ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން އެންމެ ޒަމާންވީ ޙަޟާރަތެއް އޮތް، އެންމެ ޤަދީމީ މަދަނިއްޔަތެއްގެ ތާރީޚު އޮތް ޤައުމަކީ ދިވެހިރާއްޖެކަމަށްވާއިރު މި ސަރަހައްދުގައި އެންމެ ނިސްބަތުން ތައުލީމީ ޤައުމަކީވެސް ރާއްޖެއެވެ. ޓެކްނޮލޮޖީއަށް އެންމެ އަހުލުވެރި، ގިނަ ވިސްނުމާއި ފިކުރުތަކަށް ލޯ ހުޅުވިފައިވާ ތަންދޮރުފިލާ އާބާދީއެއް އޮތް ޤައުމަކީވެސް ދިވެހިރާއްޖެއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބަށްފަހު، އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިނުގައި މަތީގައި އަޅުގަނޑު ބަޔާންކުރި ޙަޤީޤަތްތައް އެމަނިކުފާނު ހަނދުމަފުޅު ނެތިއްޖެ ފަދައެވެ. ވައުދުތައް ވެވަޑައިގަންނަވާއިރު، ވެގެން އުޅޭ ގޮތާއި، މާޒީއާއި، ދައްކަވާ ވާހަކަފުޅުގެ ބުރަދަން މިނެކިރުމުގެ ޤާބިލުކަން ދިވެހިންގެ ހުންނާނެ މިންވަރާމެދު އެއްވެސް މިންވަރަކަށް ވިސްނަވާފައި ނެތްކަމުގެ އިހުސާސުކުރެވެއެވެ.
އެގޮތުން ކުއްލިއަކަށް ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަވާ ބަދަލުތަކާއި، އެ އިއުލާނުކުރައްވާ ވައުދުތަކާމެދު ދިވެހިން ފުންކޮށް ވިސްނައި، ވެގެން އުޅޭ ގޮތުގެ ހަގީގަތަށް ބުރަދަންނުދޭނެ ކަމުގައި ދެކެވަޑައިގަންނަވާނަމަ، އެއީ ގޯސް ވިސްނުންފުޅެކެވެ. އެއިން ބައެއް ވާހަކަފުޅަށް އަޅުގަނޑު ނަޒަރުކޮށްލާނަމެވެ.
ރައީސް އިބްރާހީމު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވިއިރު އެއިރުގެ ސަރުކާރުން މަސްވެރިން ބާނާ މަސް ގަންނަމުން އައީ 20 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. އެއިރު އެމަނިކުފާނު ވިދާޅުވީ އެ އަގަކީ މަސްވެރިންނަށް ލިބެންޖެހޭ އެންމެ ރަނގަޅު ހެޔޮ އަގު ނޫން ކަމަށެވެ. އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވައި ތަކުރާރުކުރެއްވި ވައުދަކީ މަސްވެރިންނަށް މަހުގެ "ހަމަ އަގު" ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވި ވައުދެވެ.
ނަމަވެސް ވެރިކަމަށް ވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއް ފަހުން މަސް ގަންނަ އަގު ކަނޑައަޅާފައި އޮތް އޮތުން އުވައިލެއްވިއެވެ. އަދި މަސް ގަންނަ އަގު ކިލޯއަކަށް 13 ރުފިޔާއާ ހަމައަށް ދަށްވެގެންދާން ދޫކޮށްލެއްވިއެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަަމަ ބުރާ ހަމައަށް އައިއިރުވެސް މަސް ގަންނަ އަގަށް ހެޔޮ ބަދަލެއް ނުގެންނަވައެވެ. ފުރަތަމަ ބުރުގައި 39 އިންސައްތަ ވޯޓު ލިބިވަޑައިގެން ކުރިމަތިވެވަޑައިގަތީ ބޮޑު ނާކާމިޔާބަކާއެވެ.
މަހުގެ އަގަށް ގެންނެވި ބަދަލާއެކު މަސްވެރިން ތެލަށް ކުރާންޖެހިފައިވާ ބޮޑު ޚަރަދާއި ބާނާ މަސް ކިރައިގެން ލިބޭ އާމްދަނީ ދެކޮޅުނުޖެހި މަސްވެރިން އެކަމުގެ ނުރުހުން ފާޅުކޮށް، މަސް ގަންނަ އަގާމެދު ޝަކުވާ ކުރާތާ އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް ސަރުކާރުން އެ ޝަކުވާތައް އަޑުނާހައެވެ. ފުރަތަަމަ ބުރުގެ ނަތީޖާއާއެކު މަސްވެރިންގެ ޝަކުވާތައް އިވިވަޑައިގެން ކުއްލިއަކަށް އީޔޫއާއި އިނގިރޭސިވިލާތުން ދިވެހި މަހުން ނަގާ ޑިއުޓީ ކުޑަކުރަން ނިންމާނެކަމުގެ ޔަގީންކަން ލިބިއްޖެކަމުގައި ވެއްޖެއެވެ.
