ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް 6 މޭ 2021 ވަނަ ދުވަހުގައި ދިން ނުރައްކާތެރި ބޮމުގެ ހަމަލާގެ މޭސްތެރިއެއްކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ޢަބްދުﷲ އަލީގެ މައްޗަށް އެ ހަމަލާ ރޭވުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާކޮށްފައިނުވާއިރު އޭނާއަށް ހުކުމްކުރީ އެ ހަމަލާ ރޭވުމުގެ ކުށުގައި ކަމަށް ބައެއް މީޑިއާއިން ރިޕޯޓުކޮށް، ސަރުކާރަށް ތާއީދުކުރައްވާ ބައެއް ބޭފުޅުން އެވާހަކަ ފަތުރައްވައިފިއެވެ.
މިއަދު ކުރިމިނަލް ކޯޓުން ޢަބްދުﷲ ޢަލީ މަނިކުގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ ނޫސްތަކުގައި، ރައީސް ނަޝީދަށް ދިން ހަމަލާ ރޭވުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިކަމަށް ސުރުޚީތައް ހަދާފައިވެއެވެ.
ޢަބްދުﷲއަކީ ޓެރަރިޒަމްގެ ކުށެއް ސާބިތުވެ ޖަލު ހުކުމް ތަންފީޒުކުރަމުން ދަނިކޮށް އޭނާގެ ހުކުމުގެ މުއްދަތު ރައީސް އިބްރާހީމު ކުރުކުރައްވައިގެން މިނިވަންވި މީހެކެވެ.
ޢަބްދުﷲ އަލީއަކީ 2007 ވަނަ އަހަރު އއ.ހިމަންދޫގައި ހިނގި ހާދިސާތަކުގައި ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގުމުގައި އިސްކޮށް މަސައްކަތްކުރި މީހެކެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވީ 2008 ވަނަ އަހަރުގެ މޭ މަހުގެ 15 ވަނަ ދުވަހުއެވެ.
އެ ހުކުމުގައި ޖަލުގައި ބަންދުކޮށްފައިވަނިކޮށް ދެ ފަހަރެއްގެ މަތިން އޭނާވަނީ ޖަލުން ފިލާފައެވެ. އެއީ2009 ވަނަ އަހަރު ފިލައިގެން ގޮސް ގދ ތިނަަދޫގައި އުޅެނިކޮށް ހައްޔަރުކުރި ފަހަރާއި، 2010 ވަނަ އަހަރު ޖަލުން ފިލައިގެން އުޅެނިކޮށް އަހަރެއް ފަހުން ހައްޔަރުކުރި ފަހަރެވެ. އެ ދެ މައްސަލާގައި އޭނާގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ހުކުމެއް އައިސްފައިވެއެވެ.
2019 ވަނަ އަހަރު އޭނާ މިނިވަންވެފައިވަނީ އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްތައް ތަންފީޒުކޮށް ނުނިމެނީހެއެވެ. އޮންލައިން ނޫސް "މިހާރު"އިން އެ ނޫހަށް ލިބިފައިވާ ލިޔެކިޔުންތަކާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ އޭނާ މިނިވަންކޮށްފައިވަނީ އޭނާގެ މައްޗަށް އޮތް ހުކުމުގެ މުއްދަތު ތިން ދުވަހަށް ކުރުކޮށް 2019 މޭ 5 ވަނަ ދުވަހުގައި ކަމަށެވެ.
އޭނާ ދޫކޮށްލުމަށް އެންގި ސިޓީގައި ސޮއިކުރައްވާފައިވަނީ ރައީސް އޮފީހުގެ ލީގަލް ކައުންސިލް އަޙްމަދު ޢަބްދުﷲ ޢަފީފެވެ. "(މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު) ގެ 29 ވަނަ މާއްދާއިން ލިބިދޭ އިހްތިޔާރުގެ ދަށުން ތިލަދުންމަތި އުތުރުބުރީ މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލީމަނިކު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަމްބަރު ---) ގެ މައްޗަށް ޖިނާއީ ކޯޓުގެ ނަމްބަރު 2007/JC/1896 ގަޒިއްޔާއިން 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކުރެވިފައިވާ ހުކުމް ތަންފީޒުވެ ބާކީއޮތް މުއްދަތު، އެ ގާނޫނުގެ 4 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގިންތިއަށް ނިސްބަތްކޮށް، މިއަދު، 2019 ވަނަ އަހަރުގެ މޭ މަހުގެ 2 ވަނަ ދުވަހުން ފެށިގެން 3 (ތިނެއް) ދުވަހަށް ކުރުކޮށްދިނުމަށް ކަނޑައަޅުއްވައިފި ކަމުގައި ދަންނަވަން ރައިސުލްޖުމްހޫރިއްޔާ ވިދާޅުވި،" އޭނާ ފޮނުއްވި ސިޓީގައި ލިޔުއްވާފައިވާ ސިޓީގައި ބުނެފައިވެއެވެ.
