Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

އިންތިޚާބާ ދިމާކޮށް ރައްޔިތުންނާ ގުޅުންހުރި ކަންކަން ކުއްލިއަކަށް ފެށުން، ޤާނޫނީ ހައްލެއް ނެތް؟

އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައި ރައީސް އިބްރާހީމު ވާހަކަދައްކަވަނީ، ފޮޓޯ: ދިޔަރެސް

ރާއްޖޭގެ ގާނޫނު އަސާސީ ބުނާގޮތުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މިބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައި ގައެވެ. ދައުލަތް ހިންގުމަށް ރައްޔިތުންގެ ތެރެއިން 50 އިންސައްތައަށް އަށް ވުނެ މަތިން ވޯޓު ލިބޭ މީހަކާ ދައުލަތުގެ ބާރުތައް، އެ ރައްޔިތުން އެދޭގޮތަށް ނުވަތަ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ހިންގުމުގެ ބާރު ހަވާލުކުރެއެވެ.

ވެރިކަމުގައި ހުންނަ ވެރިމީހާ ކަމުނުދާ ނަމަ ކޮންމެ ފަސް އަހަރަކުން، އެމީހަކު ބަދަލުކުރުމުގެ ބާރު ރައްޔިތުންނަށް ގާނޫނު އަސާސީއިން ލިބިދެއެވެ. ފަސް އަހަރުގެ ދައުރެއް، އާރާއި ބާރާއެކު ރައްޔިތުން ހަވާލުކުރުމުން، ގާނޫނަކަށް ގަވާއިދަކަށް ބެލުމެއް ނެތި، އެހެން ގޮތަކަށް ދަންނަވާނަމަ ހިތުހުރިހާ ގޮތަކަށް ވެރިކަން ކުރުމަށްފަހު، ދެވަނަ ދައުރު ހޯދުމަށް މަސައްކަތް ފަށައެވެ. އަނެއްކާ ވެސް މަގާމަށް އާދެވުނު ގޮތް ހަނދާނަށް އައިސް، ލޯބިވެރިން ހަނދު އަތަށް ލައިދޭ އުސޫލުން އިންތިޚާބަށް މަދު ދުވަސްކޮޅަކަށް ވުމުން ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނާ ސީދާ ގުޅުންހުރި ކަންކަން ގާނޫނާ ގަވާއިދަކަށް ބެލުމެއް ނެތި އަމިއްލަށް ގޮތް ނިންމައި ތަންފީޒުކުރަން ފަށައެވެ.

މި ކަން މީގެ ކުރިން ނުކުރާހާ ހާމަކަން ބޮޑުކޮށް މިދައުރުގައި ކުރަމުންދާ ކަމަށް ފެންނަން ހުރި ހެކިތަކަށް ބަލައި ބުނެވިދާނެއެވެ. އެގޮތުން، ވެރިކަމުގެ ދައުރު ނިމެން ގާތްވެ، އިންތިޚާބު ބޯމަތިވުމުން ރައްޔިތުންނާ ގުޅުންހުރި ބޮޑެތި ކަންކަން ކުއްލި ކުއްލިއަށް ނިންމަމުންދަނީ އެވެ. އެހެން ނަމަވެސް އެވައުދުތައް ފުއްދުމަށް ބޭނުވާ ފައިސާ ދައުލަތަށް ލިބެން އޮތީ ކޮން ގޮތަކަށް ކަން މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.

ދިވެހި ދައުލަތުގެ ބަޖެޓު ދަރަނި 8 ބިލިއަން ރުފިޔާއަށް އަރައިފައި ވަނިކޮށް އެކަމަށް އެއްވެސް ވަރަކަށް ބަލާލުމެއް ނެތި އަދި އެދަރަނި ހޯދޭނެ ގޮތެއް ހާމަނުކޮށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ގިނަ ނިންމުންތަކެއް ތަންފީޒުކުރުމަށް ނިންމައި އަދި އާ ވައުދުތަކެއް ވެވަޑައިގެންފައެވެ. 2018 ވަނަ އަހަރު ވެވަޑައިގެންނެވި ވައުދުތައް ވެސް އަދި ވަނީ ނުފުއްދިއެވެ.

