ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން، ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފި އެވެ.
ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެންނަން މަސައްކަތް ކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ޕާޓީ، ޑިމޮކްރެޓްސްގެ ފަރާތުން އިލްޔާސް މަޖިލީހަށް ހުށަހެޅުއްވި އެ ގަރާރު މިއަދުގެ ޖަލްސާގައި ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެންބަރުންގެ އިއްތިފާގުންނެވެ.
ގަރާރުގެ ބަހުސް ފެށުމުގެ ކުރިން މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލައިގެ ބަހުސް ނިމެންދެން ޖަލްސާ ކުރިއަށް ގެންދާނެ ކަމަށެވެ. އެކަމަކު މުޅި މަޖިލީހުގެ ކޮމިޓީ މިއަދު ނުބާއްވަން އެމަނިކުފާނު ފަހުން ނިންމެވި އެވެ.
"ކޮމިޓީގެ މަސައްކަތް މާދަމާ ގެންދާ ގޮތަށް. އަޅުގަނޑު ހިތުން ސިޔާސީ ޕާޓީތަކުގެ ބޭފުޅުން މަޝްވަރާކޮށް ވާހަކަ ދައްކަވަން އެބަ އެދިވަޑައިގަންނަވާ،" ނަޝީދު ވިދާޅުވި އެވެ.
ގަރާރު މުޅި މަޖިލީހުގެ ކޮމިޓީއަށް ގެންދަން ވެސް މިއަދުގެ ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސް އިން ވާދަކޮށް 15،000 އެއްހާ ވޯޓު ހޯދި އެވެ. ފުރަތަމަ ބުރުން އެއްވަނަ ހޯއްދެވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާއި ދެބޭފުޅުންގެ ދެމެދުގައި ވެސް 15،000 އެއްހާ ވޯޓުގެ ފަރަގު އޮތެވެ.
މި މަހު 30 ގައި ބާއްވާ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާ ގުޅުމަށް ޑިމޮކްރެޓްސް އިން ކުރި ޝަރުތަކީ ވެސް ދެވަނަ ބުރުގެ ކުރިން، މި މަހު ނިޒާމީ ވޯޓެއް ނެގުމެވެ.
އެކަމަކު އެކަމަށް އިންކާރުކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި ހައްލަކީ އިންތިހާބަށް ފަހު، ނޮވެމްބަރުގައި ނިޒާމީ ވޯޓު ނަގަން ހަމަޖެއްސުމެވެ. އެކަމަށް ޑިމޮކެރްޓްސް އިން އެއްބަސް ނުވި އެވެ. ރޭ ޑިމޮކްރެޓްސް އިން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ފާސްކުރީ މި މަހު 28 ގެ ކުރިން ނިޒާމީ ވޯޓު ނެގުމަށެވެ.
ވެރިކަން ލިބިގެން ރައީސް އިބްރާހީމް ކަމެއް ކޮށްދެއްވާނެކަމަށް ވިދާޅުވެގެން ޑިމޮކްރެޓްސްގެ އެއްވެސް މެންބަރަކު މިހާރު ގަބޫލު ނުކުރާނެކަމަށް އެ ޕާޓީގެ މުއައްސިސް އަދި ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވަނީ ވިދާޅުވެފަ އެވެ. އެހެންވެ، އެ ޕާޓީން އެދުނު ގޮތަށް އެއްބަސް ނުވުމުން ޑިމޮކްރެޓްސް އިން ނިންމީ އެމްޑީޕީއަށް ތާއީދު ނުކުރުމަށެވެ.
ރާއްޖޭގައި ވެރިކަން ހިންގާނީ ބަރުލަމާނީ ނުވަތަ ރިޔާސީ ނިޒާމަކުންތޯ ކަނޑައެޅުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ޑިމޮކްރެޓްސް އިން ހުށަހެޅި ގަރާރު އެމްޑީޕީން ވެސް ވޯޓު ދީގެން މިއަދު ފާސްކޮށްފައި މިވަނީ އޭގެ ފަހުންނެވެ.
މަސްލަހަތަށް ޓަކައި ކަމަށް ބުނެ އިންތިހާބު ދެވަނަ ބުރަކަށް ދިއުމައެކު އެމްޑީޕީން ވަނީ އެ ޕާޓީން ކުރިން ހުށަހަޅާފައި އޮތް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް އަނބުރާ ގެންގޮސްފަ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެކަން ވެސް އެމްޑީޕީން ކުރީ ޑިމޮކްރެޓްސްގެ ތާއީދު ލިބޭނެ ކަމަށެވެ. އެކަމަކު ރައީސް ނަޝީދު ވެސް ވަނީ ދެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު މަސައްކަތް ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.