އަލީ ޢަބްދުﷲ އަކީ ޖަލުގައި ހުރި ދުވަސްވަރު މީހުންގެ ސިކުނޑި ދޮވެ، ހަރުކަށި ފިކުރު ފަތުރައި މީހުން ރެކްރޫޓުކުރުމުގެ މަސައްކަތްކުރި މީހެއް ކަމަށް ތުހުމަތުކުރެވޭ މީހެކެވެ. އަދި އޭނާއަކީ ޖަލުން މިނިވަންވެ ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކުރާ މީހެއް ކަމުގައި ތުހުމަތުވާ މީހެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އޭނާ ހައްޔަރުކޮށް ފުލުހުން ބުނެފައިވަނީ އޭނާއަކީ އެ ހަމަލާގެ އެއް މޭސްތެރިޔާ ކަމަށެވެ. ނަމަވެސް ތަހުގީގު ނިންމުމަށްފަހު އޭނާގެ މައްޗަށް އުފުލި ދައުވާއަކީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއެވެ. އެހެންކަމުން އޭނާގެ މައްޗަށް ދައުވާކުރީ ރައީސް ނަޝީދަށް ދިން ހަމަލާ ރާވާ ހިންގުމުގައި އިސްކޮށް އުޅެގެންނެއް ނޫނެވެ.
މިކަމާ ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ 6 މޭގައި މަޖިލިސް ރައީސަށް ދިން ހަމަލައިގެ ތަހުގީގުވަނީ ރަނގަޅަށް ހިންގައި ދައުވާ ކުރެވިފައި ކަމަށެވެ. ނަމަވެސް ޢަބްދުﷲ އަލީ ހައްޔަރުކުރުމަށްފަހު ފުލުހުން ބުނެފައިވަނީ އޭނާއަކީ އެ ހަމަލާ ރާވައި އިންތިޒާމުކުރުމުގެ މޭސްތެރިއެއް ކަމަށެވެ. ޓެރަރިސްޓު ހަމަލާއެއް ރާވައި އިންތިޒާމުކުރި މީހެއްގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާކުރެވޭނެއެވެ. އަދި އެ ދައުވާ ސާބިތުވެއްޖެނަމަ، 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޢަބްދުﷲ އަލިމަނިކުގެ މައްޗަށް ދައުވާކުރި މާއްދާ:
- ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 16 ވަނާ މާއްދާގެ (ހ): އަންނަނިވި ހާލަތްތަކުގައި އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.