ރިޔާސީ އިންތިޚާބު ބޯމަތި ވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވަން ނިންމެވި ކަންކަމާއި ވެވަޑައިގެންނެވި ބައެއް ވައުދުތަކުގެތެރޭގައި:

  • - މުއްސަންޖެއް ފަގީރެއް ނުބަލައި ރައްޔިތުންނަށް ބިންލިބޭނެ ކަމަށް ބުނި.
  • - ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންގެ ހައުސިން އެލަވަންސް 7،000 އަށް ބޮޑުކުރާނެ ކަމަށް ބުނި.
  • - އުމުރުން ދުވަސްވީ މީހުންގެ އިނާޔަތް 7000 ހަށް ބޮޑުކުރާނެކަމަށް ބުނި.
  • - ކޮވިޑް ލޯނުގެ އިންޓްރެސްޓު ކަނޑާލާނެކަމަށް ބުނި.
  • - ކަރަންޓުގެ އަގު ފްލެޓު ރޭޓަކަށް ބަދަލުކުރާނެކަމަށް ބުނި.
  • - މަހުގެ އަގު 25 އަހަށް ބޮޑުކުރަން ބުނި.
  • - އެސްއެމްއީ ބޭންކުން ދޫކުރި ކޮވިޑު ލޯނުގެ އިންޓަރެސްޓު ކަނޑާލައި، އަނބުރާ ދައްކަންޖެހޭ މުއްދަތު 10 އަހަރަށް ހަދަންނިންމި.
  • - ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ވޭތުވި ހަތަރު އަހަރުގެ މުސާރައިގެ ކުރިއެރުން އަންނަ މަހު ދޭން ނިންމި.
  • - ވިނަރެސް ފްލެޓުތަކުގެ ޑައުންޕޭމަންޓާއި ކުލި ކުޑަކޮށްދޭނެ ކަމަށް ބުނި.
  • - މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ ހުރިހާ ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދޭންބުނި.
  • - އާ ތެލަސީމިއާ ސެންޓަރަކާއި, ބްލަޑް ސާވިސްގެ އާ އިމާރާތެއް އަޅަން ނިންމި.
  • - ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ފަސް މީހަކު ބޭރަށް ފޮނުވަން ނިންމި.
  • - އޮކްޓޯބަރު މަހުން ފެށިގެން ކައުންސިލް މުވައްޒަފުންނަށް އެލަވަންސް ދޭން ނިންމި.
  • - ރިސޯޓުތަކުގެ ކުލީގެ ޖުރީމަނާއިން 4 ބިލިއަން ރުފިޔާ މާފުކުރަން ނިންމި.
  • - ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ދެމުން އައި ސްޓެޕް އެލަވެންސް ނުދީ ފަސް އަހަރު ކުރުމަށްފަހު، އެ އަލަވެންސް އަލުން ދިނުމަށާއި، ފާއިތުވި އަހަރުތަކުގެ އެލަވެންސްވެސް ދޭން ފަށަން ނިންމި.
  • - ސްޓޫޑެންޓް ލޯން މާފް ކުރާނެ ކަމަށް ބުނި.
  • - ނުރައްކާތެރި ކުށްވެރިންތަކެއް ގަވާއިދާ ޚިލާފަށް މުޖުތަމައުއަށް ދޫކޮށްލި.
  • - މަޖިލީހުގެ ބަހެއް ނެތި އެކިފަރާތްތަކުގެ އަތުން ލޯނު ނެގި.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ޕްލޭނެއް ނެތި ވޯޓު ހޯދުމުގެ މަގުސަދުގައި، ނުވަތަ ތިމާ ނުހޮވިއްޖެނަމަ ދެން އަންނަ ވެރިއަކަށް ޖެއްސުން ކުރުމުގެ ނިޔަތުގައި ނިންމާ މިފަދަ ނިންމުންތަކަކީ އެއިރެއްގެ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރެއްކަމަށް ދެކުނަސް އެއީ ގާނޫނު އަސާސީ އާ މުޅިން ޚިލާފް ކަމެކެވެ. ގައުމުގެ އިގްތިސާދީ ހާލަތަށް އެއްވެސް ވަރަކަށް ބަލާލުމެއް ނެތި އޭގެ ނޭދެވޭ އަސަރު ވަމުންދާއިރު، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި އޮތީ ވަގުތީ ގޮތުން ސަސްޕެންޑުކޮށްފައެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އަދި މިހާރުގެ ރައީސްޖުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ވިދާޅުވެފައިވަނީ މި ސަރުކާރަށް ލޯނު ހޯދެނީ ގައުމުތަކާ ގުޅުން ބާއްވާތީ ކަމަށާއި ދިމާވާ ކަމަކުން މި ސަރުކާރު ގެއްލިއްޖެ ނަމަ ރާއްޖެ ބަނގުރޫޓުވާ ތަން ފެނިވަޑައިގަންނަވާ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން އެދުނީމާ ފައިސާ ދޭނެ ކިތަންމެ ފަރާތެއް އެބަހުރި، މާލީ މުއައްސަސާތަކުން. މާލީ އިދާރާތަކުން ލޯނު އެ ދެނީ އެހެންވެގެން. އެ ފައިސާ ދެއްކޭނެކަން އެބޭފުޅުންނަށް އެނގޭތީ. މިއަދު އަޅުގަނޑުމެންނަށް މި އިންތިހާބު އަދި ކުރެވޭ ކަމަކުން ގެއްލިއްޖެ ނަމަ މި ގައުމު ބަނގުރޫޓުވެގެން ދާތަން އަޅުގަނޑަށް ފެނޭ،" ރައީސް ވިދާޅުވި އެވެ.

