ހެއިޓީގެ ބޮޑުވަޒީރު އެރިއަލް ހެންރީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހިއްސާކުރެއްވި ބަޔާނެއްގައި ބުނެފައި ވަނީ ހައިޓީ އާއި ކެންޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ ބުދަ ދުވަހު ކަމަށެވެ.
މިފިޔަވަޅު އަޅާފައި މިވަނީ ހެއިޓީގައި ހިނގަމުންދާ ގޭންގް ހަނގުރާމައާ ދެކޮޅަށް ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އދ.ގެ ތާއީދު އޮންނަ މަލްޓިނޭޝަނަލް ސެކިއުރިޓީ ފޯސްގައި ކެންޔާ އިސްކޮށް ހަރަކާތްތެރިވުމުގެ ފުރުސަތު އޮތުމާ މެދު ބައިނަލްއަގްވާމީ ގޮތުން މަޝްވަރާކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ ފޯ ވެސްޓަން ހެމިސްފިއާ އެފެއާޒް ބްރަޔަން ނިކޮލްސް މި ހަފުތާގެ ކުރީކޮޅު ވޮއިސް އޮފް އެމެރިކާ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ހެއިޓީގެ މަލްޓިނޭޝަނަލް ފޯސްއާ މެދު އދ.ގެ ސަލާމަތީ މަޖިލީހުން ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވޯޓަށް އަހާނެ ކަމަށެވެ.
ހެންރީގެ ސަރުކާރުން އެންމެ ފުރަތަމަ ބައިނަލްއަގުވާމީ އެހީއަށް އެދުނީ މިދިޔަ އޮކްޓޫބަރު މަހު ނަމަވެސް އދ އިން ތަކުރާރުކޮށް ގޮވާލި ނަމަވެސް، ކެންޔާއިން ޖުލައި މަހު އެފަދަ ޖަމާއަތެއްގެ ލީޑަޝިޕަށް ތައްޔާރަށް އޮތް ކަމަށް ބުނުމާ ހަމައަށް ވެސް އެ އެދުމަށް ޖަވާބެއް ނުލިބުނެވެ.
ވަސީލަތްތައް މަދުކަމުން ހެއިޓީގެ ފުލުހުން ދަނީ މިހާރު އެގައުމުގެ ބޮޑު ސަރަހައްދެއް ކޮންޓްރޯލް ކުރާނެ ކަމަށް ބެލެވޭ ބާރުގަދަ ގޭންގުތަކާ ހަނގުރާމަ ކުރަމުންނެވެ.