މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދެވަނަ ބުރަށް 6،000 ފްލެޓާއި 4،500 އަށް ވުރެން ގިނަ ގޯއްޗަށް ހުޅުވާލާނެކަން ސަރުކާރުން ހާމަކޮށްފިއެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އިތުރު 6،000 ފްލެޓް ދޫކުރާނީ ހުޅުމާލެއިން ކަމަށެވެ.
އޭނާ ވިދާޅުވީ ގޯތި ދިނުމަށް ބިންތައް ދޫކުރާނެ ތަނެއް ވެސް މިއަދު ނޫނީ މާދަމާ އިއުލާނުކުރާނެކަމަށާއި ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ބިންވެރިޔާ ސްކީމުން ގިނަ ބަޔަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދައިދޭނެކަމަށެވެ.
އަކްރަމް މިފަދައިން ވިދާޅުވެފައިވާއިރު މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެންމެންނަށް މާލޭން ގޯއްޗާއި ފްލެޓް ދޭން ނިންމައި އެކަމާ ގުޅޭ ހައުސިން ސްކީމެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މިދިޔަ ހަފުތާގައި އޮތީ އިއުލާންކުރައްވާފައެވެ.