ޕީޕީއެމް ސަރުކާރުގައި ގާއިމުކުރި އެއްވެސް އެއްބަސްވުމެއްގައި ބޭރުގެ ސިފައިން ރާއްޖޭގައި ތިބެންޖެހޭ ކަމަކަށް ނޯންނާނެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ރަނިންގމޭޓް ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ) އާއެކު މިއަދު ކ.އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ހުރާއަށް ވަޑައިގެން ބޭއްވި ޖަލްސާގައި އުޝާމް ވިދާޅުވީ ސަރުކާރުން ކޮންމެ އެއްޗެއް ކީ ނަމަވެސް މި ގައުމުގައި ބޭރުގެ ސިފައިން ނެތް ކަމަކަށް ނުވާނެ ކަމަށެވެ.
އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މެންބަރެއްކަން ފާހަގަކުރައްވަމުން އުޝާމް ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގައި އޮތް އެއްޗެއް ބައްލަވަން މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެއްބަސްވުންތައް ދައްކަން ސަރުކާރުން ދެކޮޅު ހަދާފައިވާ ކަމަށެވެ.
''އެހެންނަމަވެސް އެ އެގްރިމަންޓްތަކުގެ ތަންތަންކޮޅު އަޅުގަނޑުމެންނަށް ފެންނަ ގޮތެއްވި. އެކަމާ ގުޅޭ ގޮތުން އަޅުގަނޑުމެން މިނިސްޓްރީ އޮފް ޑިފެންސާއި އަދި އެ މިނިސްޓްރީގެ އިސް ވެރިންނާއި ބައްދަލުކުރިން. އެބޭފުޅުން ވެސް އެބަ ގަބޫލުކުރައްވާ ރާއްޖޭގަ އިންޑިއާ ސިފައިން އެބަތިބިކަން. މިހާރު އެ ކިޔަނީ ހަތިޔާރު އަޅައިގެން ތިބި އިންޑިއާ ސިފައިންނެއް ނެތޭ.'' އޭނާ ވިދާޅުވިއެވެ.
ނަމަވެސް އެއްވެސް ސިފައެއްގައި ވެސް ރާއްޖޭގައި ބޭރުގެ ސިފައިން ތިބެން ނުޖެހޭ ކަމަށް އުޝާމް ވިދާޅުވިއެވެ.
''ދެން ވިދާޅުވަނީ އެކަން އެގޮތަށް ކުރަންޖެހުނީ ރައީސް ޔާމީންގެ ސަރުކާރުންނާއި އޭގެ ކުރީ ސަރުކާރުތަކުން ފާޑުފާޑުގެ އެގްރިމަންޓް ހަދާފަ ހުރީމަ އެ އެއްބަސްވުންތަކުގެ ދަށުން ހެލިކޮޕްޓަރު ދުއްވާ މީހުންނާއި ޑޯނިއާ ދުއްވާ މީހުންނާއި މިފަދަ މީހުން. އަޅުގަނޑަކީ އެ އެގްރިމަންޓްތައް ފެނުނު މީހެއް.'' އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ އެއްވެސް އެއްބަސްވުމެއްގައި ބޭރުގެ ސިފައިން ރާއްޖޭގައި ތިބެންޖެހޭ ކަމަކަށް ނޯންނާނެ ކަމަށެވެ.