ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމެއް އޮވެއްޖެނަމަ އިސްލާމްދީނަށް ބޮޑެތި ގޮންޖެހުންތައް އިންތިހާއަށް ކުރިމަތިވެ އެހެން ދީންތަކަށް މަގުފަހިވެގެންދާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރ.ހުޅުދުއްފާރުގައި މިރޭ ބޭއްްވި ކެމްޕޭން ޖަލްސާގައި ދެއްކެވޮ ވާހަކަފުޅުގައި ޑރ.މުޢިއްޒު ވިދާޅުވީ ގައުމުގެ ކަންކަން ހުރި ގޮތަށް ބަލާއިރު މި ގައުމުގައި އަމިއްލަ ބަސް ސަރުކާރަށް ނުބުނެވޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އަދި އަމިއްލަ ބަސް ބުނާނަމަ ސަރުކާރުން އެހެން ގައުމެއްގެ ހުއްދަ ހޯދަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއީ ސަރުކާރުން ނިންމައިގެން އުޅޭ ގޮތެއް ކަމަށާއި ސަރުކާރުގެ ސިޔާސަތު އެގޮތަށް ބައްޓަންކުރުމުން ދިމާވެގެން އުޅޭ ގޮތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ރޮނގުން ދެއްކެވި ވާހަކަފުޅުގައި މުޢިއްޒު އިތުރަށް ވިދާޅުވީ މި ސަރުކާރު އަންނަންދެން ވަކި ގައުމެެއްގެ އަތްދަށުވެފައެއް ނުވާ ކަމަށެވެ.
''މިހާރު މި އޮތީ މުޅިން އަނެއް އަތަށް ބަދަލުވެފައި. އެއްވެސް ބާރެއް ނެތި އެއްވެސް ކަމެއް ނިންމުމުގައި. އެގޮތަށް އޮތުމުގެ ސަބަބުން ހަގީގަތުގަ އަޅުގަނޑުމެންގެ ގައުމުގަ މިހާރު ބޭރު ގައުމެއްގެ ސިފައިން މި ތިބީ. އަޅުގަނޑުމެންގެ ގައުމުގަ މި ފަސް އަހަރު ހެދިފަ ހުރި އެއްބަސްވުންތައް ހާމަނުކުރެވިގެން މި އުޅެނީ.'' ޑރ. މުއިއްޒު ވިދާޅުވިއެވެ.
''އެހެންވީމާ އެއީ ވަރަށް ބޮޑު ނުރައްކަލެއް.''ޑރ. މުއިއްޒު
މުޢިއްޒު ވިދާޅުވީ އެކަމުން ސަލާމަތްވާނީ އެންމެންގެ ވިސްނުން އެއްގޮތް ކޮށްގެން އެއްގޮތް ކުރަން ޖެހެނީ ގައުމީ ވިސްނުން ކަމަށެވެ. ގައުމުގެ މިނިވަންކަން ސަލާމަތްކުރުމުގެ ވިސްނުން ކަމަށެވެ. އަދި މިހާރު މިދާ ގޮތަށް އޮންނަންވެއްޖެއްޔާ މިނިވަންކަމެއް ވެސް ނޯންނާނެ ކަމަށާއި ދިވެހި ބަސް ވެސް އަޅުގަނޑުމެން އަތުން ގެއްލިގެންދާނެ ކަމަށެވެ.