ރިސޯޓުތަކެއް ހިންގުމަށް ދޫ ކޮށްފައި ހުރި ރަށްތަކުން ބިމުކުލި ދައްކާން ޖެހޭ ޝެޑިޔުލާ އެއްގޮތަށް ނުދެއްކުމުގެ ސަބަބުން އަރައިފައި ހުރި ޖޫރިމަނާތަކެއް މި ސަރުކާރުން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ކުންފުނިތަކަކަށް މަޢާފު ކޮށްދީފައެވެ. އެކަން ކުރީ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރާ އަދި އެމްޑީޕީއަށް މާލީ ގޮތުން އެހީ ދޭ ފަރާތްތަކަށް، ނާޖާއިޒު ގޮތުގައި، ޤާނޫނީ އަސާސްތަކާ ޚިލާފަށް، ކޮރަޕްޝަނާއި ޚިޔާނާތުގެ ތެރެއިންނެވެ. މިގޮތުން މަޢާފު ކުރި ފައިސާގެ ޢަދަދު ގާތްގަނޑަކަށް ހަތަރު ބިލިއަނަށް އަރައެވެ. މިކަމާ މެދު، ސަރުކާރުގެ ފަރާތުން ދަނީ ޙަޤީޤަތް އޮޅުވައިލައި، ބޮޑެތި ދޮގުތަކާއި ބައިކުޅަބައި ތެދުގެ ވަސީލަތުން ރައްޔިތުން ވައު ވެއްދޭތޯ މަސައްކަތް ކުރަމުންނެވެ. ވީމާ، ކަމުގެ ޙަޤީޤަތަށް ބަލައިލަމާ ހިނގާށެވެ!
މި ބުނެވުނު ކުންފުނިތައް ޖޫރިމަނާކުރެވިފައި ވަނީ، ޓޫރިސްޓް ރިސޯޓާއި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާ ބެހޭ ޤަވާޢިދުގެ ދަށުންނެވެ. އެ ޤަވާޢިދުގައި އޮންނަނީ، ބިމުކުލި ދައްކާން ކަނޑައަޅައިފައި އޮންނަ އެންމެ ފަހު ތާރީޚާ ހަމަޔަށް ކުލި ނުދައްކަންޏާ، އެއަށް ފަހު ފާއިތުވާ ކޮންމެ ދުވަހަކަށް ދައްކާން ޖެހިފައިވާ ކުލީގެ ޢަދަދުގެ %0.5 އިން ޖޫރިމަނާ ވާނެ ކަމުގައެވެ. ސަރުކާރުން މި މައްސަލައިގައި، ރައްޔިތުންނަށް ޙަޤީޤީ މަންޒަރު އޮޅުވައިލާން ކުރި އެއް ކަމަކީ، ޤަވާޢިދުގައި އަޞްލު އޮތީ އަހަރަކު %182 އިންސައްތަ ޖޫރިމަނާކުރެވެޔޭ ބުނެ ދެއްކި ވާހަކައެވެ.
ކަމުގެ ޙަޤީޤަތަށް ބަލާ އިރު، ޤަވާޢިދު އޮތް ގޮތުން ބިމުކުލި ދައްކާން ޖެހޭ ތާރީޚަށް ބިމުކުލި ދައްކައިފިއްޔާ އެއްވެސް ޖޫރިމަނާއެއް ނުވެއެވެ. އެ ތާރީޚަށް ފަހު، ޖޫރިމަނާ ވަނީ ފާއިތުވާ ކޮންމެ ދުވަހަކަށް، ދައްކާން ޖެހިފައި އޮތް ޢަދަދުގެ 0.5 އިންސައްތައެވެ. މިއީ އެއްވެސް ގޮތެއްގައި ގޯސް މިންވަރެއް ނޫނެވެ. ދައުލަތަށް ދައްކާން ޖެހޭ ބިމުކުއްޔާއި ޓެކުހާއި ފީތަކަކީ ރައްޔިތުންގެ ބައިތުލްމާލަށް ވަންނަ، ރައްޔިތުންގެ ޙައްޤުތައް ކަމުގައި ވާއިރު، އެ ފައިސާ ނުދައްކައި މަކަރު ހަދައިގެން ތިބޭ ފަރާތްތަކަށް އެކަށީގެންވާ ވަރުގެ ފިޔަވަޅަކަށް، އަދި ވިޔަފާރިތަކުން ބިމުކުލި ނުދައްކައި ތިބޭން ފަސް ޖެހޭ ވަރުގެ ޢަދަދަކަށް ވާ ވަރުގެ ޖޫރިމަނާއެއް ނެގުމަކީ ކަމުގައި އޮތް ރަނގަޅު ގޮތެވެ. ރިސޯޓުތައް ހެދުމަށް ޓަކައި ދައުލަތުން ބިންތައް/ރަށްތައް ދިނުމުން، އެ ތަންތަން އަވަހަށް ތަރައްޤީކޮށް، އެ ތަންތަން ކުއްޔަށް ހިފާ ކުންފުނިތަކުން ޤަވާޢިދުން އެ ތަންތަނަށް ބިމުކުލި ދެއްކުމަކީ ރައްޔިތުންގެ ޙައްޤުގައި ކޮންމެހެން ވެސް ހިނގާން ޖެހޭ ކަންކަމެވެ. އެ ތަންތަން ތަރައްޤީ ނުކޮށް، ދީފައިވާ މުއްދަތު ފަހަނައަޅައިދާއިރު ވެސް ތިބުމަކީ އެ ތަންތަނުން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭން ޖެހޭ ފައިސާ ނުލިބި، އެ ތަންތަނުން އުފެދޭން ޖެހޭ ވަޒީފާތައް ނުއުފެދި، ޤައުމަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމެކެވެ. ވީމާ، އެހެން ވިޔަނުދިނުމަށް ޓަކައި، ހަރުދަނާ ޑިޓަރެންޓެއްގެ ގޮތުގައި އެކަށީގެންވާ ވަރުގެ ޢަދަދަކުން ޖޫރިމަނާއެއް ކަނޑައެޅުމަކީ ޤައުމާއި ރައްޔިތުންގެ އިޤްތިޞާދީ މަޞްލަޙަތު ނިޔާކުރާ ގޮތެވެ. އެ ގޮތުން ދުވާލަކަށް 0.5 އިންސައްތަ ޖޫރިމަނާއަކީ އެއްގޮތަކަށް ވެސް އެ ބެއިފުޅުން އެ ވިދާޅުވާ ފަދަ "ބުއްދި ޤަބޫލުނުކުރާ" ޢަދަދެއް ނޫނެވެ. އެއްވެސް އިޤްތިޞާދީ މާހިރަކު އެހެން ވިދާޅުވެފައެއް ވެސް ނެތެވެ. އެހެން މި ވިދާޅުވަނީ ރައީސް އޮފީހުގެ ތަރުޖަމާނާއި ޓޫރިޒަމް މިނިސްޓަރު ފަދަ ސިޔާސީ ބޭފުޅުންނެވެ.
ދެން އޮތީ %182 އިންސައްތައޭ ވިދާޅުވެ އޮޅުވައިލައްވާ ސަބަބެވެ. އެހެން އެ ވިދާޅުވަނީ، އެއްކަލަ ބިމުކުލި ނުދައްކާ ކުންފުނީން، ކުލި ނުދައްކައި އޮވެ ގޮސް ފުރިހަމަ އެއް އަހަރު – 365 ދުވަސް – ވުމުން، އެ ހުރިހައި ދުވަސްތަކެއްގެ ޖޫރިމަނާއަށް އަރައިފައި ހުންނާނޭ ޖުމުލަ ޢަދަދަށް ބައްލަވައިގެނެވެ. އެއީ ބޮޑު އޮޅުވައިލުމެކެވެ.
މާލީ ތަނަވަސްކަން ނެތިގެން، ބިމުކުލި ނުދެއްކޭ ބަޔަކަށް، އަރައިފައި ހުންނަ ޖޫރިމަނާތައް މަޢާފުކޮށްދިނަސް އެ މީހުންނަށް ހަރުދަނާ ގޮތެއްގައި ރިސޯޓު ހަދައި ހިންގޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނޯންނާނެއެވެ. އެފަދަ ޙާލަތުގައި، ދައުލަތުގެ މަޞްލަޙަތު ނިޔާކުރަނީ ޖޫރިމަނާތައް މަޢާފުކޮށްދިނުމެއް ނޫނެވެ. ދައުލަތުގެ އެސެޓުތައް – ރިސޯޓު ހަދާން ދީފައި ހުރި ރަށްތައް – އަތުލައިފައި، ޤާބިލު، އަމާނާތްތެރި، އަދި އިތުބާރު ކުރެވޭ ކުންފުނިތަކަށް އެ ރަށްތައް އަލުން އެވޯޑު ކުރުމެވެ.
