Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދައުލަތުގެ ދަރަނި

ފެކްޓް ޗެކް: ލޯނުތަކުގެ މައުލޫމާތު ހާމަކުރޭތަ؟

ސުކޫލުތަކާއި އިމާރާތްތައް ރަހުނުކޮށްގެން ސަރުކާރުން ލޯނު ނަގައި ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ފަދަ މައުލޫމާތުތައް ސިއްރުކުރާ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ވިދާޅުވުމާއެކު ސަރުކާރުން ޑިފެންސަށް ނުކުމެއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުން ނަގާ ގިނަ ލޯނުތަކުގެ މައުލޫމާތު އެމްއެމްއޭގެ ގަވަރުނަރަށް ވެސް އެނގިވަޑައިނުގަންވަ އެވެ. އަދި ސަރުކާރު އޮތީ ވަކި ގައުމަކަށް ދަރައި "އަޅުވެތިވެފަ" އެވެ.
އެއާއެކު ދިފާއުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބޭރު ގައުމުތަކުން ނަގާ އެއްވެސް ލޯނެއްގެ މައުލޫމާތު ސިއްރުކޮށްފައި ނުވާނެ ކަމަށާއި ގާނޫނުގަވާ ގޮތުގެ މަތިން މިހާރުވެސް، މަޖްލިހާއި، އެމްއެމްއޭ އާއި ހިއްސާކުރާ ކަމަށެވެ. އަދި އެހެނިހެން މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާނެ ކަމަށެވެ.
"ތިއީ 2013-2018 އަށް މަޖްލިހަށް ދަރަންޏާއި، މާލީ ހާލަތާއި ބެހޭ ރިޕޯޓްތައް ފިނޭންސްއިން ފޮނުވީމަ އެފޮރުވައިގެން އުޅުނު ބަޔެއް ދައްކަން ރަނގަޅުވާހަކައެއް ނޫން. އަބަދު އޮޅުވާލުމާއި މަކަރު ހެދުން އެހާ ރަނގަޅުކަމެއްނޫން،" މި ސަރުކާރުން ލޯނުތަކުގެ މައުލޫމާތު ސިއްރުކުރާ ކަމަށް ޑރ. މުއިއްޒު ވިދާޅުވުމުން ދިފާއުގައި އަމީރު ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.
އެކަމަކު ލޯނުތަކުގެ މައުލޫމާތު ހާމަކުރާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި ނަމަވެސް އެ މައުލޫމާތު ފިނޭންސްގެ ވެބްސައިޓުގައި ފެންނާކަށް ނެތެވެ. ރާއްޖެ މިހާރު އެންމެ ބޮޑަށް ދަރާފައިވާ އެއް ގައުމު ކަމުގައިވާ އިންޑިއާއިން ނަގާ ލޯނުތަކުގެ މައުލޫމާތެއް ހާމައެއްނުކުރެ އެވެ.
އެގޮތުން ބަޖެޓް ސަޕޯޓުގެ ގޮތުގައި މިދިޔަ އަހަރު ނޮވެމްބަރު މަހު އިންޑިއާއިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނުގެ އިންޓްރެސްޓް ރޭޓާއި ދައްކަން ޖެހޭ މުއްދަތު ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. މީގެ އިތުރުންވެސް ގިނަ ލޯނުތަކުގެ މައުލޫމާތު ހާމަނުކުރެ އެވެ.
އެ މައުލޫމާތު ނޫސްވެރިންނާ ވެސް ހިއްސާކުރަން ސަރުކާރުން ވަނީ ދެކޮޅު ހަދާފަ އެވެ.
އިންޑިއާގެ ސްޓޭޓް ބޭންކް (އެސްއައިބީ) އަށް ވިއްކި ބޮންޑުގެ އިންޓަރެސްޓު ރޭޓާއި އެނޫން މައުލޫމާތު އޮޅުންފިލުވުމަށް ތަކުރާރުކޮށް "ދިޔަރެސް" އިން ސީދާ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހާ ސުވާލުކޮށްފައިވެ އެވެ. ކޮންމެ ފަހަރަކުވެސް ފަހުން އެ ތަފުސީލު ހާމަކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް ހާމަކޮށްފައިނުވެ އެވެ. ތިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް އެ ސުވާލު ކުރުމުން ޖަވާބެއް ނުދެއްވި އެވެ.
އޭގެ އިތުރުން މިދިޔަ އަހަރުގެ ޖޫން ހިސާބުގައި ޔޫރޮޕިއަން އިންވެސްޓްމަންޓް ބޭންކުން 18.7 މިލިއަން ޔޫރޯގެ ލޯނެއް އަދި ޔޫރަޕްގެ އިތުރު ބޭންކަކުން 101 މިލިއަން ޔޫރޯގެ ލޯނެއްގެ އިތުރުން އައިޑީބީން 8.7 މިލިއަން ޑޮލަރުގެ ލޯނަކާއިއެކު ޖުމުލަ 2 ބިލިއަން 17 މިލިއަން ހަތަރު ލައްކަ ނުވަ ހާސް ސާޅީސް އެއް ރުފިޔާގެ ލޯނު ސަރުކާރުން ނެގި އިރު، އެ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަކީ ކޮބައިތާ "ދިޔަރެސް" އިން ސުވާލު ކުރުމުން ވެސް ސަރުކާރުން މައުލޫމާތު ހާމަނުކުރި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ އިންޓްރެސްޓް ރޭޓުގެ ތަފްސީލުތައް މިވަގުތު ނެތްކަމަށް ވިދާޅުވެ އެ ސުވާލަށް ޖަވާބު ދެއްވަން ދެކޮޅު ހައްދަވާފަ އެވެ.

