ދިވެހި ސިފައިންގެ އިންޓެލިޖެންސްގެ އިސް ވެރިއެއްގެ ގޮތުގައި ހުންނަ ޖެނެރަލް އަބްދުالله ޒުހުރީ ސިފައިންނަށް ބިރުދައްކައި ރައީސް އިބްރާހީމަށް ވޯޓުލުމަށް މަޖުބޫރުކުރަމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
އިންޑިއާ އާއި ގާތް ގުޅުމެއް އޮންނަ ޒުހުރީ ނޫނީ އާންމު ނަމުން ކިޔާނަމަ ޒޫޓް ދަނީ އެކި ރޭންކުތަކުގެ ސިފައިން ހާޒިރުކޮށް, ތާއީދު ކުރަނީ ރައީސް ޔާމީނަށްތޯ އަދި ވޯޓުލަނީ ޑރ.މުއިއްޒަށްތޯ ސުވާލު ކުރަމުންދާކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއުވެސް ވަނީ ދިވާޅުވެފައެވެ. އަދި ރައީސް އިބްރާހީމަށް ވޯޓު ދިނުމަށް އަންގާ, ވޯޓު ނުދޭ ފަރާތްތައް ބަލައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދަނީ ދެމުންނެވެ.
މިކަމާ ގުޅިގެން ޝުޖާއު ވަނީ އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.
"ތިޔަހެން ދައްކާހާ ބިރަށް ސިހޭނެ ރައްޔިތެއް މިހާރު ނެތް. ތިބޭފުޅާގެ އަމަލުތައް އަޅުގަނޑުމެންނަށް ބަރާބަރަށް ލިބޭ" ޝުޖާއު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރާ ސުވާލުކުރުމުން އެއްވެސް ޖަވާބެއް ދީފައިނުވެއެވެ.
ޖެނެރަލް ޒުހުރީ ސިފައިންނަށް ބިރުދައްކަމުން ދާއިރު މީގެކުރިން ޕްރެޒިޑެންޝަލް ގާޑުގެ ކޮމާންޑަރު މުއިއްޒު މުސްތަފާވެސް ވަނީ އެ ޔުނިޓުގެ ސިފައިން ހާޒިރުކޮށް ރައީސް އިބްރާހީމަށް ވޯޓުދިނުމަށް އަންގާފައެވެ. އަދި ރައީސަށް ތާއީދު ނެތްކަމަށް ބުނި ބޮޑީގާޑަކަށްވެސް ވަނީ ފިޔަވަޅު އަޅާ ވަޒީފާއިން އެކަހެރިކޮށްފައެވެ.