Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

މިނިސްޓަރުކަމަށް ލައްވާނީ ދާއިރާތަކުގެ ތަޖުރިބާ ހުރި އިލްމީ ބޭފުޅުން: ޑރ.މުޢިއްޒު

ކެބިނެޓުގެ މިނިސްޓަރުންގެ މަޤާމުތަކަށް އައްޔަންކުރައްވާނީ އެ ބޭފުޅަކު މަސައްކަތްކުރައްވާ ވުޒާރާއެއްގެ ދާއިރާގެ ތަޖުރިބާއާއި ތައުލީމު ލިބިވަޑައިގެން ތިއްބެވި ޤާބިލު ބޭފުޅުންކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ސަންގު ޓީވީން ގެނެސްދިން "އާސްކް މުޢިއްޒު" ޕްރޮގުރާމުގައި އާންމު މީހަކުވަނީ އޭނާގެ ވެރިކަމެއްގައި އެޑިއުކޭޝަން މިނިސްޓަރުކަމަށް އައްޔަންކުރައްވާނީ ކޮން ބޭފުޅެއްތޯ ނުވަތަ ކޮންކަހަލަ ބޭފުޅެއްތޯ ސުވާލުކޮށްފައެވެ. މި ސުވާލު އޭނާ ކުރީ ޑރ.މުޢިއްޒުގެ ވެރިކަމެއްގައި އެޑިއުކޭޝަން މިނިސްޓަރުގެ މަޤާމަށް އައްޔަންކުރައްވާނީ ޖަމްއިއްޔަތުއް ސަލަފުން ނަން ފޮނުވާ ބޭފުޅެއްކަމަށް ބުނާ ވާހަކައާ ހަވާލުދީއެވެ.

ސުވާލުގެ ޖަވާބުގައި ޑރ.މުޢިއްޒު ވިދާޅުވީ ވަކި ޖަމްއިއްޔާއަކުން ނަން ފޮނުވާ ބޭފުޅެއް މަޤާމަކަށް އައްޔަންކުރައްވަން ނޫޅުއްވާ ކަމަށެވެ. އަދި ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދަކީ ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދޭނެ ވެރިކަމެއް ކުރެއްވުންކަމަށާއި، އޭނާގެ ވެރިކަމެއްގައި ކެބިނެޓުގައި ތިއްބަވާނީ އެ ބޭފުޅެއްގެ މަސައްކަތުގެ ދާއިރާއިން ތައުލީމާއި ތަޖުރިބާ ހާސިލުކުރައްވާފައިވާ ބޭފުޅުން ކަމަށްވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

"މިސާލަކަށް އެޑިއުކޭޝަން މިނިސްޓަރުކަމަށްލާ ބޭފުޅާ، އެބޭފުޅާވާނީ އެ ދާއިރާގެ ބޭފުޅަކަށް، އެ ދާއިރާ އެނގޭ ބޭފުޅަކަށް، އެ ދާއިރާއިން ތަޖުރިބާ ހޯދިފައިވާ އެ ދާއިރާގެ ތައުލީމު ލިބިފައިވާ ބޭފުޅަކަށް. އެގޮތަށް ނުބަލައި ވަކި މީހަކު ބުނާ މީހަކު ލައިގެން ކުރާކަށް އަޅުގަނޑު ނޫޅެން.،" ޑރ.މުޢިއްޒު ވިދާޅުވިއެވެ.

އިތުރަށް ޑރ.މުޢިއްޒު ވިދާޅުވީ އޭނާ ވަޑައިގަންނަވަނީ މާނަހުރި ބަދަލެއް ގެންނެވުމަށް ކަމަށާއި، އެކަމަކީ މީހަކު ބުނާ ބަޔަކު މަޤާމުތަކަށް ލައިގެން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ތައުލީމީ ދާއިރާއިން މިސާލު ދައްކަވަމުން މުޢިއްޒު ވިދާޅުވީ އެ ދާއިރާއިން ބޭނުންފުޅުވަނީ ރަނގަޅު ހެޔޮ ބަދަލުތަކެއް ގެންނަވައި، ތައުލީމީ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރައްވަން ކަމަށެވެ. އެހެންކަމުން އެ ދާއިރާގެ މަސައްކަތް ހަވާލުކުރައްވާނީ އެ ދާއިރާގެ ތަޖުރިބާއާއި ތައުލީމު ހުރި ބޭފުޅެއް ކަމަށެވެ.

"މިހުރިހާ ކަމެއް ކުރެވޭ މިންވަރުގެ ތައުލީމާއި ތަޖުރިބާހުރި ބޭފުޅަކު އެ ވުޒާރާއަށް [ތައުލީމީ ވުޒާރާއަށް] ލާނީ، އަދި ދެންހުރި ވުޒާރާތަކަށްވެސް. ކެބިނެޓަށް ލާ ބޭފުޅުންވާނީ ހިންގުންތެރި ހީވާގި، ޓެކްނިކަލީ އެ ދާއިރާގެ ތައުލީމާއި ތަޖުރިބާ ހުރި ބޭފުޅުން. އެފަދަ ބޭފުޅުންނާއެކު އެކުލަވައިލާނީ ރައްޔިތުން ފަޚުރުވެރިވާ ފަދަ ކެބިނެޓެއް،" ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