ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި އެންމެ ގިނަ އަދަދަކަށް ދަރަންޏަށް ފައިސާ ނަގާފައިވަނީ އިންޑިއާއިންނެވެ. އެ ޤައުމުގެ އެގްޒިމް ބޭންކުން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ނަގައިގެން އެކި މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން އިއުލާނުކޮށްފައިވެއެވެ. އަދި އޭގެ އިތުރަށް އެ ލައިން އޮފް ކްރެޑިޓުގެ ބޭރުން ބުރިޖުގެ މަސައްކަތަށް 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ނެގިއެވެ. އެ މަޝްރޫޢު އަވަސްކުރުމުގެ ނަމުގައި ފަހުން އިތުރު 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ނަގާފައިވެއެވެ.
މި ހުރިހާ ކްރެޑިޓް ލައިނަކާއެކު އިންޑިއާއަށް ރާއްޖެއިން ދަރާފައިވާ އަދަދު ފާއިތުވި 2022 ވަނަ އަހަރުގައި 42 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މި ފައިސާއިން ފެށި އަދި ފަށަން އިއުލާނުކުރި މަޝްރޫޢުތަކަށް ޖުމްލަ 5.8 ބިލިއަން ރުފިޔާ މިހާތަނަށްވަނީ ހޭދަވެފައެވެ. މި ހިސާބުކުރުމުގެ ތެރޭގައި އެމްއެންޑީއެފުން އުތުރުތިލަފަޅުގައި ތަރައްޤީކުރަން ނިންމާފައިވާ އަސްކަރީ މަރުކަޒު ތަރައްޤީކުރަން ނެގި 50 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓާއި، ފަހިދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް ހައުސިން ޔުނިޓުތައް އެޅުމަށް ނެގި 407 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ނުހިމެނެއެވެ.
ގްރޭޓާ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ މި ސަރުކާރުން މި ފަސް އަހަރު ހިންގަން ރާވާފައި އޮތް އެންމެ ބޮޑު އުމްރާނީ ތަރައްޤީގެ މަޝްރޫޢެވެެ. އެ މަޝްރޫޢަކީ މާލެއާއި ވިލިމާލެއާއި ގުޅިފަޅާއި ތިލަފުށި ގުޅުވައިލަން ހިންގާ ބޮޑު މަޝްރޫޢެކެވެ. އެ މަޝްރޫޢަށް މިހާތަނަށް ޖުމްލަ 3،085،492،153 (ތިން ބިލިއަން އަށްޑިހަ ފަސް މިލިއަން ހަތަރުލައްކަ ނުވަދިހަ ދެހާސް ސަތޭކަ ފަންސާސް ތިން) ރުފިޔާ ޚަރަދުވެފައިވާކަމަށް "ދިޔަރެސް"އަށް ލިބިފައިވާ ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.
މި މަޝްރޫޢަކީ ތާވަލާ އެއްގޮތަށް ބަރާބަރަށް ހިނގަމުންދާ މަޝްރޫޢެއްކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނި ނަމަވެސް ފަހުން މަޝްރޫޢު ލަސްވެ ދިގުލައިގެން ގޮސްފައިވާކަމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމްވެސް އެއްބަސްވެވަޑައިގެންފައިވެއެވެ. އެ މަޝްރޫޢު ނިމޭނެ އެކި ތާރީޚުތައް ސަރުކާރުން ދިން ނަމަވެސް އެންމެ ފަހުން ރައީސް އިބްރާހީމް ވިދާޅުވެފައިވަނީ މި އަހަރުގެ އޯގަސްޓު މަހަށް މި މަޝްރޫޢުގެ ދަށުން މާލެއާއި ވިލިމާލެ ގުޅުވައިލުމުގެ މަސައްކަތް ނިމޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ މަސައްކަތް ނިމިފައިނުވެއެވެ.
އައްޑޫ މަގުހެދުމުގެ މަޝްރޫޢަކީ އިންޑިއާގެ އެލްއޯއީސީއެއްގެ ދަށުން ހިންގާ ބޮޑު މަޝްރޫޢެކެވެ. 1.1 ބިލިއަން ރުފިޔާއަށް މި މަޝްރޫޢު ހަވާލުކުރީ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓުވެސް ހިންގާ އެފްކޯންސް ކުންފުންޏާއެވެ. މަސައްކަތް ހަވާލުކުރީ 21 ފެބްރުއަރީ 2021 ގައި 730 ދުވަހުން ނިންމާ ގޮތަށެވެ.
