ކޮވިޑާ ގުޅިގެން ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ ހަވާލުކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ މައްސަލައިގައި ދައުވާ ކުރި ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.
ކުރިން ޖުމްހޫރީ ޕާޓީގައި ހުންނެވި އަމީން އެމްޑީޕީއާ ގުޅިވަޑައިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވަން ނިންމެވީ އެެމްޑީޕީން މިރޭ ބޭއްވި ކެމްޕޭން ހަރަކާތެއްގައެވެ.
ވެންޓިލޭޓަރު ގަތުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރަން އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ދެތިން ފަހަރެއްގެ މަތިން ފޮނުވިއެވެ. އެ ބޭފުޅުންގެ ތެރޭގައި އަމީން ވެސް ހިމެނިވަޑައިގަންނަވައެވެ.
ނަމަވެސް އެ ހުރިހައި ބޭފުޅުންގެ މައްޗަށް ދައުވާ ސާބިތުވާވަރަށް ހެކި ނެތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވައިލެއްވީއެވެ.
އެކަމާ ގުޅިގެން އޭސީސީން ބުނީ ވެންޓިލޭޓަރުތަކުގެ މައްސަލަ ތަހުގީގުކުރުމަށްފަހު ދައުވާކޮށްދިނުމަށް އެދި ފޮނުވީ ތުހުމަތުކުރެވޭ ފަރާތްތަކުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވެ ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަން އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރިކަމަށް ތަހުގީގަށް ސާބިތުވާތީ ކަމަށެވެ. އެންމެ ފަހުން އޭސީސީން ވަނީ ތިން ބޭފުޅެއްގެ މައްސަލަ ފިޔަވައި އަމީން ހިމެނިވަޑައިގަންނަވާހެން ދެން ތިއްބެވި ބޭފުޅުންގެ މައްސަލަ ފައިލް ކުރައްވައިފައެވެ.
75 ވެންޓިލޭޓަރު ގަންނަން 34 މިލިއަން ރުފިޔާ ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލުކުރި ނަމަވެސް މިހާތަނަށް ލިބިފައިވަނީ އެންމެ 10 ވެންޓިލޭޓަރެވެ. ބާކީ ހުރި ވެންޓިލޭޓަރުތައް ނުފޮނުވާއިރު ފައިސާ ވެސް އަނބުރާ ދީފައިނުވާތީ އެ މައްސަަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ވެސް ވަނީ ނިންމައިފައެވެ.
ދާދިފަހުން ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ކޮވިޑާ ގުޅިގެން ގެންނަން އުޅުނު ވެންޓިލޭޓަރުތަކަށް ވީ ގޮތާއި އެކަމުގައި ގެއްލުނު 30 މިލިއަން ރުފިޔާއަށް ވީ ގޮތް ރައްޔިތުންނަށް އެނގެންޖެހޭ ކަމަށް ވިދާޅުވެފައެވެ.
''ކޮބައިތޯ ކޮވިޑްގައި ވެންޓިލޭޓަރުތައް ގެނައުމަށް ޚަރަދުކުރި 30 މިލިއަން ރުފިޔާ. މިއަށް ސަރުކާރުން ޖަވާބުދާރީ ވާންވީ ނޫންތޯ؟'' މުޢިއްޒު ސުވާލު ކުރައްވާފައިވެއެވެ.