ނަމަވެސް ޖަނަވަރީ މަހުގެ ތެރޭގައިވެސް ސަރުކާރުންވަނީ އިނގިރޭސިވިލާތުން މަހުން ނަގާ ޑިއުޓީ ކަނޑައިދޭން ވިސްނަމުންދާކަމަށް ބުނެފައެވެ. އެއިރު މަހުގެ އަގު ބޮޑުނުކުރީ ކީއްވެހެއްޔެވެ؟ އެއިރަކުވެސް މިހާރަކުވެސް އިނގިރޭސިވިލާތާއި އީޔޫން މަހުން ނަގާ ޑިއުޓީ ކަނޑަން ނިންމައި އިއުލާނުކުރީއެއް ނޫނެވެ. އަދި "ދިޔަރެސް"އިން ބެލި ބެލުމުން އީޔޫއާއި ޔޫކޭއިންވެސް މަޝްވަރާތައްކުރުން ފިޔަވައި މި މައްސަލާގައި ގޮތެއް ނިންމާފައި ނެތެވެ.
ކޫއްޑޫ ފިޝަރީޒްގެ ކުރީގެ އެމްޑީ މުޙައްމަދު މުއްޠަލިބު ފާހަގަކުރެއްވި ގޮތުގައި ޔޫކޭއިން މި މައްސަލާގައި އަދި ކޮންސަލްޓެންސީ މަރުހަލާ ނިމުނީއެވެ. ގޮތެއް ނިންމުމަށް އަހަރެއް ދެ އަހަރެއްހައި ދުވަސް ހޭދަވުން އެކަށީގެންވެއެވެ. އީޔޫއިން އަދި މި މައްސަލައާ ގުޅިގެން މަޝްވަރާތައްވެސް ނުފަށައެވެ. އެހެންކަމުން ރައީސް އިބްރާހީމާއި ސަރުކާރުން މިކަމުގައި މަސްވެރިންނަށް އޮޅުވައިލަނީއެވެ. ވޯޓަށް ގެނައި މިބަދަލަކީ ވޯޓު ނިމުމުން މަހުގެ އަގު ދަށްކުރަން ފުރަތަަމަ ދެއްކި ބަހަނާ އަލުން ދައްކައި އަނބުރައިލެވިދާނެ ނިންމުމެކެވެ.
މަހުގެ ހަމަ އަގު ހޯއްދަވައިދެއްވާނެކަމަށް ރައީސް ތަކުރާރުކޮށް އެކިފަހަރު މުހުލަތުތައް ދެއްވިއެވެ. ދެ މަސް ފަހުން ނުވަތަ ތިން މަސް ފަހުން މަހުގެ އަގަށް ހެޔޮ ބަދަލެއް ގެންނަވާނެކަމަށް 2021 ވަނަ އަހަރުން ފެށިގެން ތަކުރާރުކޮށް އެކި ފަހަރު ވިދާޅުވިއެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގެ ބައްޔާ ހަމައަށް އެކަން ނުކުރެއްވުނީ ޙަޤީޤަތުގައި އެކަން ކުރެއްވުމުގެ ހެޔޮ ނިޔަތެއް ނެތުމުންނެވެ. ވޯޓު ހޯއްދަވަން ކުރެއްވި ކަމަކީ ދެމެހެއްޓެނެވި ގޮތެއްގައި ކުރެއްވި ކަމެއްވެސް ނޫނެވެ.
