ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެންގުޅުއްވި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާ ދިނުމުގެ ސިޔާސަތު އަލުން ފައްޓަވާނެ ކަމަށް ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި މަހު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރޭ ބ. ކަމަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި އާއިލާތަކަށް ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުދިންނަށް ހާއްސަ ވަޒީފާތަކެއް ދެއްވި ނަމަވެސް މިހާރު އެކަން ނުހިނގާ ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި އެ [ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާ ދިނުމުގެ] ސިޔާސަތު އަލުން ފަށާނަން. އެފަދަ ފަރާތްތަކަށް އަދާކުރެވޭނެ ވަޒީފާތައް ދިނުމަށް ސަރުކާރުގެ ހުރިހާ ދިމާލަކުން ފުރުސަތުތައް ހޯދައިދީ އޯލް އިންކްލޫސިވް ސޮސައިޓީ އަކަށް ހަދައިދެވޭނެ."
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ސްކޫލްތަކުގައި އެކަށީގެންވާ ހިމަތްތައް މިހާރު ނުދެވޭ ކަމަށާއި ވަސީލަތްތައް ވެސް ނެތްކަން ފާހަގަކުރައްވައި ޑރ. މުއިއްޒު ވަނީ އޭނާގެ ވެރިކަމެއްގައި ކޮންމެ އަތޮޅެއްގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދެވޭނެ ގޮތް ހަދަން ވައުދުވެވަޑައިގެންފަ އެވެ.
"އެފަދަ [ހާއްސަ އެހީއަށް ބޭނުންވާ] ކުދިންނަސް ހާއްސަ އިސްކަމެއްދީގެން ޓީޗަރުން ތަމްރީންކުރުމާއި ވަސީލަތްތައް ހޯދުމާއި ސްކޫލްތަކަށް ޖާގަ އިތުރުކުރުމަށް މީގެ ކުރިން ސަރުކާރުގެ ބަޖެޓުން ނުދޭ ވަރުގެ އިސްކަމެއް ދޭނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
"މާލޭގެ އިތުރުން ކޮންމެ އަތޮޅެއްގައި މައި އެއް ސްކޫލްގައި ވެސް މާލެ އާއި އެއް ފެންވަރެއްގައި އެކުދިންނަށް ކިޔަވައިދެވޭނެ ފެންވަރު ރަނގަޅު ސްކޫލްތައް ހަދާނަން."
އެއާއެކު ނަފްސާނީ މައްސަލަ ހުންނަ ފަރާތްތަކަށް އިންޓަރނޭޝަނަލް ހޮސްޕިޓަލެއް ލ.ގަމުގައި ތަރައްގީކުރާނެކަން ޑރ. މުއިއްޒު ރޭ ވެސް ތަކުރާރުކުރެއްވި އެވެ.
"މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭ ހާއްސަ ގާނޫނެއް މަޖިލިސް ތެރެއިން އެކުލަވާލާނަން. މިކަމުގެ ސަބަބުން ސަރުކާރުގެ ނިޒާމުގެ ތެރެއިން އެކަމަށް އިސްކަން ދިނުން މަޖުބޫރުވާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.