Sunday 21st Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތަޢުލީމީ ވުޒާރާ

ބީލަންކުރުމެއް ނެތި ޣިޔާސުއްދީން ސުކޫލު މިހާރުވެސް ހިންގާ ކުންފުންޏަށް ދޭން އުޅެނީ

މާލޭގައި ހިންގާ ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލު މިހާރުވެސް ހިންގަމުން އަންނަ ޝްރި އެޑިއުކެއާއަށް އެ ސުކޫލު ހިންގުން އިތުރު 15 އަހަރުގެ މުއްދަތަށް ބިޑަށް ހުޅުވައިލުމެއް ނެތި ދިނުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު އަލީ މަސައްކަތް ފައްޓަވައިފިއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ޣިޔާސުއްދީން ސުކޫލުގެ ހިންގުން ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ފޮރިން ޑައިރެކްޓު އިންވެސްޓުމެންޓު ކުންފުންޏެއްކަމަށްވާ ޝްރި އެޑިއުކެއާ މޯލްޑިވްސްއާ ހަވާލުކުރީ 15 އަހަރުގެ މުއްދަތަކަށެވެ. އެއީ އެމަނިކުފާނުގެ ވެރިކަމުގައި ހިންގެވި ޕްރައިވަޓައިޒޭޝަން މަޝްރޫޢުގެ ތެރެއިން ތައުލީމީ ދާއިރާ ޕްރައިވަޓައިޒްކުރުމަށް ހިންގި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް މަޝްރޫޢެކެވެ.

ޣިޔާސުއްދީން ސުކޫލަކީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި މާލޭގައި ޖަޕާނުގެ ސަރުކާރުގެ އެހީތެރިކަމާއެކު އެންމެ ފަހަށް އެޅި ސުކޫލެވެ. އެއީ އެއިރު މާލޭގައި ހުރި އެންމެ ޒަމާނީ ސުކޫލުވެސްމެއެވެ. އެ ސުކޫލު 15 އަހަރުގެ މުއްދަތަށް ހަވާލުކުރި މައިގަނޑު ސަބަބަކީވެސް އެ ސުކޫލު ހިންގުމާ ހަވާލުވި ކުންފުނިން ބޮޑު އިންވެސްޓުމެންޓެއް ކުރަން ނުޖެހުމެވެ.

އެއިރު ޣިޔާސުއްދީން ސުކޫލު ހިންގުމަށް ހެދި އެއްބަސްވުން ނިމުމަކަށް އަންނަން ގާތްވުމާއެކު، އަލުން އެ ސުކޫލުގެ ހިންގުން ޝްރި ރާމް ފައިބާސްގެ ބަލަދުވެރިކަމުގެ ދަށުގައި އޮންނަ ޝްރި އެޑިއުކެއާއަށް ބީލަންނުކޮށް ދިނުމަށް މިނިސްޓަރު މަސައްކަތްކުރައްވަނީ މާލިއްޔަތު ޤަވާއިދުގެ ތެރެއިން އޮންނަ ލޫޕްހޯލެއް ބޭނުންކުރައްވައިގެންނެވެ. "ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސުކޫލު ބިޑުނުކޮށް އެ ކުންފުންޏަށް ދިނުމާމެދު ބަންޑާރަނައިބުގެ ޤާނޫނީ ލަފައެއް ހޯދުމަށް މިހާރު އޮތީ ފޮނުވާފައެވެ.

އަދި ޝްރި އެޑިއުކެއާއަށް އެ ސުކޫލު ދިނުން ލަސްވުމާ ގުޅިގެން މިއަދު މިނިސްޓަރުވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޕްރޮކިއުމެންޓު ޑިޕާޓުމެންޓުގެ ވެރިޔާއާއި އެވުޒާރާގެ ބިޑު ކޮމިޓީގެ ވެރިޔާ ހާޒިރުކުރައްވައި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައިކަމަށް މިނިސްޓްރީގެ އިސް އޮފިޝަލަކު ނަން ނުޖެހުން ޝަރުތުކޮށް "ދިޔަރެސް"އަށް މައުލޫމާތު ދެއްވާފައިވެއެވެ.