ރައީސަކަށް ހުންނަވާ ބޭފުޅަކު މިހެން ވިދާޅުވުމުން ވަރަށް ބިރުވެރި ސިގްނަލެއް ކަމަށް މަޝްހޫރު ގާނޫނީ ވަކީލާ އައިޝަތު އާޒިމާ ޝަކުރޫ ވިދާޅުވިއެވެ.

"މިހާރު އެކުރާކަމަކީ ދައުލަތް ހުސްކޮށްލަނީ. ލާރި ހުސްކޮށްލަނީ ތަންތަނަށް ބަހާ މީހުންގެ މުސާރަތަށް ބޮޑުކޮށް ލިބެން ހުންނަ ލާރި މާފުކޮށް. އެގޮތަށް އިބޫ އެވިދާޅުވީ ތިމަންނާ ނުހޮވިއްޖެއްޔާ ގައުމު ބަނޑަށް ޖެހޭނެއޭ. އެކަން ކަމަކީ އަސްލު މިހާރު ނުކުރެވޭނެ ކަންކަން. ކަނޑައެޅިގެން ނުބައި ނިޔަތުގައި ކުރާކަމެއް. އެ އިޝޫ ރެއިޒްވާން އެބަޖެހޭ. ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާއާ ބެހޭ ގާނޫނެއް އެބައޮތް. އޭގައި އޮންނަ ގޮތަށް އެކަންކުރަން ވާނީ." މަޝްހޫރު ގާނޫނީ ވަކީލާ އައިޝަތު އާޒިމާ ޝަކުރޫ ވިދާޅުވިއެވެ.

ގައުމުގެ އިގްތިސާދު އަނދަވަޅަކަށް ވެއްޓެމުންދާ މި ދަނޑިވަޅުގައި ދައުލަތުގެ ފިނެންސް މިނިސްޓަރު އިބްރާހިމް އަމީރު އެއްވެސް ވަރަކަށް އެކަމާމެދު ބަސް ނުބުނެ ހުންނެވާ ހުންނެވުމަކީ ކަނޑައެޅިގެން ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށް ރާއްޖޭގެ ކުރީގަ ފައިނެންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅަކު "ދިޔަރެސް" އަށް ވިދާޅުވިއެވެ. އެބޭފުޅާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެހެން ދައުލަތްތަކުން މި ފަސް އަހަރު ނެގި ލޯންތަކުގެ އަދަދާއި އެލޯނުތަކަށް ދައްކަންޖެހޭ އިންޓްރެސްޓް ރޭޓު ތަކުގެ ތަފާސް ހިސާބުތައް ފިނެންސް މިނިސްޓްރީން ފެންނަން ނެތުމެވެ. އޭގެ ސަބަބުން ވެރިކަން ބަދަލުވެ އެކަމުގައި ބޮޑު ގޮން ޖެހުމެއް ރާއްޖެ އަށް ކުރިމަތިވެދާނެ ކަން އެބޭފުޅާ ފާހަގަ ކުރެއްވިއެވެ.

