އިންޑިއާގެ ވެރިކަން ކުރާ ހިންދޫ ހަރުކަށި ފިކުރުގެ ބީޖޭޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންތަކެއް ޓުވިޓަރގައި ރައީސް އިބްރާހީމަށް ކެމްޕެއިންކޮށްދޭން ފަށައިފިއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމަށް ލިބުނު ލަދުވެތި ނަތީޖާއާއި އެކު, އިންޑިއާގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން އެމަނިކުފާނަށް ކެމްޕެއިންކޮށްދޭން ފަށައިފިއެވެ.
މިގޮތުން ޓުވިޓަރގައި އިންޑިއާގެ އެކްޓިވިސްޓުންދަނީ ރާއްޖެއަށް އެންމެ ރަނގަޅުވެރިއަކީ ރައީސް އިބްރާހީމްކަމަށް ބުނެ ޓުވީޓުތައް ކުރަމުންނެވެ. ބީޖޭޕީގެ ސޯޝަލް މީޑިއާ ޓީމުގެ މެމްބަރެއް ކަމަށްވާ އަތުލް ކުޝާވާ ނަމަކަށް ކިޔާ މީހަކު މިއަދު ހެނދުނު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރާއްޖެއަށް ބަދަލު ގެނެވޭނެ ލީޑަރަކީ ރައީސް އިބްރާހީމް ކަމަށެވެ. އެމީހުން ކެމްޕެއިން ކުރަމުންދަނީ "ސޯލިހް ފޯ މޯލްޑިވްސް" މި ޝިއާރުގެ ދަށުންނެވެ.
މީގެ އިތުރުން ރަޖްބީރު ކުމާރު ނަމަކަށް ކިޔާ މީހަކު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރައީސް އިބްރާހީމް ދަނީ ރާއްޖެ ޑިމޮކްރެސީއާއި ދިމާލަށް ގެންދަމުންކަމަށެވެ. އަދި އުޖާލާ ކުރިމަގަކަށް މި ކުރާ ދަތުރުގައި ބައިވެރިވުމަށް ރައީސް ނަޝީދަށްވެސް ރަޖްބީރު ގޮވާލާފައިވެއެވެ.
ބީޖޭޕީގެ ބައެއް އެކްޓިވިސްޓުން ދަނީ ސަރުކާރުގެ ބައެއް މަޝްރޫއުތަކުގެ ވާހަކަވެސް ދައްކަމުންނެވެ. މިގޮތުން ރ.އަނގޮޅި ތީމުގައި ދާދިފަހުން ސަރުކާރުން ގިނަ މަޝްރޫއުތަކެއް ފަށާއިވާ ކަމަށާއި ރާއްޖޭގެ އެކި ރަށްތަކުގައި ރައީސް އިބްރާހީމް ދަނީ މަޝްރޫއުތައް ފައްޓަވަމުން ކަމަށް ސޯފިއާ ނަމަކަށް ކިޔާ އެކްޓިވިސްޓަކު ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.
ބައެއް އެކްޓިވިސްޓުން ދަނީ ދިވެހި ބަހުންވެސް ތަރުޖަމާކުރަމުންނެވެ. މިގޮތުން ސޫމިޔާ ބަންޑާރީ ނަމަކަށް ކިޔާ މީހަކު ބުނެފައިވަނީ "މޯލްޑިވިއަން ރައްޔިތުންނަށް އުޖާލާ މުސްތަގުބަލަކަށް އިންތިޒާރު ކުރެވިދާނެ ކަމަށާއި އެއީ ނަޝީދާއި ސޯލިހު އެމީހުންގެ ގައުމުގެ ޑިމޮކްރަސީއާއި ތަނަވަސްކަމަށް އެއްބައިވަންތަވެދާނެތީ" ކަމަށެވެ.
މިއީ އިނގިރޭސި ބަހުން ލިޔެފައި ގޫގުލް ޓްރާންސްލޭޓުން ތަރުޖަމާކޮށްފައިވާ ޓުވީޓެއް ކަމަށް ބެލެވެއެވެ.
މީގެ އިތުރުންވެސް އެތައް އެކްޓިވިސްޓުން ރައީސް އިބްރާހީމަށް ތާއީދުކޮށް ޓުވީޓުކޮށްފައިވެއެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައިވެސް އިންޑިއާގެ ޓީމެއް ރައީސް އިބްރާހީމަށް ކެމްޕެއިން ކުރުމަށް މާލޭގައި ހަރަކާތްތެރިވިއެވެ. ނަމަވެސް އޭރު މިގޮތަށް ޓުވީޓުކޮށްފައި ނުވެއެވެ.