ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ބަދަލުގައި، ރާއްޖޭގައި އިސްލާމީ ވެރިކަމުގެ ނިޒާމެއް އޮތުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ހުށަހަޅުއްވައިފިއެވެ.
މިފަދައިން މޮސްޓާ ހުށަހަޅުއްވާފައިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާމެދު އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް "ދަ ޑިމޮކްރެޓްސް"އަށް ނިސްބަތްވެވަޑައިގަންނަވާ އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ޤަރާރަށް ގެންނަވަން ހުށަހެޅުއްވި އިސްލާހެއްގައެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކޮށް އެމްޑީޕީއާއެކު ކޯލިޝަނެއް ހެދުމަށް ޑިމޮކްރެޓުން ހުށަހެޅި ޝަރުތަކީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން ނިޒާމު ބަދަލުކުރުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެެ.
އެ ހުށަހެޅުމުގެ މުޤާބިލުގައި ރައީސް އިބްރާހީމު ހުށަހަޅުއްވާފައިވަނީ އިންތިޚާބުގެ ވޯޓުލުމަށްފަހު ނިޒާމީ ވޯޓު ބޭއްވުމަށެވެ. މި ހުށަހެޅުއްވުން ހުށަހަޅުއްވާފައިވަނިކޮށް އިލްޔާސްވަނީ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގައި ނިޒާމީ ވޯޓު ނެގުމަށް ޤަރާރެއް މަޖިލީހަށް ހުށަހަޅުއްވާފައެވެ. އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތާއީދާއެކު އެ ޤަރާރު އިއްޔެ މަޖިލީހަށް ބަލައިގަނެ ޤަރާރު ދިރާސާކުރުމުގެ މަސައްކަތް މިއަދު މަޖިލީހުގެ މުޅިސް މަޖިލިސް ކޮމިޓީންވަނީ ފަށާފައެވެ.
ޤަރާރު ދިރާސާކުރުމުގެ މަރުހަލާގައި މޮސްޓާވަނީ އެ ޤަރާރަށް އިސްލާހެއް ހުށަހަޅުއްވާފައެވެ. އެ އިސްލާހުގައި ބުނެފައިވަނީ ރާއްޖޭގެ ޤާނޫނު އަސާސީގައި ދައުލަތުގެ ދީނަކީ އިސްލާމްދީންކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންކަމުން، އިސްލާމީ ޝަރީޢަތުގައި އަންގަވާފައިވާ ޝަރުޢީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އިސްލާމީ ޙުކުމްތައް ޤާއިމުކުރުމަށްޓަކައި، ދިވެހިރާއްޖޭގައި ވެރިކަންކުރާ ނިޒާމަކީ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ވެރިކަމުގެ ނިޒާމުގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ހުށަހަޅުއްވާކަމަށް މޮސްޓާގެ އިސްލާހުގައި ބަޔާންކުރައްވާފައިވެއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބުގެ ކުރިން އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވެފައިވަނީ ރައްޔިތުން ވެރިކަމުގެ ނިޒާމާމެދު ގޮތެއް ނިންމާފައިވާކަމަށާއި، ނިޒާމު ބަދަލުކުރުމުގެ މަސައްކަތަށް ޝައުޤުވެރިކަމެއް ނެތް ކަމަށެވެ.
ނަމަވެސް އިންތިޚާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓުންނަށް 15،000 އަށްވުރެ ގިނަ ވޯޓާއެކު 3 ވަނަ ލިބުމުން އެ ޕާޓީގެ ވޯޓުތައް ހޯއްދެވުމުގެ ގޮތުން އެ ޕާޓީން ހުށަހެޅި ޝަރުތަށް އެއްބަސްވެވަޑައިގެން އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލައި ނިމުމުން ނިޒާމީ ވޯޓެއް ނެންގެވުމަށް ރައީސް އެއްބަސްވެވަޑައިގެންފައިވެއެވެ.
ދަ ޑިމޮކްރެޓްސްގެ ކައުންސިލުގެ ބައްދަލުވުމުން ފާސްކޮށްފައިވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް އެމްޑީޕީން އެއްބަސްނުވާނަމަ އެ ޕާޓީއާއެކު ކޯލިޝަން ނުހެދުމަށެވެ.