Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީންގެ ޝަރީޢަތް

ރައީސް ޔާމީންގެ އިސްތިއުނާފު އަވަސްކުރުމަށް އިދިކޮޅުން ހައިކޯޓަށް

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު ލަސްވާތީ އިދިކޮޅު ލީޑަރޝިޕުން މިއަދު ހައިކޯޓަށް ވަޑައިގެންފި އެވެ.
ވ. އާރަށް މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، މިދިޔަ ޑިސެމްބަރު މަހު ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމައި ޕީޕީއެމްގެ ޓިކެޓު އެމަނިކުފާނަށް އަރުވާފައި އޮއްވަ އެވެ.
އެ މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން މައްސަލަ ބަލައިގަތީ މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު އެވެ. އެކަމަކު އިސްތިއުނާފު ދިގު ދަންމަމުން ގޮސް، ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ހައްގު ވެސް ގެއްލުނީ އެ ޖަލު ހުކުމް އޮތުމުންނެވެ.
ރައީސް ޔާމީންގެ އިސްތިއުނާފު އަވަސްކޮށްދިނުމަށް އެދި ރިޔާސީ އިންތިހާބުގެ ކުރިންވެސް އިދިކޮޅު ލީޑަރޝިޕުން ތަކުރާރުކޮށް ހައިކޯޓަށާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި، ޖޭއެސްސީގެ އިތުރުން ރައީސް އޮފީހަށް ވެސް ވަޑައިގެންނެވި އެވެ.
ސަރުކާރުގެ އެކި ވުޒާރާތަކާ މަޝްވަރާކޮށްގެން ވެސް އިސްތިއުނާފު އަވަސް ނުވި އިރު، މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުން ޗުއްޓީ ނެންގެވުމުން ރިޔާސީ އިންތިހާބުގެ ކުރިން އެތައް ދުވަހެއް ވަންދެއް އެ މައްސަލަ ހުއްޓިފައި ވެސް އޮތެވެ.
އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މި މަހު 6 ވަނަ ދުވަހު އެވެ. އޭގެ ކުރީ އަޑުއެހުން އޮތީ މިދިޔަ މަހު 30 ގަ އެވެ.
ޕީޕީއެމްއާ ކޯލިޝަންގައި އޮތް ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔާރު ޑރ. މުހައްމަދު މުއިއްޒު އިދިކޮޅުން ރިޔާސީ އިންތިހާބަށް ނެރުނީ، އާރަށް މައްސަލައިގައި ކޮށްފައިވާ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއާ ގުޅިގެން ރައީސް ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމުމުންނެވެ. އީސީގެ ނިންމުން ބަދަލުކުރަން އިދިކޮޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް އެ ކޯޓުންވެސް ނިންމީ ރައީސް ޔާމީނާ ދެކޮޅަށެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، ގާނޫނީ ހަމަތަކުގެ ތެރެއިން ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
މި މަހު 9 ވަަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައިގެ އިތުރުން ވޯޓު ނުހޯއްދެވުމުން އިންތިހާބު ދިޔައީ ދެވަނަ ބުރަކަށެވެ. އެކަމަކު ލައްކައަކަށްވުރެ ގިނަ ވޯޓު (%46) އާ އެކު ފުރަތަމަ ބުރުން ކުރި ހޯއްދެވީ ޑރ. މުއިއްޒެވެ. ދެވަނަ ދައުރަށް ވާދަކުރައްވާ އެމްޑީޕީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިލެއްވީ %39 ވޯޓެވެ. އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހު 30 ގަ އެވެ.
މި ލިއުމާއި ގުޅޭ