Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ބަނގުރޫޓުވުމުގެ ތުންފަތްމަތީ އޮތް މޯލްޑިވިއަންގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ރައީސް ވައުދުވެއްޖެ

އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މިކަން އިއުލާނު ކުރެއްވީ އެމްޑީޕީން މިރޭ ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައެވެ.

ރައީސް އިބްރާހިމް ވިދާޅުވީ ޕައިލެޓުންނާއި އިންޖިނިއަރުންނާއި ކްރޫއިންނާއި އެހެން ގޮސް އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ އެތައް މުވައްޒަފުންނެއް އެބަތިބި ކަމަށާއި ލަސްތަކެއް ނުވެ އެ ފަރާތްތަކުގެ މުސާރަ ބޮޑު ކުރައްވާނެ ކަމަށެވެ.

''މިހެން ގޮސް މި ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ބޭފުޅުންނަށް މުސާރައިގެ ކުރިއެރުމެއް ލަސްތަކެއް ނުވެ ލިބިގެންދާނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން''

ރައީސް އިބްރާހިމް މިކަން އިއުލާނު ކުރައްވާފައިވާއިރު ސަރުކާރުގެ ކުންފުނި އައިލެންޑް އޭވިއޭޝަންއިން ހިންގާ މޯލްޑިވިއަން ހިންގަނީ ބޮޑު ގެއްލުމެއްގައެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާންމުކޮށްފައިވާ އައިލެންޑް އޭވިއޭޝަނުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުން ބަލާއިރު މިދިޔަ އަހަރުގެ އެއްވެސް ކުއާޓާއެއްގައި އެ ކުންފުންޏަށް ފައިދާވެފައެއް ނުވެއެވެ.

ހިސާބުތަކުން ދައްކާ ގޮތުން އަހަރުގެ ހުރިހާ ކުއާޓާއެއްގައި ވެސް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުންވެ ކުންފުނި އޮތީ ބަނގުރޫޓުވުމުގެ މަގުމަތީގައެވެ.

އެގޮތުން އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުނީގެ ހިންގުމުގެ ޚަރަދުތައް ކެނޑުމަށްފަހު 29.8 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ. އަދި ދެވަނަ ކުއާޓާގައި 67.6 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ވެފައެވެ. އެ ކުއާޓާގައި ގެއްލުން ބޮޑުވީ ކުންފުނީގެ އާމްދަނީ ދަށްވެ ކުންފުނީގެ ހިންގުމުގެ ޚަރަދުތައް އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ތިންވަނަ ކުއާޓާގައި ކުންފުންޏަށް އިތުރު ފައިސާ ލިބި އާމްދަނީ އިތުރުވި ނަމަވެސް ކުންފުންޏަށް 15.23 މިލިއަން ރުފިޔާގެ ގެއްލުންވެފައިވެއެވެ. އަދި މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ކުންފުނީގެ ހިންގުމުގެ ޚަރަދުތައް އިތުރުވެ, އާމްދަނީ ދަށްވެ, ކުންފުންޏަށް އަނެއްކާވެސް 52 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ވެފައެވެ.

އެހެންކަމުން ފާއިތުވި އަހަރުގެ 4 ކުއާޓާގައި ލިބުނު ގެއްލުން އެއްކޮށްލުމުން ޖުމްލަ 164 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ވެފައެވެ.

މި ލިއުމާއި ގުޅޭ