ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އަންނަ މަހު ޗައިނާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ރަޝިއާގެ ސެކިއުރިޓީ ޗީފް ވިދާޅުވެއްޖެއެވެ.
ރަޝިއާގެ ސަލާމަތީ މަޖިލީހުގެ ސެކްރެޓަރީ ނިކޮލައި ޕަޓްރުޝޭވް އަންގާރަ ދުވަހު ވިދާޅުވީ އަންނަ މަހު ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ބައްދަލު ކުރައްވާނެ ކަމަށެވެ.
މި ހައިލެވެލް މި ބައްދަލުވުން އޮންނާނީ އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ބެލްޓް އެންޑް ރޯޑް ފޯރަމް ފޯ އިންޓަނޭޝަނަލް ކޯޕަރޭޝަންގެ ތެރެއިންނެވެ. މި ހަރަކާތުގައި ގާތްގަނޑަކަށް 90 ގައުމަކުން ބައިވެރިވާކަން ޗައިނާއިން މީގެ ކުރިން ކަށަވަރުކޮށްދީފައިވާއިރު އޭގެ ތެރޭގައި ސާބިއާގެ ރައީސް އަލެކްސަންޑާ ވޫސިޗް އާއި އާޖެންޓީނާގެ ރައީސް އަލްބާޓޯ ފެނާންޑޭޒް ފަދަ ބޭރުގެ ލީޑަރުން ވެސް ހިމެނެ އެވެ.
ޗައިނާގެ އެންމެ އިސް ޑިޕްލޮމެޓް ވަންގް ޔީއާ އެކު މޮސްކޯގައި އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ޕަޓްރުޝޭވް ވިދާޅުވީ ރަޝިއާ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން ބިނާވެފައި ވަނީ އިހުތިރާމާއި އެކު އެއްބަޔަކު އަނެއްބައެއްގެ ދާހިލީ ކަންކަމަށް ނުފޫޒު ނުފޯރުވުމާއި ދުނިޔޭގެ މައިދާނުގައި އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުން ދިނުމުގެ އުސޫލުތަކުގެ މައްޗަށް ކަމަށެވެ. އަދި މި ގުޅުންތަކަކީ "އަމިއްލަ ނަފްސަށް ފައިދާހުރި އަދި ބޭރުގެ ޝަރުތުތަކަކާ ނުގުޅޭ ގުޅުމެއް" ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ޓައިވާން، ޝިންޖިއާން، ޓިބެޓް އަދި ހޮންގްކޮންގް ފަދަ ކަންކަމުގައި ބެއިޖިންއަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވެސް ޕަތުރުޝޭވް ވަނީ ދެއްވާފަ އެވެ. އަދި ހުޅަނގުގެ ބާރުތަކުން މި މައުޟޫޢުތަކުގެ ބޭނުން ހިފައި ގެންދަނީ ޗައިނާގެ އަގު ވައްޓާލަން ކަން އޭނާ ފާހަގަކުރެއްވިއެވެ.
"ރަޝިއާ އާއި ޗައިނާ ހިފެހެއްޓުމަށް ޓަކައި ހުޅަނގުގެ ގުޅިފައިވާ ގައުމުތަކުން ފަށާފައިވާ ކެމްޕެއިނަށް ބަލާއިރު، ބައިނަލްއަގުވާމީ މައިދާނުގައި ރަޝިއާ-ޗައިނާ ގެ ގުޅުން އިތުރަށް ބަދަހިކުރުމާއި މުއާމަލާތްތައް އިތުރަށް ހަރުދަނާ ކުރުމަކީ ވަރަށް މުހިންމު ކަމެއް،" ޕަޓްރުޝޭވް ވިދާޅުވި އެވެ.
ވަންގް ވިދާޅުވީ، މޮސްކޯގެ ބައިލެޓަރަލް ޕާޓްނަރޝިޕްގައި އަދި ބައިނަލްއަޤްވާމީ އެކިއެކި ފޯރަމްތަކުގެ ތެރެއިން މޮސްކޯއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބެއިޖިންގ އިން އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.
ރަޝިޔާއާއި ޗައިނާއާ ދެމެދު ސިޔާސީ އަދި އިޤްތިޞާދީ ގޮތުން ގުޅުން ބަދަހިވެ، ޚާއްޞަކޮށް މޮސްކޯއާއި ހުޅަނގުގެ ޤައުމުތަކުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން، މައިގަނޑު ގޮތެއްގައި ޔޫކްރެއިންގެ ހަމަނުޖެހުންތަކާ ގުޅިގެން އިތުރުވަމުންދާ ދަނޑިވަޅެއްގައި، މިފަހަކަށް އައިސް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ.
ރަޝިޔާއާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދަމަހައްޓަން ބެއިޖިންއިން ދެކޮޅު ހަދައެވެ. ހުޅަނގާއެކު އޮތް ގުޅުން ހީނަރުވުމުގެ ސަބަބުން މޮސްކޯއިން ވަނީ އިރުމައްޗަށް ފޯކަސް ކުރަން ފަށައިފަ އެވެ.