މި މަޝްރޫޢުގެ މުއްދަތުގެ ތެރެއިން ބޮޑު ބައެއް ފާއިތުވެގެން ދިޔައިރު މަގު ހެދުމަށް އައްޑޫގެ ގިނަ މަގުތަކެއް ހުރީ ކޮނެފައެވެ. ބައެއް މަގުތައް ހަދައި ނިމުނު ނަމަވެސް ކޮނޮނު ގިނަ މަގުތައް ކޮނެފައި ހުރީއެވެ. ކޮނުނު ކާނުތަކުގައި ފެން ހެދި މަނދިރި އާލާވާ ތަންތަނަށް އެ ތަންތަން ވެއްޖެއެވެ. އައްޑޫ ހުޅުދޫ ފަދަ ބައެއް ރަށްރަށުގައި މަގު ކޮނެފައި ހުރި ގޮތުން ގިނަ ބަޔަކު އަންނަނީ ޝަކުވާކުރަމުންނެވެ.
މި މަޝްރޫޢު ނިމޭނެ ތާރީޚެއް އަދި ނޭނގެއެވެ. މި މަޝްރޫޢު ހިންގުމަށް ދައުލަތުން 32.6 މިލިއަން ރުފިޔާ އަދި ލޯނުން 443.8 މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ. އެއީ ޖުމްލަ 476.4 މިލިއަން ރުފިޔާއެވެ.
ހަނިމާދޫ އެއާޕޯޓުގެ މަޝްރޫޢަކީވެސް އެއް ބިލިއަން ރުފިޔާއަށްވުރެ އަގުހުރި މަޝްރޫޢެކެވެ. އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫޢުގެ ދަށުން ހަދާ ރަންވޭގެ ތެރެއިން އެއް ރަންވޭ މި މަހުގައި ނިންމައި ބޭނުންކުރެވެން ފެށޭނެކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނެފައިވެއެވެ.
މި މަޝްރޫޢަަށް އިންޑިއާގެ ލޯނުން ޖުމްލަ 337 މިލިއަން ރުފިޔާ މިހާތަނަށް ޚަރަދުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ފެންނައިރު، ރީޖަނަލް އެއާޕޯޓްސް ކުންފުންޏާއި، އެ މަސައްކަތްކުރާ ޖޭއެމްސީން ކުރިން ބުނި ގޮތަށް މިހާތަނަށް އެ އެއާޕޯޓުގެ ރަންވޭއެއް ހުޅުވި ބޭނުންކުރަން ފެށިފައިނުވެއެވެ.
އައްޑޫ ގަން އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢަށް އިންޑިއާގެ އެލްއޯސީއިން 63.4 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދެއްކި ނަމަވެސް އެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައި އަދި ކުރިއަށްނުދެއެވެ.
ރާއްޖޭގެ 60 އެތައް ރަށެއްގައި ފުލުސް ސްޓޭޝަންތައް ޤާއިމުކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓެއް ހަމަޖައްސާފައިވެއެވެ. އެ މަޝްރޫޢުގެ އަގުގެ 85 އިންސައްތަ އެގްޒިމް ބޭންކުގެ ލޯނުން ހަމަޖައްސައި އިންޑިއާގެ ކުންފުންޏަކާ މަޝްރޫޢު ހަވާލުކޮށްފައިވެއެވެ.
"ދިޔަރެސް"އަށް ލިބިފައިވާ ފައިނޭންސް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު މިހާތަނަށް މި މަޝްރޫޢަށް އިންޑިއާގެ ލޯނުން އެންމެ ރުފިޔާއެއްވެސް ޚަރަދުކޮށްފައިނުވެއެވެ. ނަމަވެސް ދިވެހި ދައުލަތުގެ ބަޖެޓުން ޖުމްލަ 55.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެ ހިސާބުތަކުން ދައްކައެވެ.
ފުލުސް ސްޓޭޝަން ޤާއިމުކުރާ ރަށްތައް ކަމަށް ސަރުކާރުގެ މަޝްރޫޢުތަކުގެ މައުލޫމާތު އާންމުކުރާ އައިލްސް ވެބްސައިޓުގައި ފެންނަން ހުރި އެއްވެސް ރަށެއްގައި މި މަޝްރޫޢު ފެށިފައިނުވެއެވެ. ގިނަ ރަށްތަކުގައި ފުލުސް ސްޓޭޝަން ޤާއިމުކުރަން ކައުންސިލުތަކުން ކަނޑައަޅާފައިވާ ބިން ސާފުކުރުމުގެ މަސައްކަތްވެސް ނުފެށެއެވެ.
