ދިވެހިރާއްޖޭގެ މިނިވަންކަމާ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް މިފަހަރު ޑރ.މުއިއްޒު ނޫން ޗޮއިސްއެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޕާޓީގެ މެމްބަރެއް ކަމަށްވާ އުޝާމް މިހެން ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުالله މިއަދު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ. އިމްރާން މިއަދު ވިދާޅުވީ ޑރ.މުއިއްޒު ކާމިޔާބު ކޮށްފި ނަމަ މުޅި ޤައުމު ހިތާމައިގެ ފުން ކަނޑަކަށް ޤަރަގު ވުމުގެ ފުރުސަތު އެތައްގޮތަކުން ވަރަށް ބޮޑު ކަމަށެވެ. އަދި ހުރިހާ ބޭފުޅުން ނިކުމެ ޤައުމާއި ރައްޔިތުން ސަލާމަތް ކޮށްދިނުމަށް އިމްރާން އެދިވަޑައިގެންނެވިއެވެ.
އިމްރާންގެ މިވާހަކަތަކަށް ރައްދު ދެއްވަމުން އުޝާމް ވިދާޅުވީ ދިވެހިންނަކީ ތަންދޮރު ދަންނަ ބައެއް ކަމަށެވެ. އަދި އިމްރާން ދައްކާ ދޮގު ވާހަކަތައް މިއަދު މި ގައުމުގެ ރައްޔިތުން ބަލައެއް ނުގަންނަކަމަށެވެ.
މިމަހުގެ 9 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އިދިކޮޅު ކެންޑިޑޭޓު ޑރ.މުއިއްޒަށް 47 އިންސައްތަ ލިބިވަޑައިގަތްއިރު ރައީސް އިބްރާހީމަށް ލިބިވަޑައިގަތީ 37 އިންސައްތައެވެ.
ދެވަނަ ބުރުގައި މޮޅުވާނެ ކަމުގެ އުންމީދެއް ރައީސް އިބްރާހީމަށް ނެތުމުން, ސަރުކާރުން ދަނީ މިއަހަރު ބަޖެޓު ކުރެވިފައިނުވާ އެތައް ކަމެއް ކުރަން އިއުލާންކުރަމުންނެވެ.