މީގެ ކުރިން މިފަދައިން ހިންގުން އަމިއްލަ ފަރާތްތަކާ ހަވާލުކޮށްފައިހުރި ސުކޫލުތަކާ ގުޅޭ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެޑިއުކޭޝަން މިނިސްޓްރީން އަމަލުކުރާ އުސޫލަކީ ވާދަވެރި ބީލަމަކަށް ހުޅުވައިލުމެވެ. އެ ބީލަމުގައި އެއިރެއްގައި ސުކޫލު ހިންގާ ކުންފުންޏަށް އަދި އެހެނިހެން އައު ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުސަތު އޮންނަ ގޮތަށެވެ. ދެން ބީލަމުން އެންމެ ރަނގަޅު ޕްރޮޕޯޒަލެއް ހުށަހަޅާ ކުންފުންޏަކަށް އެ ސުކޫލެއްގެ ހިންގުން ހަވާލުކުރުމެވެ.

ނަމަވެސް މިނިސްޓަރު އާއިޝަތު އަލީ އަންގަވައިގެން އެޑިއުކޭޝަން މިނިސްޓްރީންވަނީ ހުޅުމާލޭގައި ހިންގާ ޖެމްސް ޕްރީ-ސުކޫލު ހިންގުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމާއެކު، ބީލަންކުރުމެއް ނެތި އެ އެއްބަސްވުން އައުކޮށްފައެވެ.

ބިޑުނުކޮށް ޣިޔާސުއްދީން ސުކޫލު ޝްރި އެޑިއުކެއާއާ ހަވާލުކުރުމާ ގުޅޭ ގޮތުން "ދިޔަރެސް"އަށް މައުލޫމާތުދެއްވި އެޑިއުކޭޝަން މިނިސްޓްރީގެ މަސްއޫލުވެރިއެއް ވިދާޅުވީ އެ ކުންފުންޏަކީ ރަނގަޅު ކުންފުންޏެއް ކަމަށެވެ. އިންޑިއާގެ ވެރިރަށް ނިއުދިއްލީއާއި އެހެނިހެން ބޮޑެތި ސިޓީތަކުގައި ހިންގާ މަތީ ފަންތީގެ އިންޓަނޭޝަނަލް ސުކޫލުތައް ކަމަށްވާ ޝްރި ރާމް ސުކޫލުތައް ހިންގަނީ އެ ކުންފުނިންކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް އޭނާ ފާހަގަކުރި ގޮތުގައި މައްސަލައަކީ ބިޑަށް ހުޅުވައިނުލާ އެ ކުންފުންޏާ މަސައްކަތް ހަވާލުކުރުމެވެ. "މި ކުންފުންޏަކީ ރަނގަޅު ކުންފުންޏެއް. ކްރެޑިބަލް ކުންފުންޏެއް. އެއެއް ނޫން މައްސަލައަކީ، މައްސަލައަކީ މާލިއްޔަތު ޤާނޫނާ ޚިލާފަށް މިހާ ބޮޑު މުއާމަލާތެއް ބިޑުނުކޮށް ހިންގަން އުޅުން. އެއީ ބަލައިގަނެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ޝްރި ރާމް އެޑިއުގެ ޤާބިލުކަމަށް ބަލާއިރު، ބީލަމަށް ހުޅުވައިގެން މިނިވަން ދެފުށް ފެންނަ ގޮތެއްގައި މި މުއާމަލާތް ހިންގިޔަސް އެ ބިޑު ކާމިޔާބުކުރުމުގެ ފުރުސަތު އެ ކުންފުންޏަށް އޮންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އަވަސް އަރުވާލައިގެން ބިޑުނުކޮށް ޣިޔާސުއްދީން ސުކޫލު އެ ކުންފުންޏަށް އަލުން ދޭން މިނިސްޓަރު ޢާއިޝަތު އަލީ އުޅުއްވާ ސަބަބާމެދު ސުވާލު އުފެދޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