ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރައްވައި ނާކާމިޔާބުވީ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ނިންމަވާގޮތެއް މިރޭ އިއުލާންކުރައްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
މި މަހު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި އުމަރު ނަސީރު ވަނީ 6،343 ވޯޓު (2.8 އިންސައްތަ) ހޯއްދަވައި، އަށް ކެންޑިޑޭޓުންގެ ތެރެއިން ހަތަރުވަނަ ހޯއްދަވާފަ އެވެ. އުމަރު ހަތަރުވަނަ ހޯއްދެވީ ޖޭޕީގެ ލީޑަރު ގާސިމް ވެސް ފަހަތައް ޖައްސާލެއްވުމަށްފަހު އެވެ. ދެވަނަ ބުރަށް ޖޭޕީން ނިންމީ އެއްވެސް ކެންޑިޑޭޓެއްގެ ފަހަތައް ނޭރުމަށެވެ.
އުމަރު ނަސީރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ގުޅޭ ގޮތުން އޭނާ އާއި އޭނާގެ "ނިއު ޑައިރެކްޝަން" ޓީމުން ނިންމާ ނިންމުން އިއުލާން ކުރުން މިރޭ 9:30 ގައި ކެމްޕެއިން ސްޓޫޑިއޯގައި އޮންނާނެ ކަމަށެވެ. އެ ނިންމުން ފޭސްބުކާއި ޓިކްޓޮކްގައި ލައިވް ކުރާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒަށް 46 ޕަސެންޓު ވޯޓު ލިބިވަޑައިގަތެވެ. ދެވަނަ ހޯއްދެވި އެމްޑީޕީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 36 ޕަސެންޓު ވޯޓެވެ.
އެ ދެ ކެންޑިޑޭޓޫންގެ މެދުގައި ބާއްވާ ދެވަނަ ބުރު އޮންނާނީ މި މަހު 30 ގަ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި އަށް ކެންޑިޑޭޓުންގެ ތެރެއިން ގިނަ ކެންޑިޑޭޓުން މިހާތަނަށް އައިއިރު ވަކިކޮޅެއް ނަންގަވާފައެއް ނުވެއެވެ. އޭގެ ތެރޭގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިިކަލުން ފާރިސް މައުމޫން އާއި، ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބް ހިމެނިވަޑައިގަންނަވަ އެވެ.
އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އެމްއެންޕީގެ ކެންޑިޑޭޓު މުހައްމަދު ނާޒިމް ވަނީ މުއިއްޒު ފަހަތަށް އަރާވަޑައިގެންފަ އެވެ.