ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ތައްޔާރުކަމަށާއި ބަޖެޓު ހަމަ ޖެހުނުހާ އަވަހަށް މަސައްކަތް ފަށާނެކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ މަޖިލީހުން ހުށައެޅި ގަރާރުގައި އަންނަ އޮކްޓޫބަރު 30ގެ ކުރިން ނިޒާމީ ވޯޓެއް ނަގަން ބަޔާންކުރާކަމަށާއި، މިކަމާއި ގުޅިގެން އެކޮމިޝަންގެ މެންބަރުންގެ މެދުގައި މަޝްވަރާކޮށްފައިވާކަމަށެވެ.
ނަމަވެސް އެކަމަށް އޮތް އެންމެ ބޮޑު ދައްޗަކީ ބަޖެޓުކަން ފާހަގަކުރައްވާ ފުއާދު ވިދާޅުވީ ބަޖެޓުގެ ދަތިކަން ހައްލުކުރުމަށް ކަމާ ބެހޭ މުއައްސަސާތަކާ މަޝްވަރާކުރަމުން އަންނަކަމަށެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދަން ވޯޓު ނަގާއިރު އެ ވޯޓު ނަގަނީ ކޮން މައުލޫއަކަށްކަން އަދި ކުރަން ޖެހެނީ ކޮން ސުވާލެއްކަން ސާފުވާން ޖެހޭ ކަމަށެވެ. ނަމަވެސް، މަޖިލީހުން އެކަން ހިއްސާކޮށްފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ނިޒާމީ ވޯޓަކަށް ދާން މަޖިލީހުން އެންގިއިރު، މިފަދަ ވޯޓުތަކުގައި އަމަލުކުރާނެ ގޮތެއް ގާނޫނެއްގައި ލިޔެފައި ނެތުމަކީ ވެސް ކަންބޮޑުވުމެއް ކަމަށް ހަބީބު ވިދާޅުވެފައިވެއެވެ.
އަދި އިލެކްޝަން ކޮމިޝަންގެ 32 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަކީ ކޮމިޝަންގެ ޒިންމާއެއްކަން ފާހަގަކުރައްވާ ހަބީބު ވިދާޅުވީ މިފަދަ ވޯޓެއް ނަގާއިރު ކޮމިޝަނުން އަމަލުކުރާނެ ގޮތްތައް ބަޔާންކުރާ ގަވައިދެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އެގޮތުން އެ ގަވައިދުގެ ފުރަތަމަ ޑްރާފްޓް މިހާރު އެކުލަވާލެވިފައިވާކަމަށާއި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެ ގަވައިދު ގެޒެޓްކުރަން ފޮނުވޭނެކަމަށް އޭނާ ވިދާޅުވިއެވެ.