Saturday 20th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ދީނީ އިލްމުވެރިންނަށް ގިނަ ރައްޔިތުން އިތުބާރު ނުކުރަނީ ޑރ. އިޔާޒު ފަދަ މީހުންގެ ފިތުނަވެރިކަމުން: އުޝާމް

ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ގިނަ ރައްޔިތުން އިތުބާރު ނުކުރަނީ އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ.މުޙައްމަދު އިޔާޟް ފަދަ މީހުންގެ ފިތުނަވެރި އަމަލުތަކާ ހުރެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ) ގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ގާނޫނު ބަދަލުކުރީ ޕީޕީއެމް ޕީއެންސީގެ ވެރިކަމުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްކަމީ އިންކާރު ކުރެވެން ނެތް ހަގީގަތެއް ކަމަށް އިޔާޟް ވިދާޅުވުމާ ގުޅިގެން ރައްދުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އުޝާމް ވިދާޅުވީފުރަތަމަ ކަމަކަށް އެ ގާނޫނު ފާސްކުރިއިރު ޕީއެންސީ ކިޔާ ޕާޓީއެއް ނުވެސް އޮންނަ ކަމަށެވެ. އަދި އޭރު އެ އިސްލާހު ފާސްވީ މިއަދު ވެރިކަމުގަ އޮތް އެމްޑީޕީމް ވެސް ވޯޓުދީގެން ކަމަށް އުޝާމް ވިދާޅުވިއެވެ.
ދީނީ އިލްމްވެރިންނާމެދު ރައްޔިތުންގެ ގިނަ ބަޔަކު މިއަދު އިތުބާރު ނުކުރަނީ ޑރ.އިޔާޟް ކަހަލަ މީހުންގެ ފިތުނަވެރި އަމަލުތަކުގެ ސަބަބުން
އަޙްމަދު އުޝާމް - އެމް.އެން.ޕީ ގެ ނައިބު ރައީސް
އަދާލަތަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނާއި ޚާއްސަ ގޮތެއްގައި އިޔާޟަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ދިފާއު ކުރެއްވުމަށް ކޮންމެފަދަ ވާހަކައެއް ވެސް ދައްކަވައިފާނެ ބައެއް ކަމަށް ރާއްޖޭގެ މެޖޯރިޓީ މިއަދު ގަބޫލުކުރެއެވެ. ގިނަ ބަޔަކު ސިފަކުރާ ގޮތުން އަދާލަތަކީ ދީން ހަތިޔާރަކަށް ނަގައިގެން މި ސަރުކާރު ދިފާއު ކުރުމުގައި މަސައްކަތްކުރާ ހައްދުފަހަނައަޅާފައިވާ ޖަމާއަތެކެވެ. ދާދިފަހުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިލްޔާސް ޖަމާލް ވެސް ވަނީ އަދާލަތުގެ ރައީސް އިިމްރާން ޢަބްދުﷲ އަކީ ''ދީނީ ކާޑު'' ކުޅުއްވުމުގައި އަރައި ހުންނެވި ބޭފުޅެއްކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ގާނޫނު ބަދަލުކުރުމުގެ އިސްލާހުގެ ވާހަކަ ދެކެވެމުންދާއިރު އޭރުގެ ރައީސް ޔާމީން ވިދާޅުވެފައިވަނީ އެ ތަސްދީގު ކުރެއްވީ ކުރިމަގުގައި ދިވެހި ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަސްތަކެއް ފެންނާނެ ކަމުގެ އުންމީދުގައި ކަމަށެވެ.

