އުތުރުތިލަފަޅުން ގޯތި ދޭން ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް ވިދާޅުވުމުން އެ ސަރަހައްދުން ގޯތި ދޭތޯ ބަލަން "ދިޔަރެސް" ގެ ނޫސްވެރިންގެ މައްސަލަ ޑިފެންސް މިނިިސްޓްރީން ފުލުހަށް ހުށަހަޅައިފިއެވެ.
ޑިފެންސް މިނިސްޓްރީން ދާދި ދެންމެ އަކު ވަނީ އުތުރުތިލަފަޅުގައި އޮންނަ ސިފަވަރު ބަނދަރަށް ހުއްދަނެތި ވަދެ ވީޑިއޯކޮށް ވީޑިއޯ އާންމުކޮށްފައިވާތީއާއި, އެރަށުގައި ހުރި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓްކްލާސްގެ އަމުރަށް ނުކިޔަމަންތެރިވެ އެރަށަށް އަރަން އުޅުނު މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ.
އުތުރުތިލަފަޅުން ގޯތި ދޭނެ ކަމަަށް ރައީސް އިބްރާހީމް ވިދާޅުވުމުން "ދިޔަރެސް" ގެ ނޫސްވެރިން ވަނީ އިއްޔެ އެ ސަރަހައްދަށް ގޮސްފައެވެ. ދިޔައިރު އެރަށުގައި މުޅިން ތިބީ އިންޑިޔާ މީހުންނެވެ. އެއީ އުތުރުތިލަފަޅުގައި ތަރައްޤީކުރާ އަސްކަރީ މަރުކަޒުގެ މަސައްކަތްކުރާ އިންޑިއާ ކުންފުނީގެ މުވައްޒަފުންނެވެ. އެމްއެންޑީއެފުން މިހެން ބުނެފައިވާ އިރު އެތަނަށް ދިޔަ "ދިޔަރެސް" ގެ ނޫސްވެރިން އެރަށަށް އެރުމަށް މަސައްކަތްކޮށްފައިނުވެއެވެ. އަދި އެރަށުގެ ފަޅުތެރެއަށް ވަނުންމަނާ އެއްވެސް ނިޝާނެއް ޖަހާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
އެތަނުގައި މަސައްކަތް ކުރަމުންދަނީ ރެއިލް ވިކާސް ނިގާމް ނަމަކަށް ކިޔާ އިންޑިޔާ ކުންފުންޏަކުންނެވެ. "ދިޔަރެސް" ގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔުމުން ޖެޓީ ކައިރިއަށް ދުވެފައި ނިކުތީ އެމްއެންޑީއެފް މީހެކެވެ. އޭނަ ވަނީ އެތަނަށް ނޭރޭނެ ކަމަށްބުނެފައެވެ. އަދި ރޯހިތު ކިޔާ މީހަކަށް ގުޅަން ކައިރީގައި ތިބި އިންޑިޔާ މީހުންނަށް އެންގިއެވެ.