ރައީސް އިބްރާހީމް ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީނުގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކަވައި އެތަނުގައި އެއިރު އަޅުއްވަން ފައްޓަވާފައި ހުރި 7،000 ހިޔާ ހައުސިން ޔުނިޓާއި، ކުންފުނިތަކާ ހަވާލުކުރައްވައިގެން ހިންގަވަމުން ގެންދެވި އިތުރު ހައުސިން މަޝްރޫޢުތަކަކީ މާލެ ސަރަހައްދަށް އެކަށީގެންވާ މިންވަރަށްވުރެ މަދު ހައުސިން ޔުނިޓުތަކެއް އުފައްދާ މަޝްރޫޢުތަކެއްކަމަށް ވިދާޅުވަމުންނެވެ. 20،000 ހައުސިން ޔުނިޓު މާލެ ސަރަހައްދުގައި ޤާއިމުކުރެއްވުމަށް ވައުދުވެވަޑައިގަންނަވަމުންނެވެ. ނިކަމެތިންނަށް ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް އައިއިރު އެމަނިކުފާނުގެ ސަރުކާރަށް މާލެ ސަރަހައްދުގައި ހިންގަން ސޮއިކުރެވުނީ އިޖުތިމާއީ ބޯހިޔާވަހިކަމުގެ 6،000 ހައުސިން ޔުނިޓުގެ މަސައްކަތެވެ. ފެށުނީ 4،000 ހައުސިން ޔުނިޓުގެ މަސައްކަތެވެ. އެއިން 2،000 ހައުސިން ޔުނިޓު ޤާއިމުކުރަން އަޅާ 10 ޓަވަރުން މަސައްކަތް ހިނގަނީ 3 ޓަވަރުގައެވެ. 1 ޓަވަރުގެ މެދަކާ ހަމައަށް ނިމުމުން އެތަނުން އެއް އެޕާޓުމެންޓުގައި ރާއްޖޭގެ ބައެއް ކުންފުނިތަކުގެ އެހީގައި މޮޕް އެޕާޓުމެންޓެއް ހަދައި ކުރީގެ ފިލްމީ ތަރި މަރިޔަމް ނިޝާ ގެންދަވައިގެން ކުރު ފިލްމެއް ކުޅުއްވިއެވެ. އެނިމުނީއެވެ. އޯގަސްޓު މަހުގައި މިތަންތަނަށް މީހުންނަށް ވަދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އޯގަސްޓު ނިމުނުއިރު އެއިން ތަނަކަށް މީހަކަށް ނުވަދެވެއެވެ.
ދެން ކުރެއްވި ކަމަކީ މާލެ ސަރަހައްދުން ގިނަ އަދަދެއްގެ ގޯތި މާލޭގެ ވަޒަންވެރިންގެ ތެރެއިން ވަކި ބަޔަކަށް ހިލޭ ދެއްވުމެވެ. ޤާނޫނު އަސާސީގެ 41 ވަނަ މާއްދާއާ ޚިލާފަށް މާލޭގެ ވަޒަންވެރިންގެ މެދުގައި ތަފާތުކުރައްވައިގެން ހިންގެވި މި މަޝްރޫޢުގެ ދަށުން ގޯތި ލިބުނު މީހުންނަށް ގޯތި ދޭ ބިންތައް ހިއްކައި ނުނިމެއެވެ. ގިރާވަރުފަޅާއި ގުޅިފަޅު ހިއްކުން ދަނީ ކުރިއަށެވެ. ބިން ހިއްކައި ނިމި ބިން ހަމަޖެހުމަށް އަހަރެއް ދެ އަހަރެއް ހޭދަވާނެއެވެ. މަގު ހަދައި، ނަރުދަމާ އަޅައި، ކަރަންޓު ވިއުގަ ގުޅައި، އެތަންތަނުގައި ބަޔަކަށް އާބާދުވެވޭނީ ލައްކަ ދުވަހުންނެވެ. ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ނަމުގައި ހިއްކަން ކަނޑައެޅި ސަރަހައްދުގެ ބިން ހިއްކުމެއް ނުވެސް ފެށެއެވެ.
މާލޭގެ ވަޒަންވެރިންގެ މެދުގައި އުފަން ރަށަށް ނުވަތަ ކުރިން ރަޖިސްޓަރީވެފައި އޮތް ތަނަށް ބަލައިގެން ތަފާތުކުރާ ސިޔާސަތަށް މީހުން ފާޑުކިޔަން ފެށީ ސިޔާސަތު އިއުލާނުކުރި ދުވަހުން ފެށިގެންނެވެ. އެ ސިޔާސަތުގެ ދެކޮޅުނުޖެހޭކަމުގެ ވާހަކަ މީހުން ފާހަގަކުރިއެވެ. އެ ސިޔާސަތަކީ ޤާނޫނު އަސާސީއާ ޚިލާފު ސިޔާސަތަކަށްވެގެން އެ މައްސަލަ އޮތީ ކޯޓަށްވެސް ހުށަހަޅާފައެވެ. ނަމަވެސް އެއަށް ބަދަލެއް ނުގެންނަވައި ކުރިއަށް ވަޑައިގަތީއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބާއި، މިއިން ޒަމާނެއްގައި މާލެއިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ކުރިމަތިވެވަޑައިނުގަންނަވާ ފަދަ ހިތި ނަޖީތާއަކާ ކުރިމަތިވެވަޑައިގަތުމުން ރޭ އަނެއްކާވެސް ސިޔާސަތުގެ މިސްރާބު އަނބުރާލައްވައި، މާލެ ސަރަހައްދުގައި 20 އަހަރު އުޅެފައިވާ މީހުންނަށް ގޯއްޗާއި ފުލެޓު ދެއްވަން ވިދާޅުވެއްޖެއެވެ. ދެއްވަނީ ކޮންތާކުން ކިހިނެއްކަން ވިދާޅުނުވެއެވެ. ހިއްކަވަނީ ކޮން ފަޅެއް ކަމެއް ބަޔާންނުކުރައްވައެވެ.
