ފެނަކަ ކޯޕަރޭޝަނަށް އެކި ހިދުމަތްތައް ފޯރުކޮށްދޭ ސަޕްލަޔަރުންނަށް ފައިސާ ނުދޭތީ އެމީހުން އަނެއްކާ ވެސް މުޒާހަރާއަށް ނުކުމެއްޖެ އެވެ.
މިދިޔަ އޭޕްރީލް މަހު ވެސް ސަޕްލަޔަރުން ވަނީ އެމީހުންނަށް ފެނަކައިން ދޭންޖެހޭ ފައިސާ ނުދީގެން މުޒާހަރާކޮށްފަ އެވެ.
މިއަދު އަނެއްކާވެސް ގިނަ އަދަދެއްގެ ސަޕްލަޔަރުން، އެމީހުންގެ ޝުއޫރުތައް ހިމެނޭ ޕޯސްޓަރުތައް ހިފައިގެން މާލޭ ފެނަކަ އޮފީސް ކުރިމައްޗަށް އެއްވެ، މިވަގުތު ދަނީ މުޒާހަރާ ކުރަމުންނެވެ. ސަޕްލަޔަރުން ގޮވަމުންދަނީ އެމީހުންގެ މަސައްކަތަށްވާ ފައިސާ ދިނުމަށާއި، އެ ފައިސާ ދޭން "ފެއިލްވެފައިވާ" ފެނަކައިގެން މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު މަގާމުން އިސްތިއުފާ ދިނުމަށެވެ.
"ދިޔަރެސް" އަށް މައުލޫމާތު ދެމުން މުޒާހަރާގެ ބައިވެރިއަކު ބުނި ގޮތުގައި އެމީހުންގެ ކުންފުންޏަށް ވެސް ފެނަކައިން 15 މިލިއަން ރުފިޔާ ދޭންޖެހި، ނުދީ އެބަ އޮތެވެ.
"އަޅުގަނޑުމެން އެކި ގޮތްގޮތުން މަސައްކަތް ކޮށްގެންވެސް އެއްވެސް ގޮތަކަށް ޕޭމަންޓާ ބެހޭ ޖަވާބެއް އަޅުގަނޑުމެންނަކަށް ނުއެއް ލިބޭ. މިހާރު ދޮޅު އަހަރުވަރު މިވަނީ. އަޅުގަނޑުމެންގެ އިތުރުން ވެސް ވަރަށް ގިނަ ކުދި ވިޔަފާރިތަކަށް އެބަހުރި ފައިސާ ނުލިބި، އެ ވިޔަފާރިތައް ބަނގުރޫޓުވަމުން އެދަނީ،" އޭނާ ބުންޏެވެ.
ސަޕްލަޔަރުން ފެނަކަ އޮފީސް ކުރިމަތީ މުޒާހަރާ ކުރަނީ---
ފެނަކައިގެ ހިންގުން ދޯދިޔާވެ، 2.8 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދަކުން ސަޕްލަޔަރުންނަށް ދަރާފައިވާ ކަމަށްވެ އެވެ.
މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި ފެނަކައިން ދޭންޖެހޭ ފައިސާ ނުދޭތީ ގިނަ ކުދި ވިޔަފާރިތަކަކަށް މާލީ ދަތިތަކާ ކުރިމަތިވެ، އެ ކުންފުނިތައް ބަނގުރޫޓުވާ ހިސާބަށް ވަނީ ގޮސްފަ އެވެ. އަދި އެ ކުންފުނިތަކުގައި ފައިސާ ނެތިގެން މުވައްޒަފުންނަށް މުސާރަ ވެސް ނުދެވިފައިވާ ކަމަށް އެމީހުން ބުންޏެވެ.
"އަޅުގަނޑުމެންގެ ހައްގު ހޯދުމަށްޓަކައި މި މަސައްކަތް [މުޒާހަރާ] ކުރަނީ. އެ ފައިސާ [ފެނަކައިން] ނުލިބިގެން އަޅުގަނޑުމެންގެ މުވައްޒަފުންނަށް މުސާރަ ވެސް ނުދެވޭތާ ތިން ވަރަކަށް މަސްވެއްޖެ މިހާރު. ފެނަކައިން ނުދޭ 15 މިލިއަން އެބަހުރި،" ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހަށް މައުލޫމާތު ދިން މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.
"15 މިލިއަން އެއީ އަޅުގަނޑުމެން ކަހަލަ ކުޑަ ކުންފުންޏަކަށް ވަރަށް ބޮޑު އެއްޗެއް. އަޅުގަނޑުމެން ލައްވާ މަސައްކަތް ކުރުވީ އަންނަ މަހު އަންނަ މަހު ފައިސާ ދޭނެ ކަމަށް ބުނެ."
ސަޕްލަޔަރުން ފެނަކަ އޮފީސް ކުރިމަތީ މުޒާހަރާ ކުރަނީ---
ސަޕްލަޔަރުން ބުނާ ގޮތުގަ އެމީހުންނަށް ފައިސާ ދޫކުރަނީ ސީދާ އެމްޑީ ސައީދުގެ އޯޑަރަށް އެކަންޏެވެ. އެކަމަކު ސަޕްލަޔަރުންނަށް ފައިސާ ނުދީ، އެމީހުންނަށް ޖަވާބުދާރީވާން ވެސް ފެނަކައިން އުޒުރުވެރިވެފައިވާ ކަމަށް ސަޕްލަޔަރުން ބުންޏެވެ.
"މީރާއިންވެސް މިހާރު އަޅުގަނޑުމެންގެ އެކައުންޓު ދެފަހަރެއްގެ މަތިން ފްރީޒްކޮށްލައިފި، ޓެކްސް ކަހަލަ އެއްޗިހި ވެސް ޕޭމަންޓް ނުލިބި ނުދެއްކޭނެ ނޫންތޯ އޭގެ އިތުރުން އިންކަމް ޓެކްސް ވެސް ނުދެއްކި ރެޑް ނޯޓިސް އަންނަނީ އަންނަނީ. ވަރަށް ގިނަ ކުންފުނިތައް އެބަހުރި މިގޮތަށް،" އޭނާ ބުންޏެވެ.
"ސައީދު އިސްތިއުފާ ދެއްވާށޭ އަޅުގަނޑުމެންނަށް ޖަވާބުދާރީ ނުވެވޭއިރު، ނާގާބިލު ބޭފުޅެއްގެ ގޮތުގައި އަޅުގަނޑުމެން ލޭބަލްކުރަނީ އެއީ ކޮންމެގޮތެއްވިޔަސް އަޅުގަނޑުމެންނަށް މައުލޫމާތު އެބަ ލިބޭ ސައީދުގެ އޯޑަރަށޭ [ސަޕްލަޔަރުންގެ] ޕޭމެންޓް ރިލީޒް ކުރަނީ"
ސަޕްލަޔަރުން ފެނަކަ އޮފީސް ކުރިމަތީ މުޒާހަރާ ކުރަނީ---
ސަޕްލަޔަރުން ފެނަކަ އޮފީސް ކުރިމަތީ މުޒާހަރާ ކުރަނީ---
ފެނަކައަށް މަސައްކަތްތައް ކޮށްދީފައިވާ ގިނަ އަމިއްލަ ކުންފުނިތަކަކަށް ފައިސާ ނުދީގެން އެމީހުން މީގެ ކުރިންވެސް އައީ ޝަކުވާ ކުރަމުންނެވެ. ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސް ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ވެސް ގަރާރެއް ހުށަހެޅި އެވެ.