ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ނަގާ ވޯޓާމެދު އެއްވެސް ބަހުސެއް ކުރަން ނެތްކަމަށާއި މިވަގުތު ފޯކަސް އޮތީ ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ކެމްޕެއިންގައި ރޭ ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއަށްފަހު ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.
އޭނާ ވިދާޅުވީ ނިޒާމީ ވޯޓެއް ނެގުމާ މެދު އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ.
"އަޅުގަނޑު ތިކަމާ ބަހުސްއަކަށް ދާކަށް ނެތިން. އަޅުގަނޑު ފޯކަސް ކުރާނީ މި އިންތިހާބަށް" ޑރ. މުއިއްޒު ވިދާޅުވިއެވެ.
ނިޒާމީ ވޯޓާއި މެދު ޝައުގެއް ނެތްކަމަށް ޑރ. މުއިއްޒު ވިދާޅުވެފައިވާއިރު ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން އަންނަނީ ތައްޔާރުވަމުންނެވެ.
އެ ކޮމިޝަނުން މަސައްކަތް ކުރަނީ އަންނަ މަހުގެ 29 ވަނަ ދުވަހު އެ ވޯޓު ނެގުމަށެވެ.