މިއަހަރުގެ ޖުލައި މަހުގައި ސަރުކާރުންވަނީ ޕްރައިވެޓް ކްރެޑިޓާއެއްގެ އަތުން 50 މިލިއަން ޔޫރޯ ނަގާފައެވެ. ދިވެހި ރުފިޔާއިން ބަލާނަމަ 845.6 މިލިއަން ރުފިޔާގެ މި ލޯނު ނަގާފައިވަނީ ކޮން ފަރާތެއްގެ އަތުންކަން ސަރުކާރުން ހާމަނުކުރެއެވެ. އަދި އެ ލޯނުގެ އިންޓަރެސްޓު ރޭޓާއި، ލޯނު އަދާކުރަންޖެހޭ މުހުލުތާއި ލޯނު އަދާކުރުމުގައި ލިބޭ ލުއިތަކެއް ހުރިނަމަ އެ ލުއިތަކަކީ ކޮބައިކަން އަދި މިފައިސާ ބޭނުންކުރަނީ ކޮން ކަމަކަށްކަން ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިނުވެއެވެ.

މި މަހު 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އަނެއްކާވެސް އިންޑިއާއިން 194 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 3 ބިލިއަން ރުފިޔާގެ ލޯނެއް ހަމަޖައްސައިދިނުމަށް ދިވެހި ސަރުކާރުން އެ ގައުމުގައި އެދުނުކަން ހާމަވެފައިވާއިރު ސަރުކާރުން އެ މައުލޫމާތު ދޮގުކުރެ އެވެ. މީގެ ކުރިންވެސް ސަރުކާރުން ވަނީ އެސްބީއައިއަށް ބޮންޑު ވިއްކައިގެން ދަރަންޏަށް އެ ބޭންކުން ފައިސާ ނަގާފަ އެވެ.
މިހާރުވެސް ރާއްޖެއިން އެންމެ ބޮޑު އަދަދަކަށް ދަރާފައިވަނީ އިންޑިއާއަށެވެ. އެ ގައުމުން 42 ބިލިއަނެއްހައި ރުފިޔާގެ ދަރަނި ދިވެހި ސަރުކާރުން ނަގާފައިވާއިރު އެ އަދަދުގެ ތެރޭގައި އެސްބީއައިއަށް ބޮންޑު ވިއްކައިގެން ނަގާ ދަރަނި ނުހިމެނެ އެވެ. އެ ދަރަނި ސަރުކާރުން ހިސާބުކުރަނީ އެތެރޭގެ ބާޒާރުން ނަގާ ޑޮމެސްޓިކް ދަރަނީގެ ގޮތުގަ އެވެ.
ލޯނު ނެގުމަށް މި ސަރުކާރުން ރަހުނުކޮށްފައި އޮތީ ދެތިން ތަނެއް ނޫން ކަމަށާއި ހުރިހާ ސްކޫލުތައް ހުރީ ރަހުނުކޮށްފައި ކަމަށް ޑރ. މުއިއްޒު ރޭ ވިދާޅުވި އެވެ.
މުއިއްޒު އެގޮތަށް ވިދާޅުވިއިރު، ރަހުނު ކުރުމުގެ ބޭނުމުގައި2021 ވަނަ އަހަރު ސަރުކާރުން ވަރަށް ގިނަ ސްކޫލުތައް ފިނޭންސް މިނިސްޓްރީގެ ރަޖިސްޓްރީގެ ދަށަށް ބަދަލުކުރި އެވެ. މީގެއިތުރުން ސަރުކާރުގެ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ރަހުނުކޮށްފައި ސަރުކާރުން ވަނީ ބޮޑު ލޯނެއް ނަގާފަ އެވެ.
މި ލިއުމާއި ގުޅޭ