2018 ވަނަ އަހަރުގެ ޖުލައި 25 ވަނަ ދުވަހުގެ ރޭ އެއިރުގެ ރައީސް ޢަބްދުﷲ ޔާމީނުވަނީ ފުށިދިއްގަރު ފަޅު ހިއްކަވައި ހިޔާ އެކޮމްޕްލިޝްޑުގެ ނަމުގައި މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓު ބޭނުންވާ 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް ފުލެޓެއް ނުވަތަ ގޯއްޗެއް ދެއްވުމުގެ ސިޔާސަތެއް އިއުލާނުކުރައްވާފައެވެ. އެމަނިކުފާނުގެ ދެވަނަ ދައުރަށް އިއުލާނުކުރެއްވި އެ ސިޔާސަތު ހިންގަވަން ފުރުސަތު ލިބިވަަޑައިނުގަތެވެ. އެމަނިކުފާނުގެ ތާއީދާއެކު މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޑރ.މުޙައްމަދު މުޢިއްޒުގެ ފުރަތަމަ ވައުދަކީވެސް އެ މަޝްރޫޢު ހިންގެވުމެވެ.
ތަފާތުކުރުމެއް ނެތި ކޮންމެ ދިވެއްސަކަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އެމީހަކު ބޭނުންވާ ތަނެއްގައި ވަޒަންވެރިވުމުގެ ޙައްޤާއި، ވަޒަންވެރިވާ ތަނަކުން ލިބޭ ޚިދުމަތްތަކާއި އިމްތިޔާޒުތައް ލިބުމުގެ ޙައްޤު ކަށަވަރުކުރާ ގޮތަށް ފަރުމާކޮށްފައި އޮތް މި ސިޔާސަތު، ރައީސް ކޮޕީކުރެއްވީ އެ ސިޔާސަތު ތަންފީޒުކުރެއްވޭނެ މަޤާމުގައި ފަސް އަހަރު ހުންނަވައި އެ ސިޔާސަތާ ދިމާ އިދިކީއްޔަށް ސިޔާސަތު ހިންގެވުމަށްފަހުއެވެ.
މިފަދަ އެތައް ކަމެކެވެ. ކުއްލިއަކަށް ގަރާޖު ސިޓީ އުވައިލެއްވުމެވެ. ކައުންސިލުތަކުގެ މުވައްޒަފުންނަށް %35 އެލަވެންސް އަންނަ މަހުން ފެށިގެން ދިނުމެވެ. ސިވިލް ސާވެންޓުންގެ މުސާރަ 40 އިންސައްތަ ބޮޑުކުރުމެވެ. މިފަދަ އެތައް ކަމެކެވެ. އިންތިޚާބުގެ ދެވަނަ ބުރަށް ނުކުރައްވާނެ އެއްވެސް ކަމެއް ނެތެވެ. ސިޔާސަތުތައް އެފުށް މިފުށަށް ޖައްސަވާނެއެވެ. ވައުދުތައް ފުނިފުންޏަށް ވެވަޑައިގަންނަވާނެއެވެ.
ނަމަވެސް އެކުރައްވާ ކަމަކީ އަޅުގަނޑުމެން ދިވެހިންގެ ބުއްދިއަށް މަލާމާތްކުރެއްވުމެވެ. އަޅުގަނޑުމެންނަށް މިފަދަ އިސްތިރާޖިއްޔާއެއް ނުވިސްނޭނެކަމަށް ޤަބޫލުކުރައްވައިގެން ވައުދުތައް ވެވަޑައިގަތުމާއި ސިޔާސަތުތައް ބަދަލުކުރެއްވުމެވެ. އިޚުލާސްތެރިކަމެއް ތެދުވެރި ނިޔަތެއް އޮތްނަމަ މިކަންކަން ކުރައްވާނީ މިއަދަކު ނޫނެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި ފަހަތަށް އަރާނެ ބައިވެރިޔަކު ނުވުމުންނެއް ނޫނެވެ. އެކަން އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ވިސްނެއެވެ. ދިވެހިން ތިޔަ ޖައްސަވާ މަޅިއަށް މެހިދާނެކަމުގައި ދެކެވަޑައިނުގަންނަވާށެވެ.