝަން ދޭނެ އޮފިސަރުންގެ ލިސްޓުތައް ތައްޔާރުކޮށް ފޮނުވަމުންދާ ކަމަށާއި، އެ ލިސްޓުތައް ލިބުނު މިންވަރަކަށް ސަރުކާރުން ބޭނުންވާ އޮފިސަރުންނަށް ޕްރޮމޯޝަން ހަމަޖެއްސުމަށް ބޭނުންވާ އެޕްރޫވަލްތައްވެސް ދެމުންދާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އަލަށް ޕްރޮމޯޝަންދޭ އޮފިސަރުންގެ ތެރޭގައި މީގެ 3 މަސް ކުރިން ޕްރޮމޯޝަން ލިބިފައިވާ އޮފިސަރުންވެސް ހިމެނޭ ކަމަށެވެ. އެއީ ދުނިޔޭގެ އެއްވެސް ޤައުމެއްގެ އަސްކަރިއްޔާގައި ޕްރޮމޯޝަން ދޭ ގޮތެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އަސްކަރިއްޔާގައި އެއް ރޭންކުން އަނެއް ރޭންކަށް ބަދަލުވުމަކީ ވަކި އުސޫލުތަކެއްގެ ތެރެއިން ކުރާ ކަމަކަށްވާއިރު އާންމުކޮށް ދެ ޕްރޮމޯޝަނުގެ މެދުގައި އެކަށީގެންވާ މުއްދަތެއް ހޭދަވާނެއެވެ.
"ޕްރޮމޯޝަން ދެނީ އާމީއަށް ދޭ ސާވިސްއަކަށް ނުވަތަ ހޯދާ އެކަޑެމިކް ކުރިއެރުމަކަށް ބޭސްކޮށްފައި ނޫނީ ތަނުގައި ހޭދަކުރި މުއްދަތަކާ ގުޅިގެން. މިއިން އެއްވެސް ކޮންޑިޝަނެއް މީޓްނުވަނީސް ޕްރޮމޯޝަނެއް ދިންތާ 3 މަސް ފަހުން އަނެއްކާ އިތުރު ޕްރޮމޯޝަނެއް ހަމަ އެ އޮފިސަރުންނަށް މިދެނީ. މިއީ މިލިޓަރީތައް ހިންގާ ގޮތާ މުޅިން އިދިކޮޅަށް ކުރާ ކަމެއް،" މި ނޫހަށް މައުލޫމާތު ދެއްވި އެމްއެންޑީއެފްގެ ސީނިއާ އޮފިސަރު ވިދާޅުވިއެވެ.
މިފަދައިން ޕްރޮމޯޝަންތައް ދިނުމުގެ ސަބަބުން އެމްއެންޑީއެފްއަށް ބައިވަރު ޓެކްނިކަލް މައްސަލަތައް ކުރިމަތިވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު ދަށް ރޭންކުތަކުގެ އޮފިސަރުންނަށްވުރެ މަތީ ރޭންކުތަކުގެ އޮފިސަރުން އިތުރުވެފައިވާ ކަމަށް އެ އޮފިސަރު ވިދާޅުވިއެވެ. "ކަމެއް ދިމާވެގެން ބަޑިއެއް ޖަހަން ޖެހޭއިރު، ބަޑި ޖަހާ މީހުންނަށްވުރެ ބަޑިޖަހަން އޯޑަރު ދޭން ތިބޭ މީހުން މިހާރު ގިނަވާނެ،" އެމްއެންޑީއެފުގެ ހާލަތު ސިފަކުރައްވަމުން އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ސަރުކާރުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ އިސްނެންގެވުމަށް އެމްއެންޑީއެފްގެ ތެރެއަށް މިއިން ޒަމާނެއްގައި ސިޔާސީ ނުފޫޒު ނުވައްދާ މިންވަރަށް ނުފޫޒު ވައްދައި، ވަކި ސިޔާސީ ޕާޓީއަކަށް ތާއީދުކުރާ ސިފައިންގެ އޮފިސަރުންނަށް ކުރިއެރުން ދިނުމާއި އެހެނިހެން އިނާޔަތްތައް ދިނުމުގެ ސަބަބުން މުޅި ޤައުމީ ދިފާއީ ބާރު ޚަރާބުވެފައިވާ ކަމަށެވެ.