Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކެނަޑާ

ކެނަޑާއާއި އިންޑިއާގެ މައްސަލައިން ދިވެހިންނާ ކުރިމަތިކުރާ ބައެއް ސުވާލު

މިއަދު ދުނިޔޭގެ ހުރިހާ މީޑިއާއެއްގައި ފަލަސުރުޚީތަކުން މިއަދު ފެނުނު އެންމެ މުހިއްމު ޚަބަރަކީ ކެނަޑާގެ ރައްޔިތެއް ޤަތުލުކޮށްލުމުގައި އިންޑިއާގެ ބައިވެރިވުމެއް އޮތްކަމަށް ކެނަޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވުމާއި، އެއާ ގުޅިގެން އިންޑިއާއިން ކެނަޑާއާމެދު ފިޔަވަޅުތަކެއް އެޅިކަމެވެ. އެ މައްސަލައިގެ ތަފުސީލުތައް ޓްރޫޑޯ އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ހިއްސާކުރެއްވި ވާހަކައެވެ.

މި މައްސަލައިގެ ތެރެއިން ދިވެހިންނާ ކުރިމަތިކޮށްލަން މުހިއްމު ބައެއް ސުވާލުތައްވެސް އަޅުގަނޑުގެ ހިތަށް އަރައިފޭބުމުން އެއިން ބައެއް ސުވާލުތައް ލިޔުމަށް ތިރިކޮށް ކިޔުންތެރިންނާ ހިއްސާކޮށްލަން ގަސްތުކުރީމެވެ. މި މައްސަލައެއްގެ ތެރެއިން ފެނިގެންދިޔަ މުހިއްމު ބައެއް ކަންކަމާމެދު ދިވެހިން މިއަދު މިޤައުމު އޮތް ހާލަތުގެ އަލީގައި ވިސްނައި ފިކުރުމަކީ ޟަރޫރަތްތެރިކަން ބޮޑު ކަމެއްކަމަށް ފެންނާތީއެވެ.

ރާއްޖޭގައި އިންޑިއާއިން ޖަރީމާއެއް ހިންގައިގެން މިއަދުގެ ސަރުކާރަށް ބަހެއް ބުނެވުނީސްތަ؟

މިއަދު މިއޮތް ސަރުކާރުން ގެންގުޅޭ "އިންޑިއާ ފާސްޓް" ސިޔާސަތަކީ އަމަލީ ގޮތުން އެ ސިޔާސަތު ތަންފީޒުކުރާ ގޮތަށް ބަލާއިރު "އިންޑިއާ އޮންލީ" ސިޔާސަތެއްގެ ގޮތުގައި ސިފަކުރާނެ ޖާގަ އެބައޮތެވެ. ތަރައްޤީގެ މަޝްރޫޢުތައް ހިންގަނީ އިންޑިއާއިން ނަގާ ދަރަނިންނެވެ. އެކި ދާއިރާތަކުގެ ދިވެހިން ތަމްރީނުކުރަން ފޮނުވާ ހަމައެކަނި ޤައުމަކީ އިންޑިއާއެވެ. ސިވިލް ސާވެންޓުންނާއި، ފުލުހުންނާއި ސިފައިންނާއި، ފަނޑިޔާރުންނާއި އެނޫންވެސް މުހިއްމު ދާއިރާތަކުން ބެޗު ބެޗަށް މީހުން ފޮނުވަނީ އިންޑިއާއަށެވެ.

ރާއްޖޭގެ ވަކި އިދާރާއެއް ވަކި ދާއިރާއެއް އިސްތިސްނާކުރުމެއް ނެތި ހުރިހާ ދާއިރާއެއްގެ ތެރެއަށް ވަދެ އެމުއައްސަސާތަކާއި، އިދާރާތަކުގެ މަސައްކަތުގެ ތެރެއަށް ބޭނިގަންނަނީ ހަމައެކަނި އިންޑިއާއެވެ. ދިވެހި ސިފައިންގެ މައި މަރުކަޒަށް ކުރިން އެންގުމެއް ނެތި ވަންނަ ހަމައެކަނި ސަފީރަކީ އިންޑިއާގެ ސަފީރެވެ. ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ރޭގަނޑު ދަން ވަގުތުތަކުގައި ސަފާރީތަކާއި އަމިއްލަ ގޭގައި ބައްދަލުކުރާ ހަމައެކަނި ސަފީރަކީވެސް އިންޑިއާ ސަފީރެވެ.

