އެމްއެމްޕީއާރުސީ ޚިޔާނާތުގެ މުގުލުގައި ހުންނެވިކަމަށް އަމިއްލައަށް އިއުތިރާފުވެވަޑައިގެންފައިވާ ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު ސިންގަޕޫރުގައި ބޭސްފަރުވާއަށް ހުރުމަށް ދީފައިވާ މުހުލަތު އަނެއްކާވެސް ސަރުކާރުން އިތުރުކޮށްފިއެވެ.
އަދީބުގެ މައްޗަށް 20 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް ޚިޔާނާތުގެ ކުށް ސާބިތުވެ އިއްވި ނަމަވެސް އޭނާ ހުކުމް ތަންފީޒުކުރައްވަމުން ގެންދެވީ ގޭގައެވެ. އޭނާ ގޭގައި ހުކުމް ތަންފީޒުކުރާ ސަބަބެއްކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ނޭވާލާން ބޭނުންވާ މެޝިނެއް ބޭނުންކުރަންޖެހުމެވެ.
ހުކުމް ތަންފީޒުކުރަމުންދަނިކޮށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވައިދިނުމަށް އަދީބު އެދުނެވެ. އަދި ރައީސް އިބްރާހީމަށް ތުހުމަތުވާ އެމްއެމްޕީއާރުސީއާ ގުޅޭ ވާހަކަތައް އާންމުކުރާނެކަމުގެ އިންޒާރު ދިނުމާއެކު، ރާއްޖެއިން ބޭރަށް ފުރަން އަދީބަށް ސަރުކާރުން ހުއްދަދިނެވެ.
އަދީބު ފުރައިގެން ސިންގަޕޫރަށް ދިޔައީ 10 ދުވަހަށް ކަމުގައިވި ނަމަވެސް އެ މުއްދަތު ހަމަވުމާއެކު 28 އޯގަސްޓާ ހަމައަށް ސިންގަޕޫރުގައި ހުރުމަށް ސަރުކާރުން ހުއްދަދިނެވެ. ފަހުން އެ މުއްދަތު މި މަހުގެ 15 ވަނަ ދުވަހަށް އިތުރުކުރިއެވެ. 15 ވަނަ ދުވަހުގެ ފަހުން މިހާރު އެ މުއްދަތުވަނީ އަންނަ މަހުގެ 1 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.
ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވުމުން އެ ހުކުމް ގޭގައި ހުރެގެން ތަންފީޒުކުރެވޭނެ ގޮތް އަދީބަށް ސަރުކާރުން ހަދައިދިންއިރު އަދީބަކީ އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް މި ސަރުކާރުން އުފުލި ހުރިހާ ދައުވާއެއްގެ ޝަރީޢަތުގައި މައި ހެއްކެވެ.
އަދީބު ރާއްޖެއިން ބޭރުގައި ހުންނައިރު އަދީބުގެ ހެކިބަހަކީ ބުރަދަންހުރި ސައްހަ ހެކިބަސްކަމަށް ބަލައިގެން ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް އެމަނިކުފާނު ތަންފީޒުކުރައްވަނީ މާފުށީ ޖަލުގައެވެ. ރަމަޟާން މަހަށް އެމަނިކުފާނު ގެއަށް ބަދަލުކޮށްދޭން އާއިލާއިންނާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތަކުރާރުކޮށް އެދުމުން އެ މައްސަރަށްވެސް އެމަނިކުފާނު ގެއަށް ބަދަލުކޮށްފައިނުވެއެވެ.
ސިންގަޕޫރުގައި އަދީބު ހުންނަން ދިން މުއްދަތު ސަރުކާރުން އިތުރުކޮށްދިންއިރު އަދީބާއެކު ސިންގަޕޫރަށް ދިޔަ ފުލުސް އޮފިސަރު މި މަހުގައި އޮތް ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ފުރަތަމަ ބުރުގެ ވޯޓުލުމަށް އެއް ދުވަހަށް ވެފައިވަނިކޮށް އަނބުރާ ރާއްޖެއަށް އައިސްފައިވެއެވެ. އޭނާގެ ބަދަލުގައި އަދީބު ބަލަހައްޓަން އިތުރު ފުލުހެއް ސިންގަޕޫރަށް ފޮނުވާފައިނުވެއެވެ.
އަދީބު ފުރުވައިލިއިރު ސަރުކާރުން ބުނެފައިވަނީ ސަރުކާރުން ބޭނުންވެއްޖެ ކޮންމެ ހާލަތެއްގައި އަދީބު ރާއްޖެއަށް ގެނެވޭނެކަން ކަށަވަރުކުރެވޭނެ އިންތިޒާމުތައް އޭނާ ފުރުވައިލުމުގެ ކުރިން ހަމަޖައްސާފައިވާ ކަމަށެވެ.