Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލެ

މާލެއަށް ހިޖުރަކޮށް ވަޒަންވެރިވި ބަޔަކު އުޅޭކަން ރައީސަށް އެނގިވަޑައިގަތީ ފުރަތަމަ ބުރުން ބަލިވުމުން؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ދައުރުން ބާކީ އޮތީ ފަސްދޮޅަހެއްހައި ދުވަހެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ނެގުމަށް އޮތީ 5 ދުވަހެވެ. ރޭ ދަންވަރު ސަރުކާރުގެ ގެޒެޓުގައި ވަރުގަދަ އައު މަޝްރޫޢެއް އިއުލާނުކޮށްފިއެވެ. މާލޭގައި ވަޒަންވެރިވެގެން އުޅޭ އަތޮޅު ތެރޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބިމާއި ފުލެޓު ބެހުމުގެ މަޝްރޫޢެކެވެ.

ފަހަރުގައި މިއީ ރައީސްގެ ހެޔޮފުޅުކަމުން މާލޭގައި ދިރިއުޅޭ، މި ޝަހަރުގެ ވަޒަންވެރިންގެ ތެރެއިން ހިޖުރަކޮށްގެން މި ފަސްގަނޑުގައި ވަޒަންވެރިވެގެން އުޅޭ މީހުންނަށް ހޯއްދަވައިދެއްވާ ބޮޑު ހައްލެއް ކަމުގައި ބަޔަކު ދެކިދާނެއެވެ. އެކަން ދައްކައިދޭން ބޭނުންވަނީ މިދެންނެވި ގޮތަށެވެ. ރައީސްގެ އޯގާތެރިކަމާއި، ރައްޔިތުންގެ އަޑުއައްސަވާކަމާއި، އެންމެންގެ މެދުގައި ހަމަހަމަކަން ގެންގުޅުއްވާ ކަމުގެ ނަމޫނާއެއްގެ ގޮތުގައެވެ.

ނަމަވެސް ކުޑައިކޮށް ވިސްނައިލުމުން ވީ ގޮތާއި ވަމުންދާ ގޮތް ސާފުވެ ފަހުމުވެދާނެއެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބުގެ ބޮޑު ބައެއް ހިއްސާކުރަނީ މާލެއެވެ. މާލޭގެ ވޯޓު ފޮށިތަކާއި މާލޭގައި ބަހައްޓާފައި ހުރި އަތޮޅު ތެރޭގެ ރަށްތަކުގެ ވޯޓު ފޮށިތަކުން ރައީސަށް ކުރިމަތިވެވަަޑައިގެންނެވި ނާކާމިޔާބެވެ.

މާލެއިން ދުރަށް ވަޑައިނުގެން މާލޭގައި ބަނޑަހަ ޖައްސަވައި، ކޮންމެ ދުވަހަކު ދެއިރަށް މާލޭގެ މަގުތަކަށް ނިކުމެވަޑައިގެން ރައީސް ހިންގަވަނީ އެހެންވެއެވެ. މާލެއިން ލިބިވަޑައިގެންނެވި ނާކާމިޔާބީ ބަދަލުކުރެއްވުމަށެވެ.

މާލެއިން ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބުގެ އެންމެ ބޮޑު ސިއްރަކަށްވީ މާލޭގައި ސަރުކާރުން ހިންގާ ބިންވެރިކުރުމާއި ގެދޮރުވެރިކަމުގެ ހުރިހާ މަޝްރޫޢެއްގެ ކުންނުގައި އޮތް ތަފާތުކުރުމެވެ. މާލޭގައި ވަޒަންވެރިވެގެން އުޅޭތާ އެތައް އަހަރެއްވީ އެތައް ބައެއް މަހުރޫމުކޮށް، އެތައް ޖީލަކަށް ދެމިގެންދާ ތަފާތުކުރުމަށް ޖާގަ ހުޅުވޭ ގޮތަށް ފަރުމާކުރި ބިންވެރިޔާ ސްކީމެވެ. އަދި ފުލެޓު ދިނުމުގައިވެސް އަތޮޅު ތެރެއިން ހިޖުރަކުރި މާލޭގެ ރަށްވެހިންނަށް ލިބޭ ފުލެޓުތައް މަދުކުރުމެވެ.

އެހެންވީމާ ކުރިއާލައި ޕްލޭންކުރުމެއް، ފައިސާ ހޯދުމެއް، ބަޖެޓުކުރުމެއް ނެތި ބޮޑު މަޝްރޫޢެއް ރައީސް އިއުލާނުކުރެއްވީއެވެ. ޤާނޫނު އަސާސީއާ ޚިލާފަށެވެ. ބަޖެޓުގެ ބޭރުން ޚަރަދުކޮށް މަޝްރޫޢުތައް ހިންގުމަކީ ޤާނޫނު އަސާސީން މަނާކުރާ ކަމެކެވެ. ނަމަވެސް އިންތިޚާބުގެ ވޯޓު ހޯދަންވުމުން ޤާނޫނު އަސާސީއާއި ޤާނޫނުތަކަކީ އެހައި މުހިއްމު ކަންކަމެއް ނޫނެވެ.