ސަރުކާރުގެ ފަރާތުން މި ކަމުގައި ދެއްކި އެއް ވާހަކައަކީ، މި ދަންނަވާ ރަށްތަކުން ބިމުކުލި ނުދެއްކުމުން ނަގާ ދުވާލަކަށް 0.5% ގެ ޖޫރިމަނާ އަކީ ބޭންކްތަކުން ލޯނަށް ނަގާ އިންޓްރެސްޓަށް ވުރެ 36 ގުނަ ބޮޑު އެއްޗެކޭ ކިޔައިގެން ދެއްކި ވާހަކައެވެ. މި ނުކުތާއަށް އިޝާރާތްކޮށް، ބިމުކުލީގެ ޖޫރިމަނާ ދުވާލަކު 0.5 އިންސައްތައިގައި ބެހެއްޓުމަކީ ބުއްދި ޤަބޫލުނުކުރާ ކަމެއް ކަމަށް ސަރުކާރުން ބުންޏެވެ. ނަމަވެސް މިއީ ވެސް އެއްވެސް ބުރަދަނެއް ނެތް، އޮޅުވައިލުމެކެވެ. ވިޔަފާރިއަށް ނަގާ ބޭންކް ލޯނުން ނަގާ އިންޓްރެސްޓަކީ އިލްތިޒާމެއް އަދާނުކޮށްގެން، ވާޖިބެއް އަދާނުކޮށްގެން، މަސްއޫލިއްޔަތަކަށް ޚިޔާނާތްތެރިވެގެން، އަދަބެއްގެ ގޮތުގައި ނަގާ އެއްޗެއް ނޫނެވެ. ތައުދީބީ ޠަބީޢަތުގެ (of punitive nature) އެއްޗެއް ނޫނެވެ. ބޭންކުން ވިޔަފާރި ކުންފުނިތަކާއި ވިޔަފާރިވެރީން ލޯނު ނަގަނީ، އެ ފައިސާ އިންވެސްޓްކޮށްގެން، ވިޔަފާރިކޮށްގެން، ނަފާނެރުމަށް ޓަކައެވެ. ބޭންކުން އެ ލޯނުތަކުން އިންޓްރެސްޓް ނަގަނީ، އެ ހޯދޭ ނަފާއިން ބޭންކަށް ވެސް ބައެއް ޙިއްޞާ ވާނޭ ގޮތުންނެވެ. ބޭންކުން ވިޔަފާރިއަށް ދޫކުރާ ކެޕިޓަލް ރިސޯސްގެ ބަދަލުގައި ބޭންކަށް ވެސް ފައިދާއެއް ހޯދުމުގެ ގޮތުންނެވެ. ބޭންކަކުން ދުވާލަކު 0.5 އިންސައްތައިގެ ރޭޓުގައި އިންޓްރެސްޓް ނަގައިފިއްޔާ، އެ ރޭޓުގައި ލޯނު ނަގައިގެން ވިޔަފާރި ކޮށްގެން ފައިދާ ހޯދޭނެ ކުންފުންޏެއް އަދި ވިޔަފާރިއެއް ދުނިޔޭގައި ވެސް ނާދިރު ޙާލަތެއްގައި މެނުވީ ނުވާނެއެވެ. އެ ރޭޓުގައި ބޭންކުން ލޯނު ނަގާނޭ ވިޔަފާރިވެރީންނެއް ނުތިބޭނެއެވެ.
