Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން

ފަނޑިޔާރުން އަނެއްކާވެސް ޗުއްޓީއަށް، ރައީސް ޔާމީންގެ އިސްތިއުނާފު "ތާށި"

ވ. އާރަށް މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފުގެ މައްސަލަ ކުރިއަށް އޮތް ތިން ހަފްތާއަށްވެސް ހައިކޯޓުގައި ތާވަލް ނުކުރާ ކަމަށް އިދިކޮޅުން ބުނެފި އެވެ.

އާރަށް މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 25ގަ އެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ އިސްތިއުނާފުކުރަން ހުށަހެޅުމުން ހައިކޯޓުން މައްސަލަ ބަލައިގަތީ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އަދި އަޑުއެހުންތައް ފެށީ ޖޫން މަހުގެ ތެރޭގަ އެވެ.
އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މި މަހު 6 ވަނަ ދުވަހު އެވެ. އިސްތިއުނާފު ލަސްވާ މައްސަލައިގައި އިދިކޮޅު ލީޑަރޝިޕުން އަނެއްކާވެސް މިއަދު ވަނީ ހައިކޯޓަށް ވަޑައިގެންފަ އެވެ.
ހައިކޯޓަށް ވަޑައިގަތުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކޯޓުން ދިން މައުލޫމާތުން އެނގޭ ގޮތުގައި ކުރިއަށް އޮތް ތިން ހަފްތާއަށްވެސް ރައީސް ޔާމީންގެ އިސްތިއުނާފު ތާވަލް ނުކުރާނެ އެވެ. އެއީ އެ މައްސަލަ ބައްލަވާ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަންނަވާތީ އެވެ.
"އަޅުގަނޑުމެންނަށް މި އެނގުނީ ކުރިއަށް އޮތް ތިން ހަފްތާއަށް ބަލާއިރު ވެސް އެ މައްސަލަ އެޖެންޑާ ކުރުމުގެ ވިންނުމެއް މިތާ ތެރޭގައި ނެތްކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެހެން މި ދަންނަވާލަން ޖެހޭ ސަބަބަކީ، އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނު ގޮތުގައި ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރު 23 އިން ފެށިގެން އެބަ ޗުއްޓީ ނަންގަވާ. އަނެއްކާ ދެންމެ މި ލިބުނު މައުލޫމާތަކީ 25 އިން ފެށިގެން ހައިކޯޓުގެ ބޭފުޅުން ރަސްމީ ދަތުރުފުޅެއްގައި އެބަ ވަޑައިގަންނަވައޭ."
އެހެންކަމުން މި މަހު 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުމުގެ ކުރިއަށް ރައީސް ޔާމީންގެ އިސްތިއުނާފުގެ އެއްވެސް އަޑުއެހުމެއް ތާވަލް ކުރަން ރާވާފައި ނުވާކަން ސާފު ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ އިސްތިއުނާފު އަވަސްކޮށްދިނުމަށް އެދި ރިޔާސީ އިންތިހާބުގެ ކުރިންވެސް އިދިކޮޅު ލީޑަރޝިޕުން ތަކުރާރުކޮށް ހައިކޯޓަށާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި، ޖޭއެސްސީގެ އިތުރުން ރައީސް އޮފީހަށް ވެސް ވަޑައިގެންނެވި އެވެ.
އެކަމަކު އެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރަކު މިދިޔަ ޖުލައި މަހުގެ ތެރޭގައި ވެސް ޗުއްޓީ ނެންގެވުމުން އެތައް ދުވަހެއް ވަންދެއް މައްސަލަ ހުއްޓިފައި އޮތެވެ. ފަނޑިޔާރުންގެ ޗުއްޓީގެ ސަބަބުން މިދިޔަ އޮގަސްޓުގެ ނިޔަލަށް ވެސް އިސްތިއުނާފުގެ އެއްވެސް އަޑުއެހުމެއް ނުބޭއްވުނެވެ.
އާރަށް މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހުކުމްކުރީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމައި ޕީޕީއެމްގެ ޓިކެޓު އެމަނިކުފާނަށް އެރުވި ފަހުންނެވެ. ޕީޕީއެމްއާ ކޯލިޝަންގައި އޮތް ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔާރު ޑރ. މުހައްމަދު މުއިއްޒު އިދިކޮޅުން ރިޔާސީ އިންތިހާބަށް ނެރުނީ، ޖަލު ހުކުމާ ގުޅިގެން ރައީސް ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ން ނިންމުމުންނެވެ. އީސީގެ ނިންމުން ބަދަލުކުރަން އިދިކޮޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް އެ ކޯޓުންވެސް ނިންމީ ރައީސް ޔާމީނާ ދެކޮޅަށެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، ގާނޫނީ ހަމަތަކުގެ ތެރެއިން ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
މި މަހު 9 ވަަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައިގެ އިތުރުން ވޯޓު ނުހޯއްދެވުމުން އިންތިހާބު ދިޔައީ ދެވަނަ ބުރަކަށެވެ. އެކަމަކު ލައްކައަކަށްވުރެ ގިނަ ވޯޓު (%46) އާ އެކު ފުރަތަމަ ބުރުން ކުރި ހޯއްދެވީ ޑރ. މުއިއްޒެވެ. ދެވަނަ ދައުރަށް ވާދަކުރައްވާ އެމްޑީޕީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިލެއްވީ %39 ވޯޓެވެ. އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހު 30 ގަ އެވެ.
މި ލިއުމާއި ގުޅޭ