އިންޑިއާއިން 194 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 3 ބިލިއަން ރުފިޔާގެ ލޯނެއް ހަމަޖައްސައިދިނުމަށް ދިވެހި ސަރުކާރުން އިންޑިއާގައި އެދުމާއި ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މިކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަން ނިންމުމަކީ ގައުމީ ވާޖިބަކަށް ވަނީ މިފަދަ ސަބަބުތަކާ ހެދީކަމަށެވެ.
"އިބޫގެ ވެރިކަން ނިއްމުމަކީ ޤައުމީވާޖިބަކަށް ވަނީ މިހެންވެ! 2020އިން ފެށިގެން ޚަރަދަށް ޒިއްމާވުމުގެ ޤާނޫނު އޮތީ ތަޅުއަޅުވާފަ. އެއަށްފަހު އައްނަނީ ގަސްތުގައި އޮޅުވާލަމުން." ސައިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްއައިބީ)އަށް ޓީބިލް ވިއްކާކަމަށާއި ސަރުކާރުން އެސްބީއައިއާއެކު ހިންގާ މުއާމަލާތްތަކުގެ އެއްވެސް މައުލޫމާތެއް އެމްއެމްއޭގެ ޤަވަނަރަށް ވެސް ނުލިބޭކަމަށް މަޖިލީހުގައި ވިދާޅުވެފައިވާކަމަށެވެ.
އިންޑިއާއިން 3 ބިލިއަން ރުފިޔާ ދަރަންޏަށް ނަގަން ސަރުކާރުން މަސައްކަތްކުރާއިރު މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ޚަރަދުކުރުމަށް ކަނޑައެޅި ފައިސާ ހުސްވާން ކައިރިވެ އޮކްޓޯބަރު މަހުގައި ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން 5 ބިލިއަން ރުފިޔާއާއި 6 ބިލިއަން ރުފިޔާއާ ދެމެދުގެ ސަޕްލިމަންޓަރީ ބަޖެޓެއް އަންނަ މަހު މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް މިހާރު އެ މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.