ޝަރީޢަތް ނުފެށި ވާނުވާގައި ޖަލުގައި މީހުން ބަންދުކޮށްފައި ތިބޭ މައްސަލަ ނިމުމަކަށް ގެންނަވާނެކަމުގެ ޔަގީންކަން ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މިރޭ ދެއްވައިފިއެވެ.
ސަންގު ޓީވީން މިރޭ ގެނެސްދިން ''އާސްކް މުޢިއްޒު'' ޕްރޮގްރާމުގެ ބައިވެރިއަކު ވަނީ ވާނުވާ ބަންދުގައި ޖަލުގައި ބައިތިއްބާ މައްސަލައާބެހޭ ގޮތުން ޑރމމުޢިއްޒާ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ޑރ.މުޢިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ވާނުވާގައި ތިބޭ މީހުންގެ މައްސަލަތައް އެ އޮންނަ އުސޫލު ތެރެއިން ގޮސް އިންސާފުވެރިކަމާއެކު ނިންމުމަށް މަގުފަހިކޮށްދެއްވާނެ ކަމަށެވެ. އަދި ވާނުވާގައި ބަންދުގައި ބޭތިއްބުމުން ހައްގުތައް ގެއްލޭކަން ފާހަގަކުރައްވައި މުޢިއްޒު ވަނީ އޭނާގެ ވެރިކަމެއްގައި ގާނޫނުތައް ހަރުދަނާކޮށްގެން އެކަން ނިމުމަކަށް ގެންނަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.
''[ވާނުވާ ބަންދުގައި] އަހަރެއް ދެއަހަރު ތިން އަހަރުވީމަ ހާދަ ބޮޑު އަނިޔާއެކޭ އެ ދެވެނީ. އެހެންވީމަ އެކަން ނިމުމަކަށް އިރާދަކުރެއްވިއްޔާ ގެނެސްދޭނަމޭ. އެއީ ވަރަށް މުހިންމު ކަމެއް.'' ޑރ.މުއިއްޒު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުގައި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ދެން ޕީޕީއެމްއަށް ވެރިކަން ލިބިއްޖެނަމަ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ތިބި އެންމެން ވެރިކަމުގެ ފުރަތަމަ 10 ދުވަސްތެރޭ ދޫކޮށްލާނެކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީން ވެސް ވިދާޅުވީ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ތިބި މީހުން ވަރަށް ގިނަ ކަމަށާއި އެއީ އިންސާފެއް ނޫން ކަމަށެވެ. އަދި ވާނުވާ ޖަހާފައި ބޭތިއްބުމުން އެތައް ބައެއްގެ ހައްގުތައް ގެއްލިގެންދާކަން އެމަނިކުފާނު ވެސް ފާހަގަކުރެއްވިއެވެ.