Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

މަޖިލިސް ހުއްޓުވާފައި އޮތުމާ ގުޅިގެން ރައީސް އިބްރާހީމަށް ރައީސް ނަޝީދުގެ ސިޓީއެއް!

ރައްޔިތުންގެ މަޖިލިސް ހުއްޓުވާފައި އޮތުމާ ގުޅިގެން ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިޓީފުޅެއް ފޮނުއްވައިފިއެވެ.

ރައީސް ނަޝީދު ރައީސް އިބްރާހިމްއަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ ރައްޔިތުން މަޖިލީހުގެ ގަވައިދުގެ 3 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމަކީ މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތެއްކަމަށާއި މަޖިލީހުގެ ގަވައިދަށް އުނިކަން އަންނަފަދަ އެއްވެސް އަމަލެއް ހިނގައިފި ނަމަ ނުވަތަ މަޖިލީހުގެ ގަވައިދަށް އުނިކަމެއް އަތުވެދާނެކަމަށް ބެލެވޭ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެ ނަމަ އެކަމެއް ހުއްޓުވުމަށް ކުރަން ޖެހޭ ކަންކަން ކުރުމަކީވެސް މަޖިލީހުގެ ރައިސްގެ ޒިންމާއެއްކަމަށެވެ.
މިކަންކަމުގެ އިތުރުން ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އެއްގޮތްވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވަނީވެސް މަޖިލީހުގެ ރައީސްއަށްކަން ރައީސް ނަޝީދުގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވެއެވެ.
މިކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމްގެ ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ އިމާރާތަށް ހާޒިރުވެވަޑައިގެން ތިއްބަވައި މަޖިލީހުގެ ހާޒިރީގައި ސޮއިކުރެއްވި ނަމަވެސް މަޖިލީހުގެ ޖަލްސާކުރާ މާލަމުގެ އެތެރެއަށް ވަދެވަޑައި ނުގަންނަވާ ތިއްބަވައި މަޖިލީހުގެ ޖަލްސާ ފެށުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަކުރުމަށް ދަތިތައް ކުރިމަތިކުރުވައި މަޖިލީހުގެ ޖަލްސާތައް ފެށުމަށް ހުރަސް އަޅުއްވަމުން ގެންދަވާކަން ފާހަގަކުރެވޭކަމަށެވެ.
އަދި އެގޮތަށް އެމްޑީޕީގެ މަޖިލިސް މެންބަރުން މަޖިލިސް ހުއްޓުވައި މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އަޅުއްވަމުން ގެންދަވަނީ ރައީސް އިބްރާހިމް އެކަމުގައި ބައިވެރިވެވަޑައިގެންކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް އެމަނިކުފާނުގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވެއެވެ.
އެހެންކަމުން ދިވެހި ދައުލަތުގެ ބާރުތައް ރައީސް އިބްރާހިމްގެ އަތްޕުޅު މައްޗަށް ނަންގަވައި ދިވެހި ދައުލަތް ހުއްޓުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ހުއްޓާލެއްވުމަށް ރައީސް ނަޝީދުވަނީ ރައީސް އިބްރާހިމްއަށް ގޮވާލައްވާފައެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު އަދާކުރައްވަން ޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ދެމިހުންނަވާނެކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުނަ ނުދީ ކުރިއަށް ގެންދިއުމަށް ކުރަން ޖެހޭ އެންމެހައި ކަންކަން ކުރައްވާނެކަމަށްވެސް ރައީސް ނަޝީދުގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