އެމްއެންޑީއެފްއާއި އިންޑިއާ ގުޅިގެން އުތުރުތިލަފަޅުގައި ތަރައްޤީކުރާ ސިފަވަރު ހާބަރާއި ޑޮކްޔާޑު ތަރައްޤީކުރަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުންކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ރާއްޖޭގައި އެކި މަސައްކަތްތައް ކުރުމުގެ ނަމުގައި ޤާއިމުވެ ތިބި އިންޑިއާ ސިފައިން ތިބިކަމަށް ބުނާ ތަންތަން ބަލަން އައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދައުވަތު ދެއްވުމުން އިއްޔެ "ދިޔަރެސް"ގެ ނޫސްވެރިންވަނީ އުތުރުތިލަފަޅަށް ގޮސް އެތަނުގައި ތަރައްޤީކުރާ ސިފަވަރު ބަނދަރަށް ކައިރިކޮށްފައެވެ.
ނަމަވެސް އެތަނުގައި އެވަގުތު ހުރި ހަމައެކަނި ދިވެހި ސިފައިންގެ އޮފިސަރުވަނީ އެތަނަށް ކައިރިނުކުރެވޭނެކަމަށް ބުނެ އެތަނުން ދިއުމަށް ނޫސްވެރިންނަށް އަންގައި އިންޒާރު ދީފައެވެ. އަދި އެމްއެންޑީއެފުންވަނީ އެތަނަށް "ދިޔަރެސް"ގެ ނޫސްވެރިން ކައިރިކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ފުލުހަށް ހުށަހަޅާފައެވެ.
އެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅުމަށްފަހު އިއްޔެ އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުތުރުތިލަފަޅުގައި ޑޮކްޔާޑެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަނީ އިންޑިއާގެ ހިލޭއެހީގެ ދަށުން ކަމަށެވެ.
"އުތުރު ތިލަފަޅުގައި، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެމްއެންޑީއެފުން ތަރައްޤީ ކުރަމުން ދަނީ ކޯސްޓުގާޑުގެ ބޮޑެތި އުޅަނދުތައް ހުޅުމާލޭގައި މިހާރު އަޅާފައިވާ 270 މީޓަރުގެ ސަރަހައްދުގެ ބަދަލުގައި ބޭނުންކުރާނެ 300 މީޓަރުގެ މަގަތު ފާލަމަކާއި 500 ޓަނުން ދަށުގެ ކުދި އުޅަނދު ފަހަރު މަރާމާތުކުރެވޭ ސްލިޕްވޭއަކާއި ރިޕެއާ ފެސިލިޓީއެއް،" އެމްއެންޑީއެފްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްއެންޑީއެފުގެ ބަޔާނުގައި އުތުރުތިލަފަޅުގައި ތަރައްޤީކުރާ ފެސިލިޓީތައް ތަރައްޤީކުރަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުންކަމަށް ބުނި ނަމަވެސް އިންޑިއާގެ ނޫސްތަކުގައި އެ ޤައުމުގެ ސަރުކާރާ ހަވާލާދީ ބުނެފައިވާ ގޮތުން އެތަނުގައި ހިންގާ ތަރައްޤީގެ މަސައްކަތްތަކަކީ އިންޑިއާއިން ދީފައިވާ 50 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 771 މިލިއަން ދިވެހި ރުފިޔާގެ ލައިން އޮފް ކްރެޑިޓެއްގެ ދަށުން ހިންގާ މަޝްރޫޢެކެވެ. އޭގެ ފަހުންވެސް އެ މަޝްރޫޢު ހިންގުމަށް އިތުރު ބައެއް ލައިން އޮފް ކްރެޑިޓު ނަގާފައިވާކަމަށް ވެއެވެ.
އަދި މި މަޝްރޫޢު އިންޑިއާގެ ސަރުކާރު ކުންފުންޏެއްކަމަށްވާ ރެއިލް ވިކާސް ނިގާމް ކިޔާ ކުންފުންޏަކާ 186 މިލިއަން ޑޮލަރު ނުވަތަ 2.9 ބިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވެއެވެ. ވިޔަފާރިއާއި އިޤުތިޞާދާ ބެހޭ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ މަޝްހޫރު ނޫހެއްކަމަށްވާ "ބިޒްނަސް ސްޓެންޑާޑު"ގައި އެ ޚަބަރު ކަވަރުކޮށްފައިވާއިރު ފާހަގަކުރި ގޮތުގައި އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ދިވެހި ސަރުކާރުން ނުވަތަ ޤައުމީ ދިފާއީ ބާރަކުން ނޫނެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ އިންޑިއާގެ ޚާރިޖީވުޒާރާއިންނެވެ.
އެހެންކަމުން އިންޑިއާގެ ހިލޭ އެހީގައި އުތުރުތިލަފަޅު ތަރައްޤީކުރުމުގެ މަސައްކަތްކުރަނީ އެމްއެންޑީއެފުން ކަމަށް އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވީ ނަމަވެސް އެ މަސައްކަތް ކުރަނީ ހިލޭއެހީގެ ދަށުން ނޫންކަމާއި، މަސައްކަތް ކުރުވަނީވެސް އަދި މަސައްކަތްކުރަނީވެސް އެމްއެންޑީއެފުން ނޫންކަން އެނގެއެވެ. މި މަޝްރޫޢު ހިންގަނީ އިންޑިއާ ސަރުކާރުގެ ކުންފުންޏަކުންނެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރި ކްލައިންޓަކީ އިންޑިއާގެ ޚާރިޖީވުޒާރާއެވެ.
އަދި މި މަޝްރޫޢުގެ އަގުކަމަށްވާ 2.9 ބިލިއަން ރުފިޔާއަށް ބަލާއިރު މިއީ އެމްއެންޑީއެފުގެ ބަޔާނުގައި ބުނެފައިވާ ފަދައިން "300 މީޓަރުގެ މަގަތު ފާލަމަކާއި 500 ޓަނުން ދަށުގެ ކުދި އުޅަނދު ފަހަރު މަރާމާތުކުރެވޭ ސްލިޕްވޭއަކާއި ރިޕެއާ ފެސިލިޓީއެއް" ޤާއިމުކުރުމަށް ހިންގާ މަޝްރޫޢެއް ނޫންކަމާއި އެއަށްވުރެ ބޮޑު މަޝްރޫޢެއްކަން ދޭހަވެއެވެ.