ގއ. ކޮލަމާފުށީގެ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެމްބަރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިދިކޮޅު ކެންޑިޑޭޓު ޑރ.މުއިއްޒަށް ތާއީދުކުރުމަށް ނިންމައިފިއެވެ.
ކޮލަމާފުށީގައި ތިބި ޑިމޮކްރެޓްސްގެ އާންމު މެމްބަރުން ޑރ.މުއިއްޒަށް ތާއީދުކުރަން ނިންމީ ރޭ އެ މެމްބަރުންގެ މެދުގައި ބޭއްވި ބައްދަލުވުމުގެ އިއްތިފާގުންނެވެ. އަދި އެއާއި އެކު އެ މެމްބަރުން ދަނީ ޕީޕީއެމް/ޕީއެންސީގެ ކެމްޕެއިން ޓީމުތަކާއި އެކު މަސައްކަތް ކުރަން ފަށާފައެވެ.
އަދި ކުރިއަށް މިއޮތް ދުވަސްތަކުގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތަކަުގައިވެސް ބައިވެރުވުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން ރޭ ކޮލަމާފުށީގެ ބައެއް ޒުވާނުންތައް ވަނީ ޕީޕީއެމްއާއި ގުޅިފައެވެ. މީގެ އިތުރުން ކޮލަމާފުށީ އަންހެނުންގެ ކޮމިޓީގެ ނައިބު ރައީސް ނީނާ އިސްމާއިލްވެސް ވަނީ ޕީޕީއެމާ ގުޅިފައެވެ. ނީނާ ކުރިން ހުންނެވީ އެމްޑީޕީގައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމަށް ލިބުނު ލަދުވެތި ނަތީޖާއަށްފަހު ގިނަ އަދަދެއްގެ އެމްޑީޕީގެ މެމްބަރުން އަންނަނީ ޕީޕީއެމްއާ ގުޅެމުންނެވެ.