ހަގީގަތުގައި އަނިޔާވެރީ މި ސަރުކާރު ކަމަށާއި، ވެރިކަމަށް ކުރިމަތިލައިގެން ހުންނެވީ އަނިޔާވެރިކަން އެކީ އެކައްޗަކަށް ނިންމުމަށް ކަމަށް ޕީޕީއެމް/ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީން ޑރ. މުއިއްޒުއާ ދެކޮޅަށް އެންމެ ބޮޑަށް ބޭނުންކުރާ އެއް ވާހަކައަކީ އިދިކޮޅުގެ ވެރިކަމެއްގައި އާންމުނަށް އަނިޔާވެރިވާނެ ކަމަށް ބުނެ "އަނިޔާވެރިކަމާ ދެކޮޅަށް" އެމްޑީޕީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓުދޭން ޖެހޭ ކަމަށެވެ.
މި މަހު 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ބ. ކަމަދޫއަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި އެކަމަށް ރައްދުދެއްވައި ޑރ. މުއިއްޒު ވިދާޅުވީ ވެރިކަމަށް ކުރިމަތިލައިގެން ހުންނެވީ އަނިޔާވެރިކަން ނިންމުމަށް ކަމަށެވެ.
ނަފްސާނީ ގޮތުން ދޭ އަނިޔާއަކީ ވެސް އަނިޔާ ކަމަށާއި، ސަރުކާރުގެ ވަޒީފާތަކުގައި ތިބޭ މުވައްޒަފުން ސިޔާސީ ގޮތުން ހިޔާލު ތަފާތުވެއްޖެނަމަ ވަޒީފާއިން ވަކިކުރާނެ ކަމަށް ބުނެ އެމްޑީޕީން އެފަދަ ނަފްސާނީ އަނިޔާ ކުރާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ނަފްސާނީ ގޮތުން ދޭ އަނިޔާ އަކީވެސް އަނިޔާ. ސިޔާސީ ގޮތުން އަޅުގަނޑަށް ތާއީދުކޮށްފިނަމަ ވަޒީފާއިން ވަކިކުރާނެ ކަމަށް ބުނެ ނަފްސާނީ އަނިޔާ އެބަދޭ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސަރުކާރުވާނީ ރައްޔިތުން އެދޭފަދަ އިންސާފުވެރި ޢަދުލުވެރި އަނިޔާވެރިކަން ނިމުމަކަށް ގެނުވިފައިވާ ހިތްހަމަޖެހުމާއި އުފަލާއިއެކު ދިރިއުޅުން އާރާސްތުކުރެވޭ ވެރިކަމަކަށް."
އެމްޑީޕީން ވެރިކަމަށް އައީ "ވަޒީފާގެ ބިރުވެރިކަން ނައްތާލަން" ނަމަވެސް ރައީސަށް ތާއީދު ނުކުރާނަމަ، ނުވަތަ އިދިކޮޅު ކެންޑިޑޭޓަށް ތާއީދުކުރާނަމަ ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ދިން މައްސަލަތައް މީގެ ކުރިން ފެންމަތިވެފައިވެ އެވެ.
ޑރ. މުއިއްޒު ވަނީ އޭނާއަށް ތާއީދުކޮށްގެން ގެއްލޭ ވެރިކަމެއް އިދިކޮޅުގެ ސަރުކާރެއްގައި އިއާދަކޮށްދޭނެ ކަމުގެ ޔަގީންކަމާއެކު، ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޖެހިލުންނުވެ އިދިކޮޅުގެ ކެމްޕެއިނަށް ނުކުތުމަށް މީގެ ކުރިން ވެސް ގޮވާލައްވާފަ އެވެ.
"ސިޔާސީ މަގާމު ފިޔަވާ ހުރިހާ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ ކަންބޮޑު ނުވާށޭ. އިންތިހާބު ކާމިޔާބު ކުރެވޭނޭ. ވަޒީފާއިން ވަކިކުރިޔަސް އަނބުރާ ވަޒީފާއަށް ލައިދޭނަމޭ. އެއްވެސް ގޮތަކަށް ކަންބޮޑު ނުވާށޭ،" ރަށުގައި ހުރެގެން ހަމަ އެ ވަޒީފާ އަދާކުރުމުގެ ފުރުސަތު ހޯދައިދީ، މުސާރަވެސް ބޮޑުކޮށްދޭނެ ކަމުގެ ޔަގީންކަމާއެކު މުއިއްޒު މީގެ ކުރިން ބ. ދަރަވަންދޫގައި ބޭއްވި ޖަލްސާއެއްގައި ވިދާޅުވެފައިވެ އެވެ.