''މި ގެނެވުނު އިސްލާހަކީ ދުނިޔޭގެ އެތަން މިތަނުގައި ޢަމަލުކުރަމުންދާ ގޮތް. ބިމަކީ އޭގެ ފުރިހަމަ އަގު، އެއަށް ލިބޭނީ މުދާ ރަހުނުގައި ބެހެއްޓި ކަމުގައިވީނަމަވެސް، ވިއްކާލި ކަމުގައި ވީނަމަވެސް، އަދި އެ އިންވެސްޓްމަންޓް، އިންވެސްޓްމަންޓަކަށް ހެދި ނަމަވެސް، ބިމަށް އޮންނަ ހުރިހާ ގަނޫނީ ހައްގުތަކެއް ބިމަށް ލިބިގެން. ބިމަށް އޮންނަ ހުރިހާ ގާނޫނީ ހައްގުތަކެއް ބިމަށް ލިބޭނީ، ބިމަކީ އަމިއްލައަށް މިލްކު ކުރެވޭ ބިމަކަށްވެގެން. ދިވެހިރާއްޖޭގައި މިކަން އޮތީ މިގޮތަށް.'' ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވެފައިވަނީ ދައުލަތަށް ލިބޭ ހުއްދައަކީ ވަރަށް ބޮޑެތި ބެލުންތަކާއެކީ އަދި ކޮންމެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ނޫނީ ކަންކަން ނުކުރެވޭ ގޮތަށް އޮންނަ ކަހަލަ ބަދަލެއް ކަމަށެވެ.

"އެހެންވީމާ މިއީކީ ސަރުކާރު ހިންގަން ހުންނަ މީހަކު، ގަލަމުން ސޮއިކޮށްލާ ސޮއިކޮށްލުމެއްގެ ތެރޭގައި، ދިވެހިރާއްޖެއިން ބައެއް، ބޭރުގެ ފަރާތްތަކަށް ދާ ދިޔުމެއް ނޫން.'' ރައީސް ޔާމީން އޭރު ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތުން ދިވެހިރާއްޖޭގެ ފުރިހަމަ ސިޔާދަތީ ބާރާއި، ދިވެހިރާއްޖޭގެ ގާނޫނުގެ ފުރިހަމަ ބާރު ހުރިހާ ތަނަކަށް ހިނގާނެއެވެ. އަދި އެ އިސްލާހަކީ ބޭރުގެ ދީންތައް ފަތުރަން ރާއްޖޭގައި ލިބޭ ފުރުސަތެއް ނޫން ކަމަށާއި މިއިން އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

''ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ އަވަށްޓެރި ގައުމުތަކާއި ދިވެހި ދައުލަތާ ކަންބޮޑުވާންޖެހޭނެ މައްސަލައަކަށް އޮންނާނީ މިކަހަލަ ކަމެއް ކުރީމަ ދިވެހި ދައުލަތަށް ނޫނީ ދިވެހިރާއްޖެއަށް ބޭރުގެ އެއްވެސްކަހަލަ ނުރައްކަލެއް އަތުވެދާނެތޯ؟ އަޅުގަނޑުމެންގެ އަތްމަތީގައި އޮތް ކަމެއް ބިން ދެނީ ކޮންބަޔަކަށްކަން ދެނެގަތުން. އަޅުގަނޑުމެންގެ އަތްމަތީގައި އޮތް ކަމެއް. ރައްޔިތުންގެ މަޖިލީހާއި ސަރުކާރު ހިންގާ ބައެއްގެ އަތްމަތީގައި އޮތް ކަމެއް.'' ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ތަސައްވުރަކީ ރާއްޖެއަށް ބޭނުންވާ ބޮޑެތި މަސައްކަތްތަކަށް އަދި ބޭނުންވާ އަދަދުގެ ވަޒީފާ އުފެއްދުމަށް ނެޝަނަލް ވެލްތް ނޫނީ ގައުމީ މުއްސަނދިކަން އުފެއްދޭވަރުގެ ބޮޑެތި މަޝްރޫއުތަކަށް ބިން ދޫކުރުމެވެ. އަދި ގާނޫނުއަސާސީން ޖާގަ ލިބުނަސް ސަރުކާރުން އެ ޖާގަ ކޮންމެހެން ބޭރު ފަރާތްތަކަށް ދޭކަށްނުޖެހޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