- (1) ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުން ނުވަތަ ތާއީދުކުރުމަށް ގޮވައިލުން
- (2) ޓެރަރިސްޓު ޖަމާއަތެއްގެ އަމަލުތައް ދިފާއުކޮށް އެފަދަ އަމަލުތަކަކީ ސަބަބުވެރި އަމަލުތަކެއްކަމަށް ވަކާލާތުކުރުން، ނުވަތަ ތިމާއަކީ ވަކި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދައިން ޚިޔާލުފާޅުކުރުމާއި، އެފަދައިން ފާޅުކުރާ ޚިޔާލު ރައްދުވާ ފަރާތުން އެ ޚިޔާލަށް ބަރޯސާވެ، ޓެރަރިސްޓު ޖަމާއަތަކަަށް އެފަރާތުން ތާއީދުކުރުމަށް ހިތްވަރުބިގަނެދާނެކަމާމެދު ފަރުވާލެއް ނެތި އެ ޚިޔާލު ފާޅުކުރުން
- (3) ވަކި ބައްދަލުވުމަކީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމަށް ގޮވައިލުމަށްޓަކައި، ނުވަތަ ޓެރަރިސްޓު ޖަމާއަތެއްގެ ހަރަކާތްތައް ކުރިއެރުވުމަށްޓަކައި، ނުވަތަ ޓެރަރިސްޓު ޖަމާއަތަކަށް ނިސްބަތްވާ ފަރާތަކަށް ނުވަތަ ޓެރަރިސްޓު ޖަމާއަތަކަށް ނިސްބަތްވާކަމަށް ބުނާ ފަރާތަކަށް، ނުވަތަ ޓެރަރިސްޓު ޖަމާއަތަކަށް ފާޅުގައި ތާއީދުކުރާ ފަރާތަކަށް ވާހަކަދެއްކުމުގެ ނުވަތަ ތަޤުރީރުކުރުމުގެ ފުރުސަތު ދިނުމަށްޓަކާ ބާއްވާ ބައްދަލުވުމެއްކަން އެނގިހުރެ، އެފަދަ ބައްދަލުވުމެއް ރޭވުން ނުވަތަ އިންތިޒާމުކުރުން ނުވަތަ ރޭވުމުގައި ނުވަތަ އިންތިޒާމުކުރުމުގައި އެހީތެރިވެދިނުން
- (4) ވަކި ބައްދަލުވުމަކީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމަށް ގޮވާލުމަށްޓަކައި ނުވަތަ ޓެރަރިސްޓު ޖަމާއަތެއްގެ ހަރަކާތްތައް ކުރިއެރުވުމަށްޓަކައި ބާއްވާ ބައްދަލުވުމެއްކަން އެނގިހުރެ، އެ ބައްދަލުވުމުގައި ވާހަކަދެއްކުން ނުވަތަ ތަޤުރީރުކުރުން
- (5) ޓެރަރިސްޓު ޖަމާއަތެއްގެ މެންބަރެއްކމަަށް ނުވަތަ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ އަންނައުނެއް ލުން، ނުވަތަ އެފަދަ ދޭހައެއްވުން އެކަށީގެންވާ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޯޓޯއެއް ގެންގުޅުން ނުވަތަ ބޭނުންކުރުން
މަތީގައި ބަޔާންކުރެވުނު މާއްދާއިން ސާފުކޮށް އެނގޭ ގޮތުގައި މި މާއްދާއަކީ އަދި މި މާއްދާގައި ބަޔާންކުރާ ކުށަކީ އެއްވެސް ހާލެއްގައި ޓެރަރިސްޓު ހަމަލާއެއް ދިނުމާއި، އެފަދަ ހަމަލާއެއް ދިނުމަށް ރޭވުމާ ގުޅުންހުރި މާއްދާއެއް ނޫނެވެ. އެހެންކަމުން އަބްދުﷲގެ މައްޗަށް އުފުލި ދައުވާއަކީ މޭ 6 ގެ ހަމަލާއާ ގުޅިގެން އުފުލި ދައުވާއެއް ކަމުގައި ނުބުނެވޭނެއެވެ. އެއީ އެ މައްސަލައިގެ ތެރެއިން ފާހަގަވި މުޅިން ތަފާތު އެހެން ކަމެއްގައި އުފުލި ދައުވާއެކެވެ.
ޢަބްދުﷲ އަލިމަނިކުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވުމާ ގުޅިގެން އަދަބު ކަނޑައެޅުމުގެ މަރުހަލާގައި އޭނާގެ ދިފާއުން މިއަދު ފާހަގަކުރި އެއް ނުކުތާއަކީ އޭނާ ހައްޔަރުކުރީ މޭ 6 ގެ ހަމަލާއާ ގުޅިގެންކަމަށްވީ ނަމަވެސް އެ މައްސަލާގައި އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައިނުވާ ކަމެވެ.
މި މައްސަލާގައި މޭ 6 ގެ ހަމަލާގެ މޭސްތެރިއެއްކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މުހައްމަދު ތަސްލީމުގެ މައްޗަށްވެސް އުފުލާފައިވަނީ ޢަބްދުﷲ އަލިމަނިކުގެ މައްޗަށް އުފުލި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް އެ ދައުވާވެސް ސާބިތުވެފައިނުވެއެވެ.