ނިޒާމީ ވޯޓަކަށް ދާން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެއްބަސްވެވަޑައިގަތީ ދެވަނަ ބުރުގައި ބަލިވާނެކަން އެނގިވަޑައިގަންނަވާތީ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައިގެ ތާއީދާ އެކު، ވެރިކަމުގެ ނިޒާމް ބަދަލުކުރަން ވޯޓަށް އަހަން ފެންނަ ކަމަށް ނިންމައިފި ނަމަ، އެކަން ކުރަން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އިލެކްޝަން ކޮމިޝަންގައި އެދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ވިދާޅުވެފައެވެ.
އެކަމަށް އިޝާރަތް ކުރައްވައި އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ގާނޫނު އަސާސީގެ ހަތަރުވަނަ މާއްދާގެ ބޭނުން ރައްޔިތުން ފުރިހަމައަށް ހިފުމަށް ސަމާލުވާން ޖެހޭ ވަގުތު ކަމަށެވެ. އަދި މި ކަމުގެ ބާރުތައް ފެށެނީ ރައްޔިތުންނާ ހަމައިން ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސް އިން ދެވަނަ ބުރުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެއްބަސްވާން ހުށަހަޅާ ޝަރުތުތަކުގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް އެއްބަސްވުން ހިމެނެއެވެ.
އިދިކޮޅު ޕީޕީއެމުން ނިޒާމީ ވޯޓަކަށް ދިޔުމުގެ ވިސްނުމެއް އަދި ނެތް ކަމަށް އެޕާޓީން ވަނީ މީގެ ކުރިން ބުނެފައެވެ. ނަމަވެސް ޑިމޮކްރެޓްސް އާއެކު އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާތައް ކުރިއަށްދާ ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.