ހުޅަނގު އައްސޭރީގައި ފަލަސްތީނު ރައްޔިތުންގެ ގެދޮރަށް ވަދެ ބަލާފާސްކުރުމުގައި ހަރަކާތްތެރިވަމުންދާ އިސްރާއީލު ސިފައިން ފަލަސްތީނަށް ނިސްބަތްވާ ޖަމާއަތެއްގެ ލީޑަރަކު ހައްޔަރުކޮށްފިއެވެ.
އަރަބިނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރުކުރުމުގެ ކުރިން ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ ނަބްލޫސް ސިޓީގެ ހުޅަނގުން އޮންނަ ރަފީދިއާ ސަރަހައްދުގައި ހުންނަ އޭނާގެ ގެ ވަށާލާފައިވަނީ ފަތިހުއެވެ.
އިޒްރޭލުގެ އަސްކަރިއްޔާގެ ރެއިޑް ފެށުނީ އަސްކަރީ ރިއިންފޯސްމަންޓްގެ އެހީތެރިކަމާއެކުއެވެ. ނަބްލޫސް އަށް އަރައި، ތަބީލާގެ ގެއާ ހަމައަށް ދެވެންދެންވެސް ފަލަސްތީނުގެ ގިނަރައްޔިތުން ހިފަހައްޓައި ބަލާފާސްކުރި ކަމަށް އެ ރިޕޯޓުގައި ވެ އެވެ.
އުމުރުން 30 އަހަރުގެ ތަބީލާ އަކީ ލަޔަންސް ޑެން ޖަމާޢަތުގެ ބާނީންގެ ތެރޭގައި ހިމެނޭ މީހެކެވެ. މީގެ ދެ އަހަރު ކުރިން ހަތިޔާރު އެޅި ފަލަސްތީނު ޖަމާއަތްތަކާ ގުޅިވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ ފަލަސްތީނުގެ ޕްރެޒިޑެންޝަލް ގާޑުގެ މެމްބަރެއްގެ ގޮތުގަ އެވެ.
ހުޅަނގު އައްސޭރީގައި އިސްރާއިލް ސިފައިންގެ ހަމަލާތައް އިތުރުކޮށްފައިވާއިރު، މިދިޔަ ޖުލައި މަހު އިސްރާއީލު ސިފައިން ޖެނިން އަށް ވަދެ، އެ ތަނުގެ ގިނަ އިންފްރާސްޓްރަކްޗާ ހަލާކުކޮށްލައި، ފަލަސްތީނުގެ 10 މީހުން ޝަހީދުކޮށްލައި، ފަލަސްތީނުގެ ގާތްގަނޑަކަށް 3،000 އެއްހާ މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރުކުރި އެވެ.
މީގެ އިތުރުން ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ ޖެނިންގެ ކަފްރް ޑާން އަވަށުގައި ހުކުރު ދުވަހުގެ ފަތިހު އިސްރާއީލު ސިފައިން ފަލަސްތީނުގެ ޒުވާނަކު ޝަހީދުކޮށްލި އެވެ.
އެ ޒުވާނާއަކީ ޖެނިންގެ ހުޅަނގުން އޮންނަ ޔަމޫން އަވަށަށް ނިސްބަތްވާ އުމުރުން 16 އަހަރުގެ އަބްދުالله އިމާދު އަބޫ އަލް ހަސަން ކަމަށް އެ ގައުމުގެ މަސްދަރުތަކުން މައުލޫމާތު ދީފައިވެ އެވެ.
2023 ވަނަ އަހަރު ފެށުނީއްސުރެ އިސްރާއީލު ސިފައިން ވަނީ ހުޅަނގު އައްސޭރީގެ ހިފާފައިވާ ސިޓީތަކާއި ރެފިއުޖީ ކޭމްޕްތަކަށް ދިން ނުރައްކާތެރި ހަމަލާތަކުގައި ފަލަސްތީނުގެ 200 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް، 3،600 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.