ވެރިކަމުގެ ބާރު އޮންނަ ދުވަސްވަރު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތަށް ނުފުއްދަވައި އިންތިޚާބު ބޯމަތިވުމުން ވެރިކަމުގައި ހުންނަވާ ބޭފުޅަކު ގާނޫނުތަކާ ޚިލާފަށް އަމިއްލަ އަށް ގޮތް ނިންމާ މައްސަލައާ ގުޅިގެން ރާއްޖޭގެ އިގްތިސާދީ މާހިރެއް ކަމަށްވާ އާތިފް ޝަކޫރު ވިދާޅުވީ ފުރަތަމަ ބުރާއި ދެވަނަ ބުރާ ދެމެދު ނޫނަސް، އިންތިޚާބާ ކައިރިކޮށް ކުރަމުންދާ ގިނަ ކަންތައް ތަކާއި، އެއަހަރުގެ ބަޖެޓުގައި ހިމެނިފައި ނުވާ ކަންކަން ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި ފާއިތުވި ބައެއް އިންތިޚާބުތަކުން އެނގިގެން ދިޔައީ ރައްޔިތުން ވޯޓު ދެނީ ވާ ވައުދަކަށް ނޫންކަމަށެވެ.

"ފަސްޓްރައުންޑާ ސެކަންޑް ރައުންޑާ ދެމެދު އެކަންޏެއް ނޫން، އިންތިޚާބާ ކައިރިކޮށްފަ ކުރަމުންދާ ގިނަ ކަންތައް ތަކާއި، އެއަހަރުގެ ބަޖެޓުގައި ހިމެނިފައި ނުވާ ކަންކަން ކުރުމަކީ ރަނގަޅު ކަމެއް ނޫން. ފާއިތުވި ބައެއް އިންތިޚާބުތަކުން އެނގިގެން ދިޔައީ ރައްޔިތުން ވޯޓު ދެނީ ވާ ވައުދަކަށް ނޫންކަން. ރައްޔިތުންނަކަށް ނޭނގެ ތެދު ހަދަނީ ކާކުކަމެއް" އާތިފް ވިދާޅުވިއެވެ.
އާތިފް ވިދާޅުވީ މިއަހަރު ފެށުނު އިރުވެސް ރާއްޖެއަށް އިގްތިސާދީ ދަތިކަން ކުރިމަތިވެފައިވާ ކަމަށެވެ. "ބަޖެޓުގަވެސް އެހެރީ ނުލާހިކު ބޮޑެތި ޑެފިސިޓުގަ. މުޅިންވެސް މިހިރީ ޚަރަދު އިތުރުކުރަން ނޫނީ ލިބޭ އިންކަމްއެއް ކަނޑަން. އެއްވެސް ވަރަކަށް ނެތެއް ނުންތޯ އެއްވެސް އިންކަމް އެއް އާންކުރުމުގެ ވާހަކަ އެއް އެއްވެސް ބޭފުޅަކު ނުދައްކަވާ. އެހެންވީމާ ތިއީ ވަރަށް ޑިޒާޒްސްޓިކް ސިނާރިއޯއެއް" އާތިފް ވިދާޅުވިއެވެ.
އާތިފްގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ގައުމުގެ ބަޖެޓް ޑެފިސިޓްގައި އޮއްވައި އާމްދަނީ ލިބޭނެ މަގެއް ނުހޯދައި ވޯޓު ހޯދުމުގެ މަގުސަދުގައި ނަގަމުން އައި ބައެއް ޓެކްސްތަކާއި ލޯނުތައް މާފު ކުރުމެވެ.
ރާއްޖޭގެ ފިންނެސް މިނިސްޓަރުކަން ކުރެއްވި ރާއްޖޭގެ ކުރީގެ ނައިބް ރައީސް އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްޕެޝަލް އެޑްވައިޒަރު އަބްދުﷲ ޖިހާދު "ދިޔަރެސް" އަށް ވިދާޅުވީ މިހުރިހާ ކަމެއް ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ނިންމަވަމުން ގެންދަވަނީ މާލިއްޔަތު ޒިންމާވާ ގާނޫނު ފްރީޒް ކުރައްވާފައި ކަމަށެވެ. ޖިހާދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު އަނެއްކާވެސް ވިދާޅުވަމުން ގެންދަވަނީ ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅާ ވާހަކަ ކަމަށެވެ. އެގޮތަށް އެހުށަހަޅާ ހުރިހާ އެއްޗަކީ ވެސް ލޯން ކަމަށެވެ.
"މިހާރު އަނެއްކާވެސް ވިދާޅުވަނީ އަނެއްކާވެސް ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅާ ވާހަކަ. އެހުރިހާ އެއްޗެއްވެސް އެވަނީ ލޯނަށްތާ. ލޯނެއް ނަގާއިރަށް ބަޖެޓް ދާނީ ހަމަ ޑެފިސިޓް ވަމުންތާ. އެހެންވީމާ މިކުރާކަމަކީ ކޮންމެ ބަޔަކު ވެސް ވޯޓްހޯދަން ވެގެން ކުރާކަމެއް ކުރަނީ. އެއްވެސް ބަޔަކު ހިތައް ނާރާ ވެރިކަމަށް އައިސިއްޔާ ދެން ހަދާނެ ގޮތެއް. ވަކި ހިސާބަކުން ޑެސްޕަރޭޓް ވީމަ ކުރާ ކަމެއްހެން އަޅުގަނޑަށް ހީވަނީމީ." ޖިހާދު ވިދާޅުވިއެވެ.

