ރާއްޖޭގެ އިގްތިސާދު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމާއި ފައިނޭންސް ސެކްޓާއާ ބެހޭގޮތުން ދިރާސާކޮށް އެކުލަވާލާފައިވާ ރިޕޯޓުގައި ބުނެފި އެވެ.
އެ ރިޕޯޓަކީ މިވަގުތު ރާއްޖޭގެ އިގްތިސާދު ހީނަރުކަން ފާހަގަކޮށް އެކަމާ ގުޅިގެން، މައިގަނޑު ގޮތެއްގައި ޑޮލަރުގެ ތާށިކަމާއި ސަރުކާރުން ކުރާ ހޭދަތަކުގެ ބޮޑުކަމާއި ލޯކަލް ޓޫރިޒަމަށް އައިސްފައިވާ ނެދެވޭ އަސަރުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
އެ ޖަމިއްޔާގެ ރިޕޯޓުގައި ބުނި ގޮތުގައި ކޮވިޑުގެ ހާލަތުން އަރައިގަތުމަށްފަހުގައި ވެސް 2022 ވަނަ އަހަރު ރާއްޖެ އެތެރެވެފައިވާ ޓޫރިސްޓުންގެ އަދަދު، ޕެންޑަމިކްގެ ކުރިއާ އަޅައި ބަލާއިރު 1.6 އިންސައްތަ ވަނީ ދަށްވެފަ އެވެ.
އަދި ރާއްޖޭގެ ބޭންކިން ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ވަރުގެ ދަތި މައްސަލަތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.
އޭގެ ތެރޭގައި ޑޮލަރުގެ މައްސަލައާއި، ބޭންކުތަކުގެ މެދުގައި އޮންނަންޖެހޭ ފައިދާ ކުރަނިވި ވާދަވެރިކަން ކުޑަވުމާއި، ބޭންކުތައް ހިންގަމުންދާ އުސޫލުތަކުގެ ބަލިކަށިކަން ފާހަގަކޮށްފައިވެ އެވެ.
"މި ހޯދުންތަކުން ވަރަށް ސާފުކޮށް ފެންނަނީ އުފެދިފައިވާ ޑޮލަރުގެ ކަޅު ބާޒާރުގެ މައްޗަށް އެމްއެމްއޭގެ ބާރު ގެއލްި ފެއިލްވެފައިވާތަނާއި، އޭގެ ސަބަބުން މި ދާއިރާއަށް އަރާފައިވާ ބޮޑު ލޮޅުމެވެ،" ރިޕޯޓުގައި ބުނެފައިވެ އެވެ.
މަޓާޓޯއިން ބުނި ގޮތުގައި މި ސަރަހައްދުގެ ގައުމުތަކާއި އަޅައި ބަލާއިރު ރާއްޖޭގެ ބޭންކުތަކުން ނަގަމުންދާ ފީތައް އެތައް ގުނައެއް ބޮޑެވެ. އެހެންނަމަވެސް ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުން ބޭރުފައިސާއިން މުއާމަލާތް ކުރެވޭ އަދަދު އިންތިހާއަށް ކުޑަ އެވެ.
ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ދިވެހި ސަރުކާރުން ނަގާފައިވާ ދަރަނިތައް ބޮޑުވެ، މިއަދުގެ ހާލަތައް ބަލާއިރު ރާއްޖޭގެ ދަރަނި 6.8 ބިލިއަން ޑޮލަރަށް ވަނީ އަރާފަ އެވެ. އެއީ ރާއްޖޭގެ ޖީޑީޕީ އަށް ބަލާއިރު ގާތްގަނޑަކަށް 113 އިންސައްތައާ އެއްވަރުގެ އަދަދެކެވެ.
"މިހާލަތާއި ކުރިމަތިލާން ޖެހިފައިވާ ސަބަބުތަކަށް ބަލާއިރު ސަރުލާރުގެ އެކި އެކި ހަރަދުތައް ބޮޑުވެފައި ޓޫރިޒަމްގެ އާމްދަނީއަށް ބަރޯސާވުން. އަދި ދިވެހި ފައިސާ ޗާޕުކުރުމުގެ ސަބަބުން ދިވެހި ފައިސާގެ އަގު ދަށަށްގޮސް އިންފްލޭޝަން ކުރިމަތިލާން މިވަނީ ޖެހިފަ،" ރިޕޯޓުގައި ބުނެފައިވެ އެވެ.
ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރުމާ ގުޅިގެން ޓޫރިޒަމް ދާއިރާއަށް ކުރާނެ ނޭދެވޭ އަސަރުތައް ހާމަކޮށް އެކަމާ ދެކޮޅަށް މަޓާޓޯއިން ކުރިންވެސް އަޑު އުފުލިކަން ފާހަގަކޮށް އެ ޖަމިއްޔާގެ ރިޕޯޓޫގައި ބުނީ އެކަމުގެ ސަބަބުން ރާްޖޭގެ ރިސޯޓްތައް ވިއްކާ އަގު މަތިކުރަންޖެހި، ދުނިޔޭގެ އެހެން ޓޫރިސްޓް މަންޒިލްތަކާއި ވާދަކުރުމުގެ ފުރުސަތު ހަނިވެ، ފަތުރުވެރިން މަދުވުމުގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ވޭތުވެދިޔަ ހަތަރު އަހަރާއި ހަ އަހަރުގެ ތެރެގައި ޓޫރިޒަމް ދާއިރާއަށް އިންވެސްޓްކުރުމުގެ ގާބިލުކަން ހުރި ގިނަ ފަރާތްތަކުން އިވެސްޓް ކުރުން ވެސް މަދުވެފައިވާ ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
"މި ރިޕޯޓަށް ބަލައި، ރާއްޖޭގެ އިގްތިސާދު ސަލާމަތް ކުރުމަށްޓަކައި ދިވެހި ސަރުކާރުން މިކަމާމެދު ވަރަށް އަވަހަށް ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށް ދެކެމެވެ،" މަޓާޓޯއިން ބުންޏެވެ.