Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

ރަށްރަށުން ފެންނަނީ މި ސަރުކާރަށް ތަރައްޤީގެ މަޝްރޫޢުތައް ނުހިންގޭކަން: ޑރ.މުޢިއްޒު

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުން ފެނިވަޑައިގަތީ މި ސަރުކާރަށް ތަރައްޤީގެ މަޝްރޫޢުތައް ނުހިންގޭކަން ކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުން 46 އިންސައްތަ ވޯޓު ކާމިޔާބުކުރެއްވި ޑރ.މުޢިއްޒު މިފަދައިން ވިދާޅުވީ ރޭ މާލޭގެ ގަލޮޅުގައި ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ޑރ.މުޢިއްޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ މި ސަރުކާރުން މިހާތަނަށް ފަށައިގެން ހިންގާ އެންމެ ބޮޑު އުމްރާނީ ތަރައްޤީގެ މަޝްރޫޢުކަމަށްވާ ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު މާލެއާއި ގުޅުވައިލާ ބުރިޖުގެ މަޝްރޫޢުވެސް ފަސް އަހަރުގެ ދައުރުގައި ނިންމައިނުލެވުމެވެ. އަދިވެސް މަޝްރޫޢުގެ މަސައްކަތްކުރިއަށްދަނީ ވަރަށް ލަސް ދުވެލީގައިކަން އޭނާ ފާހަގަކުރެއްވިއެވެ.

އަދި ރަށްތަކަށް ވަޑައިގަތުމުން ފެނިވަޑައިގެންނެވި މަންޒަރުތައް އޭނާ ހިއްސާކުރެއްވިއެވެ. އެގޮތުން އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގައި ރަށަކަށް ވަޑައިގެންނެވިއިރު އެ ރަށުގެ ނަރުދަމާ މަޝްރޫޢުގެ ހޮޅިތައް ވަޅުނުލައި މަގުމަތީގައި އަތުރާފައި ހުރިތަން ފެނިވަޑައިގެންނެވިކަމަށާއި، އެ މަސައްކަތް ކުރާތާ 4 އަހަރު ވެފައިވާކަމަށް މުޢިއްޒު ވިދާޅުވިއެވެ.

" ހެލްތު ސެންޓަރު ހަދަން ފަށާފައި ހުއްޓާލާފައި. އަހާލީމަ މި ވާ ގޮތަކީ ދައުރުގެ ކުރީކޮޅު ފެށީ، ފަށައިގެން ކޮންޓްރެކްޓަރު އަރާފައި ކޮންމެ ވެސް ވަރަކަށް މޮބިލައިޒްވެލާފައި އެޑްވާންސް ޕޭމަންޓް ނަގަނީ. ދެން އެ ގެއްލުނީ ކޮންޓްރެކްޓަރު. ދެން ހިނގައިދާނެ އަހަރެއް ދޮޅު އަހަރު، ދެން އެ މަޝްރޫއު އަވަސްކުރަނީ އެހެން ބަޔަކާ ހަވާލުކޮށްގެން. ދެން އަނެއްކާ އޭނާ ވެސް އެޑްވާންސް ޕޭމަންޓް ނަގާފައި ކުޑަކުޑަކޮށް މަސައްކަތް ކޮށްލާއި އެ މީހުން ވެސް ގެއްލެނީ،" އެހެން ރަށަކުން ފެނިވަޑައިގެންނެވި މަންޒަރު ސިފަކޮށްދެއްވައި ޑރ.މުޢިއްޒު ވިދާޅުވިއެވެ.

އަދި މީގެ ހަތަރު އަހަރު ކުރިން ރަށެއްގައި މަލްޓިޕާޕޯސް ހޯލާއި ސުކޫލުގެ އިތުރު ކުލާސް ރޫމުތައް އެޅުމުގެ މަސައްކަތް ފެށިއިރު މިއަދަށް އެޅިފައިހުރީ ހަމައެކަނި ތަނބުތައް ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި އެ މަޝްރޫޢު ހިންގާތާ ހަތަރު އަހަރުވީއިރު ސަރުކާރަށް ކުރެވުނު ކަމަކީ ހަމައެކަނި ތަނބުތައް ޖަހައިލުންކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ.މުޢިއްޒު އިތުރަށް ފާހަގަކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި މަޝްރޫޢުތައް ހިންގާނެ ގޮތަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ރައްޔިތުންނަށް ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ވެރިކަމެއްގައިވެސް މަސައްކަތްކުރައްވާނީ ރައީސް ޔާމީނުގެ ވެރިކަމުގައި މަސައްކަތްކުރި ގޮތަށްކަމުގައި އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