ރައީސް އިބްރާހީމު ބިންވެރިޔާ ސްކީމު އެންމެ ފުރަތަމަ އިއުލާނުކުރެއްވީ 2022 ވަނަ އަހަރުގައެވެ. އެ ސްކީމު އިއުލާނުކުރި ހިސާބުން "ރައިސްއާރްޓީ"ގެ ނަމުގައި އެ ސްކީމުގެ ބޭއިންސާފާ ދެކޮޅަށް ގިނަ ބަޔަކު ވާހަކަދެއްކިއެވެ. ބައެއް މީހުން އެ ސްކީމު ހިންގުމަށް އެކުލަވައިލި އުސޫލު ބާތިލުކުރަން ކޯޓަށް މައްސަލަތައްވެސް ވެއްދިއެވެ.

އެ އުސޫލު ތައާރަފުކޮށް، އެ އުސޫލާ އެއްގޮތަށް ގޯތި ބަހައި، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނިމުނުއިރުވެސް އެއްވެސް ހިސާބެއްގައި އެ ސްކީމުގެ ދެވަނަ ފިޔަވެއްސެއްގެ ވާހަކައެއް ނުދެކެވެއެވެ. އަޑެއްވެސް ނުއިވެއެވެ. ކުއްލިއަކަށް ދެވަނަ ފިޔަވަހި އައީ ދެވަނަ ބުރުން ކުރިމަތިވެވަޑައިގަތް ނާކާމިޔާބާއެކުއެވެ.

ހަމަހަމަކަމާއެކު، އިޚުލާސްތެރިކަމާއެކު މިކަންކުރާނަމަ އެންމެ ފުރަތަމަ މި ސްކީމެއް ތައާރަފުކުރިއިރުވެސް މިފަދަ ތަފާތުކުރުމެއް ނުހިމެނީހެވެ. ނަމަވެސް އެއިރު ޖެހި ހިސާބު ގޯސްވުމުން އަލުން ހިސާބު ރަނގަޅުކޮށްފައި އަނެއްކާވެސް ރައްޔިތުން ގުއިރޯނުގައި ޖައްސަން މި ބޮޑު ސްކީމެއް އިއުލާނުކުރީއެވެ.

މާލޭގައި ދިރިއުޅޭ އަތޮޅު ތެރޭގެ ވަޒަންވެރިންގެ ހައްގުތައް ހަނދާންވާންވީ މިއަދަކު ނޫނެވެ. ހިޔާ ފުލެޓުތަކުން އަތޮޅު ތެރޭ މީހުން ހިމެނޭހެން އެކި ކެޓަގަރީތަކަށް ދީފައިހުރި ފުލެޓުތަކުގެ އަދަދު މަދުކޮށް، މާލޭ "ރައްޔިތުންނަށް" އެ ފުލެޓުތައް ޚާއްޞަކުރި އިރުއެވެ. ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމުތަކުން އަތޮޅު ތެރެއިން މާލެއަށް ހިޖުރަކޮށް މި ރަށުގައި ވަޒަންވެރިވި މީހުންނަށް ކަނޑައެޅި ފުލެޓުތަކުގެ އަދަދު އެހެން އެއްވެސް ސަރުކާރަކުން މަދުނުކުރާ މިންވަރަށް މަދުކުރިއިރުއެވެ.

ބިންވެރިޔާ ސްކީމު ތައާރަފުކޮށް މާލެ ސަރަހައްދުގެ އެންމެ ޕްރައިމް ބިންތައް މާލޭގެ ވަޒަންވެރިންގެ ތެރެއިން ސަރުކާރުން ޤަބޫލުކުރާ "މާލެ މީހުންނަށް" އެކަނި ބަހައިލިއިރު އަތޮޅު ތެރެއިން މާލެ ހިޖުރަކޮށް ކުލީގެ އަޅުވެތިކަމުގައި ގަނަތެޅި ހަފުސްވަމުންދިޔަ މީހުންގެ މަތިން ހަނދުމަކުރުމެއް ނެތެވެ.

އަތޮޅު ތެރޭ މީހުންނަކީ ހަ ކުޅަނދު ހަމަނުވާ ބައެއްކަމަށް ޤަބޫލުކޮށް އެގޮތުގެ މަތިން ސިޔާސަތުތައް އަތުރައިގެން، ސަރުކާރުން ތިޔަ ކުރަނީ މަލާމާތެކެވެ. އެ ރައްޔިތުންނަށް ކުޑަ ނަމަވެސް އިހުތިރާމެއް ކުރާނަމަ، އެ ރައްޔިތުންގެ އެންމެ ބޮޑު ބޭނުމަށް ހައްލެއް ހޯދުމުގެ ވާހަކަ ދައްކާނީ ރިޔާސީ އިންތިޚާބެއްގެ ފުރަތަަމަ ބުރުން ނާކާމިޔާބުވެވަޑައިގަތުމުންނެއް ނޫނެވެ.

މި ލިއުމާއި ގުޅޭ