ޖިހާދު ވިދާޅުވީ "މިހާރު މިފެންނަނީ ދެން އަންނަ ސަރުކާރަކަށް އެއްވެސް ކަމެއް ނުކުރެވޭނެ ގޮތަށް އެމެންޓަލިޓީގައި ކަންކަން ނިންމަމުންދާތަން. އޭނަ ވެރިކަމާ ހަވާލުވާކަމުގައި ވާނަމަ އެކަހަލަ ކަމެއް ނުކުރާނެ ދެއްތޯ. އެހެންވީމާ ދެން އަންނަ ސަރުކާރަކަށް އޮބި ނޯންނަ ވަރަށް ނުކަތާ ވަރަށް ދަރަނި އަޅުވާފަ ދާގޮތަށް މިހާރު އެތައްޔާރުވަނީ އަޅުގަނޑަށް ހީވަނީ. ޑެސްޕަރޭޓް ވެގެން އެކަން އެކުރައްވަނީ. ރައްޔިތުންގެ ކުރިމަތީގާއި އެގޮތަށް ވައުދު ވިޔަސް ރައްޔިތުންނަށް މިހާރު އެނގިވަޑައިގަންނަވާ ކީއްކަން އެކުރައްވަނީ. އޭގެއިން ލިބޭނެ ވޯޓެއް ނޯންނާނެ. ރައްޔިތުން މިހާރު ވަރަށް ހޭލުންތެރި." ކަމަށެވެ.

މިފަދަ ކަންކަމަކީ ދެން އަންނަ ސަރުކާރެއް ބަނގުރޫޓް ކޮށްލަން ކުރާކަމެއް ކަން ފާހަގަ ކުރައްވައި ޖިހާދު ވިދާޅުވީ ރައީސް އިބްރާހިމް އަމިއްލަފުޅަށް ތިމަންނާ ނުހޮވިއްޖެ ނަމަ ގައުމު ބަނގުރާނެ ކަން އެމަނިފާނު އަމިއްލަފުޅަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.

"އެކަމަކު އަޅުގަނޑަށް ހީނވަނީ ދެން އަންނަ ސަރުކާރެއް މޮޅުވާނެ އެކަން ކުރަން. އެހެންވީމަ އޭނަ އެހެން ވިދާޅުވިއަސް ދެން އަންނަ ސަރުކާރެއް ބަނގުރޫޓެއް ނުވާނެ." ޖިހާދު ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 97 ވަނަ މާއްދާގައި ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްގައިވާ ގޮތުގެމަތީން ޓެކްސް ނެގުމާއި ޚަރަދު ކުރުން މެނުވީ ވެރިކަން ހިންގާ ފަރާތުން އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޮށްގެނެއް ނުވާނެއެވެ.

