Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ޙަސަން ލަޠީފު

ވެރިކަން ލިބިގެން ކަމެއް ކޮށްދޭން ރައީސް ވިދާޅުވެގެން މިހާރު އިތުބާރެއް ނުކުރެވޭ: ހަސަން

ވެރިކަން ލިބިގެން ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ކަމެއް ކޮށްދެއްވާނެކަމަށް ވިދާޅުވެގެން ޑިމޮކްރެޓްސްގެ އެއްވެސް މެންބަރަކު މިހާރު ގަބޫލު ނުކުރާނެކަމަށް ދަ ޑިމޮކްރެޓްސްގެ މުއައްސިސް އަދި ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާމެދު ގޮތެއް ނިންމުމަށް ޑިމޮކްރެޓްސްއިން ވަނީ ރޭ ކައުންސިލް ބައްދަލުވުމެއް ބާއްވާފައެވެ.

އެ ބައްދަލުވުމުގައި ގަރާރަކުން ފާސްކޮށްފައިވަނީ ރާއްޖޭގައި އޮންނަ ވެރިކަމުގެ ނިޒާމާއި ބެހޭގޮތުން 28 ސެޕްޓެމްބަރުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް 20 ސެޕްޓެމްބަރު 2023 ގެ ކުރިން އެމްޑީޕީން އެއްބަސްވާނަމަ އެ ޕާޓީއާއެކު ޑިމޮކްރެޓްސްއިން މަޝްވަރާ ކުރުމަށެވެ.

އަދި ޕީއެންސީއާއެކު ޑިމޮކްރެޓްސް ސަރުކާރު އުފެއްދުމަށް ބައިވެރިވާނެ މިންވަރާއި އެ ސަރުކާރުގައި ޑިމޮކްރެޓްސްގެ ސިޔާސަތު ބަޔާންކުރާނެ މިންވަރު ބަޔާންކުރާ ލިޔުމެއްގައި 20 ސެޕްޓެމްބަރު 2023 ގެ ކުރިން އެ ޕާޓީން ސޮއި ކުރަން އެއްބަސްވާނަމަ އެ ޕާޓީއާއެކު މަޝްވަރާކުރުމަށާއި އެމްޑީޕީއާ ޕީއެންސީއަށް ހުށަހަޅާ ހުށަހެޅުންތަކަށް އެ ދެޕާޓީކުރެން އެއްވެސް ޕާޓީއެއް އެއްބަސް ނުވާ ނަމަ އިންތިހާބުގައި ދެވަނަ ބުރުގައި ވާދަކުރާ އެއްވެސް ޕާޓީއަކަށް ޑިމޮކްރެޓްސްއިން ތާއީދު ނުކުރުމަށް ވެސް އެ ގަރާރުން ވަނީ ފާސްކޮށްފައެވެ.

ކައުންސިލް ބައްދަލުވުމަށް ފަހު ބޭއްވި ނޫސްވރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީއާއެކުވެސް އަދި ރަސްމީ ސިފައެއްގައި އިންތިހާބުގެ ދެވަނަ ބުރާއި ގުޅިގެން މަޝްވަރާ ނުކުރެވޭކަމަށެވެ.

އަދި ރައީސް އިބްރާހިމްއާ އެކީ ރައީސް ނަޝީދު ފޯނުން ވާހަކަ ދެއްކެވިކަމަށާއި ނަމަވެސް އެއީ މަޝްވަރާއެއް ގޮތަށް ހިނގި ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ފަރާތުން ދަންނަވާފައި އޮންނާނީ 30 ސެޕްޓެމްބަރުގެ ކުރިއަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުގެ ވާހަކަ، އޭގެ ފަހުން ފެންނަ ނުފެންނަ ވޯޓަށް ދާ ވާހަކައެއް އަޅުގަނޑުމެން ނުދައްކަން، އެއީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭގޮތުގައި ރައީސް އިބްރާހިމްއަކަށް ނެތް ވަޑައިގެންނެވޭކަށް ވެރިކަމަކަށް ދެނެއް، އެހެންވީމާ ވަޑައިގެންނެވެން ނެތް ވެރިކަމެއްގައި ކޮށްދެއްވާނެކަމަށް ކުރައްވާނެކަމަށް ވިދާޅުވާނެ ކަމަކީ އަޅުގަނޑުމެން މިހާރު އެއަށް ބަރޯސާ ވާނެ ކަމެއް ނޫން" ހަސަން ލަތީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސެޕްޓެމްބަރު 30 ގެ ފަހުން ރައީސް އިބްރާހިމް ކުރައްވާނެ ކަމެއްގެ ވާހަކަ އެމަނިކުފާނަކާ ދައްކަން ޑިމޮކްރެޓްސްއިން ބޭނުން ނުވާކަމަށާއި ނިޒާމު ބަދަލުކުރުމާއި ގުޅިގެން ކުރާ ކަމެއް ކުރިއަށް ގެންދަން ބޭނުންވަނީ އޭގެ ކުރިންކަމަށެވެ.

ހަސަން ލަތީފް އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުމަށްފަހު ކުރައްވާނެކަމެއްގެ ވާހަކަ ރައީސް އިބްރާހިމް ވިދާޅުވެގެންނެއް ޑިމޮކްރެޓްސްގެ އެކަކުވެސް މިހާރު ގަބޫލު ނުކުރާނެ ކަމަށެވެ.

"ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުމަށްފަހު ކުރައްވާނެކަމެއްގެ ވާހަކަ ރައީސް ޞާލިހް ވިދާޅުވެގެންނެއް ޑިމޮކްރެޓްސްގެ އެކަކުވެސް މިހާރު ގަބޫލެއް ނުކުރާނެ" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 2018 ގެ ކުރިން އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލިއިރު ވެރިކަމަށް ވަޑައިގަންނަވާތާ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓަކަށް އައްސަވާނެކަމަށް ރައީސް އިބްރާހިމް ވިދާޅުވެފައިވާކަމަށާއި އެކަމަކު މިއަދާ ހަމައަށްވެސް އެކަމެއް ނުކުރެއްވިކަމަށެވެ.

އެހެންވެ ރައީސް އިބްރާހިމް ވެރިކަން ލިބިވަޑައިގަތުމުން ކަމެއް ކުރައްވާނެކަމަށް މިހާރު ވިދާޅުވުމުން ގަބޫލު ނުކުރެވޭނެކަމަށް ހަސަން ވިދާޅުވިއެވެ.

"އެމްޑީޕީގައި ރައީސް އިބްރާހިމްއަށް ތާއީދު ނުކުރެއްވި ބޭފުޅުން ގަބޫލެއް ނުކުރައްވާނެ. އިތުބާރުގެ މައްސަލައެއް މި އުޅެނީ" ހަސަން ލަތީފް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