މި ހަގީގަތްތަކުގެ އަލީގައި އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ މިއަދު ކެނަޑާގެ ބޮޑުވަޒީރު ސިފަކުރެއްވި ބާވަތުގެ ޖަރީމާއެއް އިންޑިއާއިން ރާއްޖޭގައި ހިންގައިފިނަމަ، އެކަމުގެ ހަގީގަތް ހާމަކުރުމުގެ ޤާބިލުކަމާއި ލަޔާގަތު ދިވެހިރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކިބައިގައި ހުންނާނެތޯ ކުރެވޭ ސުވާލެވެ. ވީތަނާއި ވަމުންދާ ގޮތަށް ބަލާއިރު، އަޅުގަނޑަށް ބުރަވެވެނީ އެފަދަ ހާލަތެއްގައި އެކަމެއް ސިއްރުކުރުން ނޫން އިޚުތިޔާރެއް މިއަދު މިއޮތް ސަރުކާރަށް، މި ސަރުކާރުވެރި ވެރިންނަށް ނޯންނާނެ ކަމުގައެވެ.

ޖަރީމާ ހިންގުމަށް ބަރު ހަތިޔާރާއެކު ސިފައިން ތިބުން ލާޒިމު ނޫންކަން

ޤައުމެއްގެ އެތެރޭގައި އެ ޤައުމެއްގެ ރައްޔިތަކު ޤަތުލުކޮށްލުމަށްވުރެ ބޮޑަށް އެ ޤައުމެއްގެ ސިޔާދަތަށް އަރައިގަނެވޭނެ ގޮތެއް ނޯންނާނެއެވެ. ކެނަޑާއަކީ ބާރުގަދަ ދުނިޔޭގެ މަސްރަހުގައި ނުފޫޒުގަދަ ދައުލަތެކެވެ. އެފަދަ ޤައުމެއްގައި އެ ޤައުމުގެ ޤާނޫނުގެ ހިމާޔަތާއި ރައްކާތެރިކަމުގެ ހިޔަލުގައި ހުރި އެ ޤައުމުގެ ރައްޔިތެއް މަރައިލުމުގެ ޖަރީމާ އިންޑިއާއިން ހިންގިކަމުގެ ބުރަދަންހުރި ހެކި އެބަހުރިކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ވިދާޅުވުމުން އުފެދޭ ސުވާލަކީ އެކަންކުރީ ބަރު ހަތިޔާރާއެކު އިންޑިއާ ސިފައިން ތިބެގެންތޯއެވެ؟

ނޫނެކެވެ. ކެނަޑާގައި ހަތިޔާރުއެޅި އިންޑިއާ ސިފައިން ނެތެވެ. ތިބީ އެ ޤައުމުގެ ޖާސޫސުންނެވެ. ދެން ތިބޭނީ ކެނަޑާގައި ހުންނަ އިންޑިއާގެ އެމްބަސީގައި ސަލާމަތީ މަސައްކަތްތަކަށް ތިބި ބައެކެވެ. ނަމަވެސް އެއޮތީ މިބޮޑު ޖަރީމާ ހިންގާފައެވެ. އެހެންކަމުން ޤައުމެއްގެ ސިޔާދަތަށް ގޮންޖަހައި ބޮޑެތި ޖަރީމާތައް އެ ޤައުމުގެ އެތެރޭގައި ހިންގުމަށް ހަތިޔާރު އެޅި ސިފައިން އެ ޤައުމެއްގައި ޤާއިމުވެގެން ތިބުން ލާޒިމެއް ނޫނެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމުވެގެން ތިބޭތީ ކަންބޮޑުވުމާއި ނުރުހުން ފާޅުކުރާ ކޮންމެ ފަހަރަކު ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދޭ ޖަވާބަކީ، ހަތިޔާރު އެޅި ސިފައިން ނެތޭ ބުނާ ބުނުމެވެެ. ހަތިޔާރު އެޅިޔަސް ނޭޅިޔަސް އިންޑިއާ ސިފައިންނާއި ޖާސޫސީ ހަރަކާތްތެރިން ދިވެހި ފަސްގަނޑުގައި ތިބުމަށް ގިނަ ބަޔަކަށް ނުރުހެވެނީ އިންޑިއާގެ ފަރާތުން މިފަދަ ކަންކަން ހިނގާތީއެވެ. ޖަރުމަނުގައިވެސް އިންޑިއާއިން ޖާސޫސީ މަސައްކަތްތަކެއް ކޮށްގެން މައްސަލަ ހޫނުވިކަން އެނގޭތީއެވެ.