  • (ހ) ދައުލަތުގެ މުދަލާއި ފައިސާ ޚަރަދުކުރުމާއި ހޭދަކުރުން.
  • (ށ) ދައުލަތަށް އާމްދަނީއެއް ހޯދުމަށް އެއްވެސް ޓެކުހެއް ނުވަތަ އެނޫންވެސް އެއްޗެއް ނެގުން.
  • (ނ) ލޯނުގެ ގޮތުގައި ނުވަތަ އެނޫންވެސް ގޮތަކުން މުދަލާއި ފައިސާ ހޯދުމާއި ޤަބޫލުކުރުނ.ް
  • (ރ) ދަރަނި އަދާކުރާނެ ކަމުގެ ޔަޤީންކަން ދައުލަތުގެ ނަމުގައި ދިނުން.
މިމާއްދާގައި މިހެން ބުނެފައިވީ ނަމަވެސް ސަރުކާރުން ނަގާ ގިނަ ލޯނުތަކުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހާއި އެމްއެމްއޭގެ ގަވަރުނަރަށް ވެސް އެނގިވަޑައިނުގަންވަ އެވެ. ފިނެންސް މިނިސްޓަރު ދާދި ފަހުން ވިދާޅުވެފައިވަނީ ބޭރު ގައުމުތަކުން ނަގާ އެއްވެސް ލޯނެއްގެ މައުލޫމާތު ސިއްރުކޮށްފައި ނުވާނެ ކަމަށާއި ގާނޫނުގަވާ ގޮތުގެ މަތިން މިހާރުވެސް، މަޖްލިހާއި، އެމްއެމްއޭ އާއި ހިއްސާކުރާ ކަމަށެވެ. އަދި އެހެނިހެން މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާނެ ކަމަށެވެ.
އެކަމަކު ލޯނުތަކުގެ މައުލޫމާތު ހާމަކުރާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި ނަމަވެސް އެ މައުލޫމާތު ފިނޭންސްގެ ވެބްސައިޓުގައި ފެންނާކަށް ނެތެވެ. ރާއްޖެ މިހާރު އެންމެ ބޮޑަށް ދަރާފައިވާ އެއް ގައުމު ކަމުގައިވާ އިންޑިއާއިން ނަގާ ލޯނުތަކުގެ މައުލޫމާތެއް ހާމައެއްނުކުރެ އެވެ.
ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ބުނާގޮތުން ދިވެހިރާއްޖޭގައި އެންޓި-ކޮރަޕްޝަން ކޮމިޝަނެއް އޮންނާންވާނެއެވެ. އަދި އެންޓި-ކޮރަޕްޝަންކޮމިޝަނަކީ ވަކި ފަރާތަކަށް ބުރަނުވާ މުސްތަޤިއްލު މުއައްސަސާއެކެވެ. އަދި އެކޮމިޝަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރާންވާނީ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއް ގޮތްވާގޮތުގެ މަތީންނެވެ. ދައުލަތުގެ އެންމެހައި ދާއިރާތަކުން ކޮރަޕްޝަން ނައްތައިލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޖެހިލުންވުމެއް ނެތި މަސައްކަތް ކުރާންވާނެ ކަމަށެވެ.
އެހެން ނަމަވެސް މި ފަސްއަހަރު ނިމިގެން މިދަނީ މިދެންނެވި ފާރަވެރިވާ މުއައްސަސާ ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަ ނަންގަވައިގެން އެއްވެސް ޒިންމާއެއް އަދާނުކުރައްވައި ހަނު ތިއްބެވި މަންޒަރެވެ.

ތަރައްގީ ވެފައިވާ ބައެއް ގައުމުތަކުގައި ވެރިކަމުގެ ދައުރު ހަމަވާން ދުވަސްކޮޅަކަށް ވުމުން ރައީސުލްޖުމްހޫރިއްޔާ އާއި ފިނެންސް މިނިސްޓަރު މަގާމުގެ މައްސޫލިއްޔަތުން އެކަހެރިވެއެވެ. އަދި ސަރުކާރު ހިންގުން ސިވިލްސާވިސްގެ ބެލުމުގެ ދަށުން އާ ރައީސެއް އައްޔަނު ވަންދެން ހިންގައެވެ. މި ގޮތަށް އެގައުމު ތަކުން އަމަލުކުރަނީ ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމުން ގައުމު ސަލާމަތް ކުރުމުގެ މަގުސަދުގައެވެ. ރާއްޖެއަށް ވެސް މިވަނީ އެފަދަ ނިޒާމެއް ބޭނުންވެފައެވެ.

މި ލިއުމާއި ގުޅޭ