ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހުގައި އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާ ގުޅިގެން އެއްވެސް ކެންޑިޑޭޓަަކަށް ތާއީދުނުކުރުމަށް އިންތިޚާބުގެ ފުރަތަމަ ބުރުން ތިންވަނައަށް ދިޔަ "ދަ ޑިމޮކްރެޓްސް"އިން ނިންމައިފިއެވެ.
ދަ ޑިމޮކްރެޓްސްގެ ވަގުތީ ކައުންސިލުގެ ފަރާތުން އިންތިޚާބުގައި ވަކި ކެންޑިޑޭޓަކަށް ތާއީދުކުރުމާ ގުޅޭ ގޮތުން ފާސްކުރި ޤަރާރުގައި ބުނެފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ދެވަނަ ބުރުގައި ވާދަކުރާ ދެ ޕާޓީން އެ ޕާޓީގެ ހުށަހެޅުންތަކަށް އެއްބަސްނުވެއްޖެނަމަ އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށެވެ.
އެޕާޓީން ވެރިކަންކުރާ އެމްޑީޕީއަށް ހުށަހަޅާފައިވަނީ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން، މި މަހުގެ 28 ވަނަ ދުވަހުގެ ކުރިން ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.
އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް އެ ޕާޓީން ހުށަހަޅާފައިވަނީ، އެ އިއްތިހާދުގެ ސަރުކާރެއްގައި ޑިމޮކްރެޓުންނަށް އޮންނާނެ ހިއްސާއާމެދު އެއްބަސްވުމަކަށް ވާސިލުވެ ލިޔުމުން އެއްބަސްވުމެއްގައި މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ސޮއިކުރުމަށެވެ.
މިއަދު ޑިމޮކްރެޓްސްއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ ޤަރާރުގައި ހިމެނޭ ކަންކަމާ އެއްގޮތަށް ޕީޕީއެމް/ޕީއެންސީ އަދި އެމްޑީޕީންވެސް 20 ވަނަ ދުވަހާ ހަމައަށް އެއްބަސްވެފައިނުވާ ކަމަށެވެ. އެހެންކަމުން އެ ޤަރާރުގައި އޮތް ގޮތަށް ޑިމޮކްރެޓުން އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ނިންމާފައިވާ ކަމަށެވެ.
މިފަދައިން ޑިމޮކްރެޓުން ނިންމާފައިވާއިރު، ރިޔާސީ އިންތިޚާބަށްފަހު އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގައި ނިޒާމީ ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ގޮވައިލާ އެ ޕާޓީން ހުށަހެޅި ޤަރާރެއް އެމްޑީޕީގެ ތާއީދާއެކު އިއްޔެ ރައްޔިތުންގެ މަޖިލީހުންވަނީ ފާސްކޮށްފައެވެ.