އިންޑިއާގެ ދާޚިލީ ކަންކަމާ ބެހުން ގޯސް، ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހުން މޮޅު؟

ބޮޑުވަަޒީރު ޓްރޫޑޯގެ އިއުލާނާއެކު އިންޑިއާއިން މިކަމުގައި އެޅި ފިޔަވަޅަށްވެސް ބަލައިލަންޖެހެއެވެ. އެއާއެކު އިވުނީ އިންޑިއާގައި ހުންނެވި ކެނަޑާގެ އިސް ޑިޕްލޮމެޓެއް އެ ޤައުމުން ބޭރުކުރި ވާހަކައެވެ. އޭނާ އެ ޤައުމުން ބޭރުކުރި ސަބަބެއްކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ އެ ޤައުމުގައި ތިއްބަވާ ކެނަޑާގެ ޑިޕްލޮމެޓުން އިންޑިއާގެ ދާޚިލީ ކަންކަމާ ބެހިވަޑައިގަތުމުން އެ ޤައުމުގެ ސަރުކާރުގެ އޮތް ނުރުހުން ފާޅުކުރުމެވެ.

އިންޑިއާއިން ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމާ ބެހުނީ އިއްޔެއަކު މިއަދަކު ނޫނެވެ. އިންޑިއާގެ "ބެކްޔާޑު"ގެ ގޮތުގައި ރާއްޖެ ސިފަކޮށް އިންޑިއާއިން 2013 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ނޮވެންބަރު 17 ވަނަ ދުވަހާ ދެމެދުގައި ރާއްޖޭގެ ދާޚިލީ ކަންކަން ހިންގަންވީ ގޮތް ކިޔައިދީ ނެރުނު ބަޔާންތައް މިއަދުވެސް ފެންނާން އެހުރީއެވެ. އެފަހުން ފާއިތުވި 5 އަހަރުގައި އިންޑިއާއިން ރާއްޖޭގެ އެތައް ކަމަކާ ބެހެއެވެ.

ޑިޕްލެމެސީއާއި ބައިނަލްއަޤުވާމީ ގުޅުންތަކުގެ ހުރިހާ ހަމަތަކާ އުސޫލުތަކާ ޚިލާފަށް އިންޑިއާގެ ސަފީރުގެ ނައިބު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުޤައްރިރު ރޮޒައިނާ އާދަމަށް ގުޅައި "ދިޔަރެސް" ނޫހަށް ފިޔަވަޅުއަޅައިދޭން އެދުނެވެ. އެފަހުންވެސް އެކި ކަންކަމުގައި ބަޔާންތައް ނެރި ރާއްޖޭގެ ދާޚިލީ ސިޔާސީ ކަންކަމުގެ ތެރެއަށް އަތް ބާނައެވެ. ވެރިކަންކުރާ ޕާޓީ އެމްޑީޕީގެ އެތެރޭގައި މައްސަލަ ހޫނުވުމުން ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން އިންޑިއާ ސަފީރު ދިރިއުޅުއްވާ އެޕާޓުމެންޓަށް ގެންދަވައިގެން އެކުރެއްވި ކަމެއްވެސް ކުރެއްވިއެވެ.

ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހުން އިންޑިއާއަށް މައްސަލައަކަށް ނުވެއެވެ. އެކަން މައްސަލައަކަށް ނުވަނީ ދިވެހި ސަރުކާރުން އެކަން އެއްވެސް މައްސަލައަކަށް ނުހަދާތީއެވެ. ދިވެހި ސަރުކާރަށް މައްސަލައަކަށް ނުވާނަމަ އިންޑިއާއަށް އެއީ މައްސަލައަކަށްވާނެތޯއެވެ؟ އަދި އިންޑިއާއަށް އެހެން ޤައުމަކުން އެ ޤައުމުގެ ދާޚިލީ ކަންކަމާ ބެހުން ތަހައްމަލުނުކުރެވޭއިރު، ރާއްޖޭގެ ކަންކަމަށް އެހެން ޤައުމުން ހަތަރެއްފައާއި ދެންވެސް ލެވެން އޮތް ހުރިހާ އެއްޗެއް ލައިގެން މިހާވާ ހަޑި ދިވެހިންނަށް ތަހައްމަލުކުރެވެނީ ކީއްވެ ހެއްޔެވެ؟

މި ސުވާލުތަކަކީ މިއަދުގެ ހާދިސާތަކާ ގުޅިގެން އަޅުގަނޑުގެ ހިތަށް އަރާފައިބާ ސުވާލެވެ. މި ސުވާލުތަކަށް ޖަވާބުދެއްވަނީ ތިޔަ އައުދާން ކިޔުންތެރިންނެވެ. ޖަވާބުތަކަށް ނުހަނު އިންތިޒާރުކުރަމެވެ.

މި ލިއުމާއި ގުޅޭ