އެޔާ މުޅީން ޚިލާފަށް، ދެންނެވިދިޔަ ޤަވާޢިދުގެ ދަށުން، ރިސޯޓު ހިންގާން ދޭ ރަށްރަށުގެ ބިމުކުލި ނުދައްކާ ފަރާތްތައް ޖޫރިމަނާކުރަނީ، އަދަބެއްގެ ގޮތުގައެވެ. އެއީ ތިމާމެން ދައުލަތަށް އަދާކުރާން ޖެހޭ ޒިންމާއެއް، ވާޖިބެއް، މަސްއޫލިއްޔަތެއް އަދާނުކުރުމުގެ ސަބަބުން އެޅޭ ތައުދީބީ ފިޔަވަޅެކެވެ. އެ ޒިންމާ އަދާނުކޮށް ތިބުން ހުއްޓުވުމަށް ޓަކައި، ޑިޓަރެންޓެއްގެ ގޮތުގައި ނަގާ އެއްޗެކެވެ. އެ ޖޫރިމަނާގެ މަޤްޞަދު ޙާޞިލު ވާނީ ވެސް، އެކަށޭނަ ގޮތެއްގައި ވީހައި ބޮޑު އެއްޗެއް ނެގިގެންނެވެ. އެ ގޮތުން، ދުވާލަކަށް %0.5 އަކީ އެކަށީގެންވާ ޢަދަދެއް ނޫން ކަމަށް އެއްވެސް އިޤްތިޞާދީ ޢިލްމުވެރިޔަކު ވިދާޅުވެފައެއް ނެތެވެ. ސަރުކާރުން އެ މިންގަނޑު ކުޑަކުރީ އެއްވެސް އިޤްތިޞާދީ މަޝްވަރާއެއް، އެއްވެސް ކަހަލަ އިޤްތިޞާދީ ޢިލްމީ ރެކޮމެންޑޭޝަނެއްގެ މައްޗަކަށް ނޫނެވެ. އަދި އެފަދަ ރެކޮމެންޑޭޝަނަކަށް އޮތް ޖާގައެއް، ޖަސްޓިފިކޭޝަނެއް ވެސް ނުފެނެއެވެ.
ޖޫރިމަނާތަކުގެ މިންގަނޑު ބޮޑުވެގެން ނުވާނޭ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟާއީ ނިންމުންތަކުގައި ވިދާޅުވެފައިވެޔޭ ކިޔައިގެން ވެސް، ސަރުކާރުން ބޮޑު އޮޅުވައިލުމެއް ރައްޔިތުންގެ ކުރިމައްޗަށް ނެރުނީއެވެ. ވިޔަފާރި ކުންފުނިތަކުން ދައުލަތަށް ދައްކާން ޖެހޭ ބިމުކުލި، ޓެކްސް، އެކިއެކި ފީތައް ނުދައްކައިގެން، އެ ކަމާ ގުޅިގެން ކުރެވޭ ތައުދީބީ ޖޫރިމަނާތަކުގައި ވަކި ރޭޓެއް ނުވަތަ މިންގަނޑެއް ކަނޑައެއްނޭޅޭނޭ ސުޕްރީމް ކޯޓުގެ އެއްވެސް ނިންމުމެއްގައި ބުނެފައެއް ނުވެއެވެ. ސުޕްރީމް ކޯޓުގެ ޤަޟާއީ ނިންމުމެއްގައި ޖޫރިމަނާ ކުރެވޭނޭ މިންގަނޑު ޤައިދުކޮށްފައި ވަނީ، ދޭދޭ ފަރުދުންނާއި ޝަޚްޞުތަކުގެ މެދުގައި ވެވޭ އެއްބަސްވުންތަކުގައި، އެއް ފަރާތުން އެއްބަސްވުމާ ޚިލާފުވުމުން، އެއްބަސްވުމާ ޚިލާފުވި ފަރާތް ޖޫރިމަނާކުރެވޭ މާއްދާތައް އެއްބަސްވުމުގައި ހިމަނައިގެން، އެ މާއްދާތަކުގެ ބާރުގައި ބޮޑެތިބޮޑެތި ޖޫރިމަނާ ނުކުރެވޭނެ ގޮތަށެވެ. އެއީ އެއްގޮތަކަށް ވެސް، ދައުލަތުން ހަދާ ޤަވާޢިދުތަކާއި ޤާނޫނުތަކުން، ދައުލަތުގެ ބައިތުލްމާލަށް ދައްކާން ޖެހޭ ފައިސާ ނުދައްކާ ފަރާތްތަކާ ދެކޮޅަށް އެޅޭ އިދާރީ ފިޔަވަޅެއްގެ ގޮތުގައި ޖޫރިމަނާކުރާ މިންވަރު ހުންނާންވީ މިންގަނޑު ކަނޑައެޅިއެޅުމެއް ނޫނެވެ.
