މަޖީދިއްޔާ ސުކޫލުން އޯލެވެލް ފުރިހަމަކުރުމަށްފަހު މިހާރު އޭލެވެލްއަށް ކިޔަވަމުންދާ ކުދިންގެ ތެރެއިން ވޯޓުލެވޭ އުމުރުގެ ބައެއް ކުދިންނަށް ސުކޫލު ފަރާތުން ދައުވަތު ދީގެން ގެންގޮސް އެމްޑީޕީން އެކުދިންގެ ވޯޓު ހޯދުމަށް ކެމްޕެއިން ކޮށްފިއެވެ.
ފާއިތުވި ދެ އަހަރު މަޖީދިއްޔާ ސުކޫލުން އޯލެވެލް ނިންމުމަށްފަހު މިހާރު މަތީ ސާނަވީ މަރުހަލާގައި ކިޔަވަމުން އަންނަ ކުދިންނަށް ސުކޫލުގެ ފަރާތުން ބައްދަލުވުމަކަށް ދައުވަތު ލިބުމާ ގުޅިގެން އެ ދަރިވަރުން ސުކޫލަށް ދިޔައިރު އެ ކުދިންނާ ބައްދަލުކުރަން ސުކޫލުގައި ތިއްބެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިނުގައި އިސްކޮށް މަސައްކަތްކުރައްވާ ބޭފުޅުންކަމަށް އެއިން އެއް ކުއްޖަކު "ދިޔަރެސް"އަށް ކިޔައިދިނެވެ.
މި ބައްދަލުވުން ބޭއްވުމުގައި އިސްކޮށް މަސައްކަތްކުރެއްވީ މަޖީދިއްޔާ ސުކޫލުގެ ޕްރިންސިޕަލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙުގެ ކޮއްކޯފުޅު އާއިޝަތު މުޙައްމަދު ޞާލިޙެވެ. ޕްރިންސިޕަލުގެ އިސްނެގުމަށް ސުކޫލުން ދިން ދައުވަތު ޤަބޫލުކޮށް ކުދިން ސުކޫލުގެ ހޯލަށް ވަނުމުން އެ ކުދިންނާ މުޚާޠަބުކުރައްވައި ވާހަކަދެއްކެވީ ޕްރިންސިޕަލުގެ އިތުރަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓާ އާދަމް އާޒިމާއި، ޓުއަރިޒަމް މިނިސްޓަރު ޢަބްދުﷲ މައުސޫމާއި އެމްޑީޕީގެ ކެމްޕެއިނުގައި އިސްކޮށް އުޅުއްވާ އެހެން ބޭފުޅުންނެވެ.
މި ބައްދަލުވުމުގައި ކެމްޕެއިން ޓީމުގެ ބޭފުޅުންވަނީ އެކުދިންނަށް ރައީސް އިބްރާހީމަށް ވޯޓުލާންވީ ސަބަބުތަކުގެ ގޮތުގައި ބައެއް ކަންކަން ފާހަގަކޮށްދީ ސަރުކާރުން ހިންގާ މަޝްރޫޢުތައް ކިޔައިދީ، ސަރުކާރުގެ ސިޔާސަތުތަކުގެ ރަނގަޅުކަން އެކުދިންނަށް ބުނެދެއްވުމަށް މަސައްކަތްކުރައްވާފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ދެ ކުއްޖަކު "ދިޔަރެސް"އަށް މައުލޫމާތު ދެމުން ބުނީ، އޮޅުވާލައިގެން އެކުދިން ކެމްޕެއިން ހަރަކާތަކަށް ގެންދިއުމުން ގިނަ ކުދިން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ކަމަށެވެ.
"މެޑަމް [އައިޝަތު މުހައްމަދު ސޯލިހު]އަށް ކުރި ރެސްޕެކްޓް ގެއްލިއްޖެ. ޑިސީވްކޮށްގެން ގެންގޮސް ކެމްޕެއިން އިވެންޓެއް ބޭއްވުން ކަނޑަދޯ؟ އަނެއްކާ ސުކޫލުގެ ނޭމް ޔޫސްކޮށްގެން މިކަހަލަ ކަމެއް ކުރީމައި ވަރަށް ސަކަރާތް،" އެއިން ކުއްޖަކު "ދިޔަރެސް"އަށް މައުލޫމާތު ދެމުން ބުންޏެވެ.
މި އަހަރު އޭލެވެލް އިމްތިހާނު ހަދާ ކުދިންނާއެކު އޮޅުވާލައިގެން އެމްޑީޕީން ބޭއްވި ބައްދަލުވުމުގައި އާދަމް އާޒިމާއި މައުސޫމުގެ އިތުރަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއާއި އެމްޑީޕީގެ އެކްޓިވިސްޓު ޤައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކޯޗު އަލީ ސުޒޭންވެސް ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުވުމާ ގުޅިގެން "ދިޔަރެސް"އަށް މައުލޫމާތު ދިން ކުދިންގެ އިތުރަށް އެކުދިންގެ ބެލެނިވެރިންވެސް މިކަމާމެދު ތިބީ ވަރަށް ބޮޑަށް ނުރުހިފައެވެ. ކުދިންނަށާއި ބެލެނިވެރިންނަށް އޮޅުވާލައިގެން ސުކޫލެއްގެ ނަމާއި ވަސީލަތްތަކާއި ޖާގަ ބޭނުންކޮށްގެން މިފަދަ ކެމްޕެއިން ހަރަކާތެއް މީގެ ކުރިން އެއްވެސް ވެރިކަމެއްގައި ހިންގާފައިނުވާކަން އެ ބެލެނިވެރިން ފާހަގަކުރެއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބަށްފަހު އެމަނިކުފާނު ގެންދަވަނީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ކާމިޔާބުކުރެއްވުމަށްޓަކައި ކުރެެއްވެން ހުރި ހުރިހާ ކަމެއް ކުރައްވަމުންނެވެ. އެގޮތުން މުޅިން އައު ބޮޑެތި ވައުދުތައް ވެވަޑައިގަތުމާއި، ސަރުކާރުން 5 އަހަރު ދެމެހެއްޓި ސިޔާސަތުތައް ކުއްލިއަކަށް ބަދަލުކުރެއްވުމާއި، އެންޓި ކެމްޕެއިނު ކުރުމާއި، ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރައްވައިގެން ވޯޓަށް އަސަރުކުރާނެ ކަންކަން އިންތިޒާމީ ސިފައެއްގައި ހިންގެވުން ހިމެނެއެވެ.