Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަރުލަމާނީ ނިޒާމް

ނިޒާމީ ވޯޓު އަންނަ މަހުގައި ބާއްވަން މަޖިލީހުން އީސީއަށް އަންގައިފި، ޤާނޫނީ ލަފާ ހޯދަނީ

ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަންނަ އޮކްޓޯބަރު މަހުގައި ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤަރާރު އިލެކްޝަންސް ކޮމިޝަނަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ޤަރާރު މަޖިލީހުގެ މުޅި ކޮމިޓީން ދިރާސާކޮށް ފާސްކޮށް އިއްޔެ މަޖިލީހުގެ ތަޅުމުން އެ ޤަރާރު ފާސްކޮށްފައިވެއެވެ. އެ ޤަރާރުގައި ބުނެފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓު ނަގަން މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް އިސްމާއީލު ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް މަޖިލީހުން ފާސްކުރި ޤަރާރު އިލެކްޝަންސް ކޮމިޝަނަށް މިއަދު ލިބިފައިވާ ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އެ ޤަރާރާ ގުޅިގެން އަމަލުކުރަންވީ ގޮތުގެ ޤާނޫނީ ލަފާ ހޯދަމުންދާ ކަމަށެވެ. "މިކަމާމެދު، އިލެކްޝަންސް ކޮމިޝަނުން ޢަމަލު ކުރާނޭގޮތުގެ ގާނޫނީ ލަފާ މިހާރު ކޮމިޝަނުން ދަނީ ހޯދަމުން،" ހަބީބުގެ ޓުވީޓުގައި ވިދާޅުވިއެވެ.

މީގެ ކުރިން ހަބީބު ވިދާޅުވެފައިވަނީ އެފަދަ ވޯޓެއް ބާއްވާނަމަ މަދުވެގެން 30 ދުވަހުގެ މުއްދަތެއް އެކަމަށް ތައްޔާރުވުމަށް އީސީއަށް ބޭނުންވާނެ ކަމަށެވެ. އަދި އެފަދަ ވޯޓެއް ބޭއްވުމަށް 40 މިލިއަނެއްހައި ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވޭކަމުގައިވެސް ހަބީބު ވިދާޅުވެފައިވެއެވެ.

ނިޒާމީ ވޯޓެއް ނަގަން އިލެކްޝަންސް ކޮމިޝަނަށް އަންގަން އެމްޑީޕީގެ މެންބަރުންގެ ތާއީދާއެކު ފާސްވެފައިވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ލިބިވަޑައިގެންނެވި ނާކާމިޔާބާއެކު ނިޒާމީ ވޯޓު ނެގުމާމެދު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކުރިން ގެންގުޅުއްވި ވިސްނުން ދޫކޮށްލައްވައި، އެކަމަށް އެއްބަސްވެވަޑައިގަތުމުންނެވެ.

މި ލިއުމާއި ގުޅޭ