Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލީ ވުޒާރާ

އިންޑިއާއިން 3 ބިލިއަން ރުފިޔާގެ ލޯނެއް ހޯދަން ސަރުކާރުން އެދިއްޖެ

އިންޑިއާއިން 194 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 3 ބިލިއަން ރުފިޔާގެ ލޯނެއް ހަމަޖައްސައިދިނުމަށް ދިވެހި ސަރުކާރުން އިންޑިއާގައި އެދިއްޖެއެވެ.

މިއަދު ފިނޭންސް މިނިސްޓްރީގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރަން ބައްދަލުކުރައްވާފައިވާއިރު، މި ބައްދަލުވުމުގައި އެބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން އިންޑިއާއިން ދަރަންޏަށް 3 ބިލިއަން ރުފިޔާ ނެގުމާ ގުޅޭ ގޮތުންނެވެ.

މި ފައިސާ ނެގުމަށް ސަރުކާރުން ހުށަހަޅާފައިވަނީ ޓްރެޝަރީ ބޮންޑު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އަށް ވިއްކައިގެންނެވެ. އެގޮތުން 194 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑު އެސްބީއައި މެދުވެރިކޮށް ހަމަޖައްސައިދިނުމަށް ސަރުކާރުން އެދިފައިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން ޚަރަދުކުރުމަށް ކަމުގައި "ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވެއެވެ.

މީގެ ކުރިންވެސް ސަރުކާރުންވަނީ އެސްބީއައިއަށް ބޮންޑު ވިއްކައިގެން ދަރަންޏަށް އެ ބޭންކުން ފައިސާ ނަގާފައެވެ. ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން އެސްބީއައިއަށް ވިއްކި ބޮންޑުގެ އިންޓަރެސްޓު ރޭޓާއި އެނޫން މައުލޫމާތު އޮޅުންފިލުވުމަށް "ދިޔަރެސް"އިން ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ސުވާލުކޮށްފައިވާނެއެވެ. ކޮންމެ ފަހަރަކުވެސް އެމަނިކުފާނު ވިދާޅުވެފައިވަނީ ފަހުން އެ ތަފުސީލު ހާމަކުރައްވާނެ ކަމަށެވެ.

ނަމަވެސް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނިމުނުއިރުވެސް އެމަނިކުފާނު އެ މައުލޫމާތު ހާމަކުރައްވާފައިނުވެއެވެ. އަދި ސަރުކާރުގެ އެއްވެސް އިދާރާއަކުން މިހާތަނަށް މި މައުލޫމާތު ހާމަކޮށްފައިނުވެއެވެ.

އިންޑިއާ މެދުވެރިކޮށް 3 ބިލިއަން ރުފިޔާ ދަރަންޏަށް ނެގުމަށް ސަރުކާރުން ހުށަހަޅާފައިވާއިރު، މިހާރުވެސް ރާއްޖެއިން އެންމެ ބޮޑު އަދަދަކަށް ދަރާފައިވަނީ އިންޑިއާއަށެވެ. އެ ޤައުމުން 42 ބިލިއަނެއްހައި ރުފިޔާގެ ދަރަނި ދިވެހި ސަރުކާރުން ނަގާފައިވާއިރު އެ އަދަދުގެ ތެރޭގައި އެސްބީއައިއަށް ބޮންޑު ވިއްކައިގެން ނަގާ ދަރަނި ނުހިމެނެއެވެ. އެ ދަރަނި ސަރުކާރުން ހިސާބުކުރަނީ އެތެރޭގެ ބާޒާރުން ނަގާ ޑޮމެސްޓިކް ދަރަނީގެ ގޮތުގައެވެ.

އިންޑިއާއިން 3 ބިލިއަން ރުފިޔާ ދަރަންޏަށް ނަގަން ސަރުކާރުން މަސައްކަތްކުރާއިރު މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ޚަރަދުކުރުމަށް ކަނޑައެޅި ފައިސާ ހުސްވާން ކައިރިވެ އޮކްޓޯބަރު މަހުގައި ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން 5 ބިލިއަން ރުފިޔާއާއި 6 ބިލިއަން ރުފިޔާއާ ދެމެދުގެ ސަޕްލިމަންޓަރީ ބަޖެޓެއް އަންނަ މަހު މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް މިހާރު އެ މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

މި ލިއުމާއި ގުޅޭ