ފިނޭންސް މިނިސްޓްރީން ބަލަހައްޓަމުންދާ ހިސާބުތަކުން އެނގޭ ގޮތުގައި މިހާތަނަށް ފެށިފައިނުވާ ބައެއް މަޝްރޫޢުތަކަށް ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްފައިވެއެވެ. މި މަޝްރޫޢުތަކަށް މިހާތަނަށް އިންޑިއާގެ އެލްއޯއީސީން އެއްވެސް ފައިސާއެއް ހޭދަކޮށްފައިނުވެއެވެ.
މި މަޝްރޫޢުތަކަށް ޑޮމެސްޓިކް ބަޖެޓުން 32.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ފެންނައިރު މިއިން އެއްވެސް މަޝްރޫޢެއް ނުފެށެއެވެ. މިއިން ބައެއް މަޝްރޫޢު ފެށޭނެކަމާމެދު ސުވާލު އުފެދިފައިވެއެވެ.
ގުޅިފަޅު ބަނދަރަކީ 2019 ވަނަ އަހަރުން ފެށިގެން އެ މަޝްރޫޢުގެ މަސައްކަތް ވަރަށް ހަލުއިކޮށް ކުރިއަށްގެންދާނެކަމަށް ސަރުކާރުން ބުނަމުން އައި މަޝްރޫޢެކެވެ. ނަމަވެސް އެ މަޝްރޫޢު މަޑުޖެއްސުމަށްފަހު، ގުޅިފަޅުން މާލެ ރައްޔިތުންނަށް ގޯތި ކަނޑައި ގޯތި ދޫކުރަން ސަރުކާރުންވަނީ އަވަސްވެފައެވެ.
ގުޅިފަޅު ބަނދަރަކީ މާލޭ އިންޓަނޭޝަނަލް ހާބަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ރޭވި މަޝްރޫޢެކެވެ. ކުރީ ސަރުކާރުން ތިލަފުށީގައި ތަރައްޤީކުރަން ނިންމި ބަނދަރު މި ސަރުކާރުން ގުޅިފަޅަށް ބަދަލުކުރި ސަބަބެއް ހާމަކޮށްފައިނުވެއެވެ. ނަމަވެސް އެ ބަދަލާއެކު އެ ބަނދަރު އިތުރަށް ފުޅާކުރުމުގެ ޖާގަ ވަރަށް ބޮޑަށް ހަނިވެގެން ދިޔައެވެ.
މި ލިސްޓުގައި ނުހިމެނޭ ބައެއް މަޝްރޫޢުތަކަށް ހިނގި ޚަރަދާއެކު، މިހާތަނަށް އިންޑިއާގެ އެގްޒިމްގެ އެލްއޯއީސީގެ ދަށުން ހިންގަން ރާވާފައިވާ 15 މަޝްރޫޢަކަށް ޖުމްލަ، 5،829،591،643 (ފަސްބިލިއަން އަށްސަތޭކަ ނަވާވީސް މިލިއަން ފަސްލައްކަ ނުވަދިހަ އެއްހާސް ހަސަތޭކަ ސާޅީސް ތިން) ރުފިޔާ ޚަރަދުވެފައިވެއެވެ. އެ ފައިސާގެ ތެރެއިން ދައުލަތުގެ ބަޖެޓުން 1.02 ބިލިއަން ރުފިޔާ ޚަރަދުވިއިރު އިންޑިއާގެ އެގްޒިމްގެ އެލްއޯއީސީން ޖުމްލަ 4.5 ބިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ. ބާކީ 230 މިލިއަން ރުފިޔާއަކީ އިންޑިއާއިން ދިން ހިލޭ އެހީއެވެ.
ފަސް އަހަރުގެ ތެރޭގައި އިންޑިއާއިން ލޯނު ނަގައިގެން ހިންގަން ރޭވި މަޝްރޫޢުތަކަށް ހިނގި ޚަރަދާއި، އެ މަޝްރޫޢުތައް ނިމުނު މިންވަރާއި ނެރެވުނު ނަތީޖާ ރައްޔިތުން ވަޒަންކުރެއްވުމުން ސަރުކާރުގެ ދުވެއްޔާއި، މަޝްރޫޢުތައް ހިންގުމުގެ ރޭވުންތެރިކަން ހުރި މިންވަރާއި ޤާބިލުކަން ކިރައި ވަޒަންކުރަން އުދަގުލެއް ނުވާނެއެވެ.