Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

ވެރިކަމަކީ އިއްޒަތެއް ޝަރަފެއް ނޫން، ރައްޔިތުން ހަވާލުކުރާ ބޮޑު އަމާނާތެއް: ޑރ. މުއިއްޒު

ވެރިކަމަކީ ރައްޔިތުން ދޭ އިއްޒަތަކާއި ޝަރަފެއް ނޫން ކަމަށާއި އެއީ ރައްޔިތުން ހަވާލުކުރާ ބޮޑު އަމާނާތެއް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރ. ހުޅުދުއްފާރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، ވެރިކަމަކީ ޝަރަފެއްގެ ގޮތުގައި ދެކޭނަމަ އެކަމުން ކުރާނެ މަންފާއެއް ނޯންނާނެކަމަށާއި ވެރިކަން ހަވާލު ކުރަނީ ރައްޔިތުން ކަމަށްވާއިރު، އަބަދުވެސް ރައްޔިތުން އިސްކޮށްގެން ރައްޔިތުންގެ މަސްއޫލިއްޔަތު އަދާކުރުމަކީ އެންމެ ފުރަތަމަ ވާޖިބަށް ހަދަން ޖެހޭކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ފުރިހަމަ ތައީދާއިއެކު ވެރިކަމަށް އަންނަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށެވެ. އެއީ ޝަރަފެއްކަމަށް ދެކި ރައްޔިތުންނަށް ވެވަޑައި ގަންނަވާ ވައުދުތަކާއި ހަވާލު ކުރާ އަމާނާތްތަކަށް ޚިޔާނާތްތެރި ނުވާނެކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ. އަދި މުއިއްޒު ވިދާޅުވީ މަސައްކަތް ކުރައްވާނީ ވަރަށް އަމާނާތްތެރި ކަމާއިއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށެވެ.

"އަޅުގަނޑު ޤަބޫލެއް ނުކުރަން ވެރިކަމަކީ ބޮޑު ޢިއްޒަތެއް ޝަރަފެއްގެ ގޮތުގައެއް. މިއީ ރައްޔިތުން ހަވާލުކުރާ ބޮޑު އަމާނާތެއް. ޒިންމާއެއް. މަސްއޫލިއްޔަތެއް. އަޅުގަނޑު މިއަންނަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކު ރައްޔިތުންނަށް މިކަން ކޮށްދޭން. މި އަމާނާތް އަދާކޮށް މި ޒިންމާ އުފުލައި، ތެދުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކޮށްދެވޭނެކަމުގެ ޔަގީންކަން އޮތީމާ އަޅުގަނޑު މި މަޤާމަށް އަންނަން މަސައްކަތް މިކުރަނީ" މުއިއްޒު ވިދާޅުވިއެވެ.

އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށްވެފައިވާއިރު ވިސްނުން ސިޔާސީ ޕާޓީތަކުން ބޭރަށް ގެންދަން ޖެހޭކަން ފާހަގަ ކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ މިހާރުގެ ހާލަތުން ރާއްޖެ ސަލާމަތްކުރުމަށް ހުރިހާ ރައްޔިތުންވެސް ވިސްނަވަން ވެއްޖެކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ ޤައުމުގެ ކަންކަން މިހާރު ހުރި ގޮތަށް ބަލާއިރު، މި ސަރުކާރަށް އަމިއްލަ ބަސް ނުބުނެވޭ ކަމަށާއި އަދި ސަރުކާރުން ކޮންމެ ކަމެއް ކުރަންވެސް ހުއްދަ ނަގަން ޖެހޭ ކަމަށްވާއިރު ސަރުކާރުގައި ސިޔާސީ މިނިވަން ކަމެއް ނެތް ކަަމަށެވެ.


"މިހާރު އަޅުގަނޑުމެންގެ ޤައުމުގެ ކަންކަން މިހުރި ގޮތަށް ބަލާއިރުގައި، ޤައުމުގައި އަމިއްލަ ބަސް މި ސަރުކާރަކަށް ނުބުނެވޭ، ސަރުކާރުން ހުއްދަ ނަގަން އެބަ ޖެހޭ އެއްވެސް ކަމެއް ކުރާއިރުގައި، އެހެންވީމަކާ ނެތް މިނިވަންކަމެއް، ސަރުކާރުންގަ ނެތް ސިޔާސީ މިނިވަންކަމެއް. ރަސްމީކޮށް މިނިވަންކަން އެބައޮތް، އެކަމަކު އަމަލީ ގޮތުން ޕްރެކްޓިކަލީ ނެތް މިނިވަންކަމެއް" މުއިއްޒު ވިދާޅުވިއެވެ.

މިކަންކަމަކީ ސީދާ ސަރުކާރުން ނިންމައިގެން އުޅޭ ގޮތެއްކަމަށާއި ސަރުކާރުގެ ސިޔާސަތު ބައްޓަންކުރެވިފައިވާ ގޮތުން މިކަންކަމަށާއި މީގެ 50 ހަކަށް އަހަރު ކުރިން ރާއްޖެއަށް މިނިވަންކަން ލިބުނީއްސުރެ މިނިވަންކަން އެގޮތުގައި ދެމި އޮތްކަމަށާއި އެކަން ބަދަލުވީ މިސަރުކާރު އައި ފަހުންކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"މީގެ މާ ކުރީ ޒަމާނުން ފެށިގެން، އަދި މިތަނަށް މި ފަހުން މިއައި ޑީމޮކްރެސީގެ ބަދަލުތައް އައުމުގެ މާކުރިން ފެށިގެން، 40، 50 އަހަރު ކުރިން ފެށިގެން މިނިވަންކަން ލިބުނީއްސުރެ މިނިވަންކޮށް މިއޮތީ، އަމިއްލަ ބާރު ހިނގާ ޚާރިޖީ ސިޔާސަތުގައި މިތާ، ކޮންމެ ވެރިކަމެއްގައިވެސް، ވަކި ޤައުމެއްގައި އޮންނަ ވަކި ސަރުކާރެއްގެ ދަށު ނުވޭ ސަރުކާރެއް މިހާތަނަށް މިސަރުކާރު އަންނަންދެކާ" މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ ކަންކަން މިހާ ހިސާބަށް ގޮސްފައިވާއިރު އެކަން ބަދަލުކުރުމުގެ ފުރުޞަތު ހުރިހާ ރައްޔިތުންނަށް މި މަހުގެ 30 ވަނަ ދުވަހު ލިބެން އޮތްކަން ފާހަގަކުރައްވައި މުއިއްޒު އެދިވަޑައިގަތީ ޤައުމު މިނިވަންކަމަށް އަނބުރާ ގެނައުމަށް ހުރިހާ ރައްޔިތުން ނިކުމެ އެމަނިކުފާނަށް ވޯޓު ދެއްވުމަށެވެ.

މި ލިއުމާއި ގުޅޭ