Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު މަހްލޫފް

ޗާގޮސް މައްސަލާގައި މޮރިޝަސްއަށް ފޮނުވިކަމަށް ބުނާ ސިޓީ ލީކުކުރެއްވީ ރައީސްކަމަށް މަހުލޫފު ވިދާޅުވެއްޖެ

ދިވެހިރާއްޖޭގެ ދެކުނުގެ އިޤުތިޞާދީ ޚާއްޞަ ސަަރަހައްދާއި ޗާގޯސްގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގެ ދެމެދުގައިވާ ފުށު އަރާ ބައިގެ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީކަމަށް ބުނެ މީޑިއާއަށް ލީކުކުރި ލިޔުން "ހާމަކުރެއްވީ" ރައީސް އިބްރާހީމުކަމަށް އެމަނިކުފާނުގެ ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ޗާގޮސްއަކީ މޮރިޝަސްގެ ބައެއްކަމަށް ރާއްޖެއިން ޤަބޫލުނުކޮށް އޮތް އޮތުން ކުއްލި ގޮތަކަށް ބަދަލުކުރައްވައި ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުއްވިކަން އެނގުނީ ކަނޑުގެ ސަރަހައްދުގެ މައްސަލާގައި އިޓްލޮސްގައި ހިނގަމުން އައި އަޑުއެހުންތަކުގައި މޮރިޝަސްގެ ޤާނޫނީ ވަކީލުން އެ ސިޓީއަށް ހަވާލާ ދިނުމުންނެވެ. ޒަމާނުއްސުރެ ރާއްޖެއިން ދަމަހައްޓަމުން އައި ސްޓޭންޑެއް ކުއްލިއަކަށް ބަދަލުކުރުމުން ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

އެ ސިޓީގެ ސަބަބުން ރާއްޖޭގެ ސްޓޭންޑު ބަލިކަށިވެ ރާއްޖެއިން އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގެ ބޮޑު ބައެއް ހޯދުމަށް އިހުއްސުރެ ކުރަމުން އައި ދައުވާއަށް ނޭދެވޭ އަސަރުކުރާނެކަމަށް ބައިނަލްއަޤުވާމީ ކަނޑުގެ ޤާނޫނުގެ މާހިރު ޑރ.މުޙައްމަދު މުނައްވަރާއި ރާއްޖޭގެ ތަޖުރިބާކާރު ބައެއް ޤާނޫނީ ވަކީލުން ވިދާޅުވުމުން އެފަދަ އަސަރެއް އެ ސިޓީން ނުކުރާނެކަމަށް ސަރުކާރުން ބުންޏެވެ. އެ ސިޓީ ރައްޔިތުންގެ މަޖިލީހާ ހިއްސާކުރަން އެދި ޤަރާރުތައް މަޖިލީހަށް ހުށަހަޅައި، ސިޓީ އާންމުކުރުމަށް އިދިކޮޅު ޕާޓީތަކުން ތަކުރާރުކޮށް ގޮވައިލި ނަމަވެސް ސަރުކާރުން އެކަމަށް ކޮންމެ ފަހަރަކުމެ އިންކާރުކުރިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހީމަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބަށްފަހު، ރާއްޖެ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް އިބްރާހީމު ވިދާޅުވެފައިވަނީ އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބުގެ އަސްލަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަމަށާއި، ރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލަށް ގެއްލުން ލިބޭ ކަންކަން ސަރުކާރުން ކުރާކަމަށް ފަތުރާ ވާހަކަތައް ކަމަށެވެ. އަދި ދެވަނަ ބުރުގައި ހާމަކުރެއްވެން ހުރި، ހުރިހާ ކަންކަން ހާމަކުރައްވާނެ ކަމަށެވެ.

އެފަދައިން ރައީސް ވިދާޅުވިތާ އެއް ދުވަސް ފަހުން މޮރިޝަސްއަށް ރައީސް ފޮނުއްވި ސިޓީއެއްކަމަށް ބުނެ ލިޔުމެއް ލީކުވިއެވެ. ރައީސް އޮފީހުގެ ލެޓާހެޑެއް ރައީސްގެ ސޮއެއް ނެތް މި ލިޔުން އާންމުވުމާއެކު އެއީ ސައްހަ ލިޔުމެއްކަމަށް ސަރުކާރުން ބުންޏެވެ. އަދި އެ ލިޔުން އާންމުކުރައްވައި ފެތުރެއްވުމުގައި ސަރުކާރުގެ ހުރިހާ ވަޒީރުންނާއި އެމްޑީޕީގެ މަޖިލިސް މެންބަރުން ވަރަށް ބޮޑަށް ހަރަކާތްތެރިކޮށް އުޅުއްވިއެވެ. ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު އެއިރު ވިދާޅުވީ އެ ސިޓީ ލީކުވި މައްސަލަ ސަރުކާރުން ބަލާނެ ކަމަށެވެ.

ރޭ ގަލޮޅު ކަންމަތީގައި ރައީސް ބޭއްވެވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ، އެސިޓީ ދެއްކުމަށް ތަކުރާރުކޮށް އިދިކޮޅުން ގޮވައިލަމުން ދިޔަ ކަމަށެވެ. އަދި ރައީސް އަބަދުވެސް ވިދާޅުވީ އެއް ޤައުމެއްގެ ރައީސަކު އަނެއް ޤައުމެއްގެ ރައީސަށް ފޮނުއްވާ ސިޓީއަކީ ހާމަކުރަންޖެހޭ އެއްޗެއް ކަމުގައި އެމަނިކުފާނު ޤަބޫލުނުކުރައްވާ ކަމަށެވެ. "ނަމަވެސް އެކަންތައް ބޮޑުވެގެން ސަލާމަތްނުވާ ވަރަށް ދިޔައީމައި އިހަކަށް ދުވަހު [އެ ސިޓީ] ހާމަކުރައްވައިފި،" މަހުލޫފު ވިދާޅުވިއެވެ.

"ދިޔަރެސް"އަށް އިތުބާރުހުރި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހީމް ގެންދަވަނީ އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތައްކަމަށް ބުނެ ފޭކު ލިޔުންތަކެއް ތައްޔާރުކޮށް އާންމުކުރެއްވުމަށް މަސައްކަތްކުރައްވަމުންނެވެ. އިންތިޚާބުގެ ކުރިން އެ ލިޔުންތައް މީސްމީޑިއާއާއި ސަރުކާރަށް ތާއީދުކުރާ މީޑިއާތައް މެދުވެރިކޮށް އާންމުކުރުމަށް އެމްޑީޕީން ރާވަމުންގެންދާކަމުގެ މައުލޫމާތުވަނީ ލިބިފައެވެ.

މި ލިއުމާއި ގުޅޭ