ސަރުކާރުން ބުނާ ގޮތުގައި، ބިމުކުލި ނުދައްކައި ތިބި ކުންފުނިތަކުން ދައްކާން ޖެހޭ ޖޫރިމަނާގެ ރޭޓު %180 އިންސައްތައިން %18 އިންސައްތައަށް ދަށްކޮށް، އެ ޖޫރިމަނާގެ ޢަދަދުތައް "ރިއެލިސްޓިކް" ކުރީއެވެ. މިއީ އަނެއްކާ ވެސް ބޮޑު އޮޅުވައިލުމެކެވެ. އިސް ވެދިޔަ ނުކުތާތަކުން ވެސް މި ކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. ސަރުކާރުން ކުރި ކަމަކީ، ދައުލަތަށް ފައިސާ ދައްކާން ޖެހި ނުދައްކައި ތިބި ބަޔަކު، ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާ ވެފައި ތިއްބައި، އެ ޖޫރިމަނާގެ ބޮޑު ބައެއް މަޢާފު ކޮށްދިނުމެވެ. އެ ކަން ކުރުމަށް ޓަކައި، ސިޓީއަކުން ނުވަތަ ނޯޓަކުން "މި ފައިސާގެ ބޮޑު ބައި މަޢާފު ކޮށްދީފީމޭ، ނުދެއްކިޔަސް ދެން ހެވޭ" ބުނެ ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ޢަމަލެއް ސީދާ ގޮތެއްގައި ހިންގުމުގެ ބަދަލުގައި، އެ ކަން ކުރުން ޙީލަތްތެރި ގޮތެއްގައި ޤަވާޢިދެއްގެ މާއްދާގެ ބާރުގައި ހުއްދަ ކުރީއެވެ. އެ ގޮތުން، ކުޑަކުރީ، ދުވާލަކަށް %0.5 ރޭޓުގައި ހުރި ޖޫރިމަނާ، ދުވާލަކަށް %0.0493 ގެ ރޭޓަށެވެ. މިތަނަށް %18 އިންސައްތަ ގެންނަނީ، 0.0493 ގެ ރޭޓޭ ބުނީމާ، އެއީ ޖޫރިމަނާ ކުރާން އެކަށީގެންވާ ވަރަށް ވުރެ ކުޑަ ރޭޓެއްކަން އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ވިސްނޭނެތީ، މިހާރު ޖޫރިމަނާ ކުރާ މިންވަރު ވަރަށް ބޮޑުކަން މީހުންގެ ވިސްނުމަށް ވައްދައިދިނުމުގެ ގޮތުންނެވެ. އެހެންޏާ، ޖޫރިމަނާ ކުރާ ރޭޓަކީ %18 އޭ ބުނެވޭނޭ އެއްގޮތެއް ވެސް ނެތެވެ. ކުރެވޭ ޖޫރިމަނާއެއް، ދައްކާން ޖެހޭ އަޞްލު ބިމުކުލީގެ ޖުމުލަ ޢަދަދުގެ %18 އަށް އަރަނީ، ޖުމުލަ އެއް އަހަރު – 365 ދުވަސް – ވާންދެން ފައިސާ ނުދައްކައި ތިބެ، ދުވާލަކު %0.0493 ގެ ރޭޓުގައި ޖޫރިމަނާ އަރަމުން އަރަމުން ގޮސް އެ ހިސާބަށް އެރުމެވެ.
ޝައްކެއް ނެތް ގޮތުގައި، ޖޫރިމަނާގެ ރޭޓު %0.0493 އަށް ކުޑަ ކުރުމަކީ، ބިމުކުލި ނުދައްކާ ފަރާތްތައް ޖޫރިމަނާ ނުކުރުމާ ދާދި އެއްފަދަ ކަމެކެވެ. އެއީ އެއްވެސް ޙާލެއްގައި އެ ކުންފުނިތަކުން ބިމުކުލި ބަރާބަރަށް ދެއްކުމަށް ހަރުދަނާ ގޮތެއްގައި ބާރުއަޅާ، އަދި ބިމުކުލި ނުދައްކައި ތިބުން ހުއްޓުވާ ޑިޓަރެންޓަކަށް ނުވެއެވެ. މިހާރު މި ނަގަނީ، ބަޔަކު ޕިކްނިކަކަށް ދާން ޚަރަދުކޮށްލާ އެތިކޮޅަށް ވުރެ ވެސް ކުޑަ އެއްޗެކެވެ. މިސާލަކަށް، ބިމުކުލީގެ ގޮތުގައި 10 މިލިއަން ދައްކާން ޖެހޭ ރަށެއް ނަގައިގެން، ބިމުކުލި ނުދައްކައި ތިބޭ ބައެއްގެ އަތުން ވެސް، ދުވާލަކަށް އެއިރުން ޖޫރިމަނާގެ ގޮތުގައި ނެގޭނީ އެންމެ -/4930 ރުފިޔާއެވެ. ވީމާ، މިއީ އެއްވެސް ޙާލެއްގައި ދައުލަތުގެ މަޞްލަޙަތާ އެއްގޮތަށް ކުރި ކަމެއް ކަމުގައި ބެލެވޭނެ ގޮތެއް ނެތެވެ. ކޯވިޑާ ގުޅިގެން ގެނައި ބަދަލެއް ކަމުގައި ވަންޏާ، އެ ބަދަލު ދެމި އޮންނާން ވާނީ ކޯވިޑުގެ ޙާލަތުގައި އެކަނިކަން ވެސް ފާހަގަ ކުރާން ޖެހެއެވެ.
ފާހަގަ ކުރާން ޖެހޭ އަނެއް ކަމަކީ، ބިމުކުލީގެ ޖޫރިމަނާ ނުދައްކައި ތިބި ފަރާތްތަކަށް، ޖޫރިމަނާގެ ބޮޑު ބައެއް މަޢާފު ކޮށްދިނީ ޕޯސްޓް ފެކްޓޯކޮށް ޤަވާޢިދު ހިންގައިގެން ކަމެވެ. އާދެ، ހިނގައި ނިމިފައި އޮތް ކަމެއްގެ މައްޗަށް، ފަހުން ހެދުނު ޤަވާޢިދެއް/ފަހުން ޤަވާޢިދަށް ގެނެވުނު އިޞްލާޙެއް ތަޠުބީޤު ކޮށް ހިންގުމުގެ އުޞޫލުގެ ދަށުންނެވެ. މިއީ ޖިނާއީ ޤާނޫނުގެ ދާއިރާގައި، ގިނަ ދައުލަތްތަކުގައި މުޅީން މަނާ ކަމެކެވެ. އިދާރީ އަދި މަދަނީ ދާއިރާގެ މައްސަލަތަކުގައި ބައެއް ޙާލަތުތަކުގައި މިހެން ކަން ކުރެވެއެވެ. ނަމަވެސް އެއީ ވެސް ހަރުދަނާ ސަބަބުތަކެއް ހުރެގެނެވެ. ސަރުކާރުން ބައެއް ކުންފުނިތަކަށް، ވެފައި ހުރި އަދި ދައްކާން ޖެހިފައި ހުރި ޖޫރިމަނާތަކެއް މަޢާފުކޮށްދިނީ އެފަދަ ސަބަބުތަކެއް ހުރެގެން ކަމުގައި ބެލެވޭނޭ އެއްވެސް ސަބަބެއް ނެތެވެ. އެހެނީ، ކަން ކުރި ގޮތުގެ ތަފްޞީލުތަކެއް ސަރުކާރުން ހާމަ ވެސް ނުކުރެއެވެ. ކަން ކުރީ އެއްވެސް ގޮތެއްގައި ޓްރާންސްޕޭރެންޓްކޮށް، ރައްޔިތުންނަށް ވާނުވާ އަންގައިގެނެއް ނޫނެވެ. އެހެންކަމުން، ބަޔަކު ދައުލަތަށް، ރައްޔިތުންނަށް ދައްކާން ޖެހިފައި ހުރި ޖޫރިމަނާ ފައިސާތަކެއް މަޢާފުކޮށް، ރައްޔިތުންގެ ބައިތުލްމާލަށް ވަންނާން ހުރި އެތައް ފައިސާތަކެއް ބައެއްގެ ޖީބަށް ލައިދިނުން ފަދަ ގޮތަކުން ޢަމަލު ކުރި އިރު، އަދި އެ ކަމުގައި ކޮރަޕްޝަނާއި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމާއި، ސަރުކާރާއި ވެރިކަން ކުރާ ޕާޓީއަށް މާލީ އެހީތެރިކަން ހޯދުމުގެ ނިޔަތް އޮތް ކަމުގެ ޝައްކު އިންތިހާ ދަރަޖައަށް އުފެދޭނޭ ގޮތެއްގައި މި ކަން ކުރި އިރު، އެއީ ޕޯސްޓް ފެކްޓޯކޮށް ޤަވާޢިދު ހިންގުން އައުލާވާނޭ ޙާލަތެއް ކަމަށް އެއްވެސް ގޮތަކުން ބެލެވޭކަށެއް ނެތެވެ.